ކަސިޔަސްގެ 1000 ވަނަ މެޗުން ޕޯޓޯ ބަލިވެއްޖެ
ކަސިޔަސްގެ 1000 ވަނަ މެޗުން ޕޯޓޯ ބަލިވެއްޖެ

ލިސްބަން، ޕޯޗުގަލް (އޭޕްރިލް 3) – ސްޕެއިނުގެ ލެޖެންޑަރީ ގޯލްކީޕަރު އިކާ ކަސިޔަސް ކެރިއަރުގައި ކުޅުނު 1000 ވަނަ މެޗުން އިއްޔެ ޕޯޗުގީސް ލީގުގައި ބެލެނެންސެސް އަތުން އޭނާގެ އެފްސީ ޕޯޓޯ 2-0 އިން ބަލިވެއްޖެ އެވެ.

ޕޯޗުގީސް ލީގު ޗެމްޕިއަންކަމަށް ވާދަކުރަމުން އަންނަ ޕޯޓޯ އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވިއިރު އެ ޓީމު އޮތީ 70 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. އެއް ވަނައިގައި 71 ޕޮއިންޓާ އެކު އޮތީ ބެންފީކާ އެވެ.

މި މެޗަކީ ޕޯޓޯ އަށް އޭނާ ކުޅެދިން 108 ވަނަ މެޗެވެ. އޭގެ ކުރިން އޭނާ ވަނީ ރެއާލް މެޑްރިޑަށް 725 މެޗު ކުޅެދީ އަދި ސްޕެއިން ގައުމީ ޓީމަށް 167 މެޗު ކުޅެދީފަ އެވެ. ކަސިޔަސްގެ ކެޕްޓަންކަމުގެ ދަށުން ސްޕެއިނުން ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ.

އުމުރުން 36 އަހަރުގެ ކީޕަރު 1999 ވަނަ އަހަރު ރެއާލް މެޑްރިޑުގެ ސީނިއާ ޓީމަށް ކުޅެން ފެށީއްސުރެ ފަހަކާ ޖެހެންދެއް އޭނާ އަކީ ދުނިޔޭގައި އެ ވަގުތު ތިބި އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނުނު ކުޅުންތެރިޔެކެވެ. އެކަމަކު މެޑްރިޑުގެ ފުރަތަމަ އެގާރައިން ފުރުސަތު ގެއްލި އެންމެ ފަހުން ޕޯޓޯ އަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އޭނާ ވަނީ މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.

މި ސީޒަނަށް ފަހު އޭނާ ކްލަބް ދޫކޮށްލާނެ ކަމަށް ޕޯޓޯ އިން ވަނީ އިއުލާންކޮށްފަ އެވެ.