ސަލާމަތީ މަޖިލީހުން މިއަންމާ އަށް ޒިޔާރަތް ކުރަން ހުއްދަދީފި
ސަލާމަތީ މަޖިލީހުން މިއަންމާ އަށް ޒިޔާރަތް ކުރަން ހުއްދަދީފި

ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 3) - އެތައް މަހެއްގެ ދެކޮޅު ހެދުންތަކަށް ފަހު މިއަންމާ އިން އެންމެ ފަހުން ސަލާމަތީ މަޖިލީހުގެ ވަފުދެއް ޒިޔާރަތް ކުރަން ހުއްދަ ދީފި އެވެ.

ނަމަވެސް މިއަންމާ ސިފައިން އަނިޔާވެރި ޖަރީމާތައް ހިންގި ރަކީން ސްޓޭޓަށް ސަފީރުން ގެންދާނެކަން ޔަގީނެއް ނުވެ އެވެ. މިއަންމާ އަށް ޒިޔާރަތް ކުރަން ސަލާމަތީ މިޖިލީހުން ވަނީ ފެބްރުއަރީ މަހު ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް އެ ފަހަރު މިއަންމާ ސަރުކާރުން ވަނީ އެއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަސް ބުނެ އެ ހުށަހެޅުމަށް ދެކޮޅު ހަދައިފަ އެވެ.

ސަލާމަތީ މަޖިލީހުގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓާ ޕެރޫގެ ސަފީރު ގުސްޓާވޯ މީޒާ-ކުއާޑްރާ ވިދާޅުވީ މިއަންމާ އަށް ކުރާ ދަތުރުގެ ތަފްސީލް އަދި މުޅިން ނުނިމޭ ކަމަށެވެ.

"ސަލާމަތީ މަޖިލީހުގެ ސަފީރުންގެ ދަތުރުގައި ރަކީން އަށް ދަތުރު ކުރަން ވެސް ޝައުގުވެރިވޭ. ރަކީން އަށް ގޮސް ހަމަ ލޮލުން ކަންކަން ދެކިލުމުގެ މުހިންމުކަން ބޮޑު،" މެޒާ-ކުއާޑްރާ ވިދާޅުވި އެވެ.

ކައުންސިލްގެ ދަތުރު އިންތިޒާމް ކުރަނީ އިނގިރޭސި ވިލާތާއި ކުވޭތު އަދި ޕެރޫންނެވެ. ރޮހިންޖާ ރެފިއުޖީން ދިރިއުޅޭ ބަންގްލަދޭޝްގެ ކޮކްސް ބާޒާރަށް ސަފީރުން ދިއުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ރަކީންގައި މިއަންމާ ސިފައިން ދޭން ފެށި ހަމަލާތަކާ ގުޅިގެން އަވަށްޓެރި ބަންގްލަދޭޝް އަށް ވަނީ 700،000 ރެފިއުޖީން ހިޖުރަކޮށްފަ އެވެ. މިއަންމާ ސަރުކާރުން ބުނެފައި ވަނީ ރަކީންގައި އަސްކަރީ އޮޕަރޭޝަނެއް ފެށީ "ޓެރަރިސްޓުން" ބޭލުމަށް ކަމަށެވެ. ނަމަވެސް ސަލާމަތީ މަޖިލީހުން ވަނީ ރޮހިންޖާ މީހުން އެނބުރި ރަކީން އަށް ދެވެން ޖެހޭނެ ކަމަށް ބުނެފަ އެވެ.