ސްކޫލުތަކުގައި ޕްލާސްޓިކް ބޭނުންކުރުން އާދިއްތަ އިން ފެށިގެން މަނާ
ސްކޫލުތަކުގައި ޕްލާސްޓިކް ބޭނުންކުރުން އާދިއްތަ އިން ފެށިގެން މަނާ

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕްލާސްޓިކް ބޭނުންކުރުން މަނާކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ދަށުން ހިންގާ އުފާ އޮފީހުގެ ފަރާތުން ވާހަކަ ދައްކަވަމުން ފާތިމަތު ސޯފިޔާ ރަޝީދު ވިދާޅުވީ، "ފަރުކޮއެ" މަޝްރޫއުގެ ދަށުން ސްކޫލުތަކުގައި ޕްލާސްޓިކް ބޭނުންކުރުން މަނާކުރާއިރު، ޕްލާސްޓިކް ބޭނުން ކުރުން ބައެއް ސްކޫލުތަކުގައި މިހާރު ވެސް މަނާ ކަމަށެވެ.

އޭނާ ވިދާޅުވީ އަމިއްލަ ތަންތަން ވެސް ހިމަނައިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަން ތައްޔާރުވުމުން އެކަން އިއުލާނުކުރާ އެވެ. އެއާއެކު ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ފުޅި ފަދަ ތަކެތި ސްކޫލަށް ގެންދިއުން މަނާވާނެ އެވެ.

ފަރުކޮއެ މަޝްރޫއަކީ، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުން ފަރުތައް ދައްކާލައި އެކަމަށް އަހުލުވެރިކުރުވަން ކުރިއަށްގެންދާ ކަމެކެވެ. މިހާރު ވެސް ރާއްޖޭގެ 1500 އަށް ވުރެ ގިނަ ދަރިވަރުންނަށް ވަނީ ފަރު ދައްކާލައިފަ އެވެ.

ސޯފިޔަ ވިދާޅުވީ ސްކޫލުތަކުގައި ޕްލާސްޓިކް ބޭނުންކުރުން މަނާކުރުމުން، އިންޓަވަލް ހަމާއި ލަންޗް ބޮކްސް ފަދަ އެއްޗެހި ސްކޫލެއް ގެންދެވޭނެ އެވެ.

"އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކް ބޭނުންކުރުން މަނާކުރުމުން އިންޓަވަލް ހަމާއި ލަންޗް ބޮކްސް ފަދަ އެއްޗެހި ގެންދެވޭނެ. މިހާރު ވެސް ސްކޫލުތަކުގައި މަނާކުރަމުން އަންނަނީ،" ސޯފިޔަ ވިދާޅުވި އެވެ.