03 އެޕްރީލް 2018 - 10:41

ނިއު ދިއްލީ (އޭޕްރިލް 3) – އިންޑިއާގައި މަދަނީ ފަރާތްތަކަށް ދޭ ތިން ވަނަ އަށް އެންމެ މަތީ ޝަރަފް ކަމަށްވާ ޕަދްމާ ބުޝާން އެ ގައުމުގެ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން މަހިންދުރަ ސިންގް ދޯނީ އަށް ދީފި އެވެ.
ނިއު ދިއްލީގެ ރަޝްތުރަޕަތީ ބަވަންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޝަރަފްވެރި އިނާމް ދޯނީ އަށް އެރުވީ އިންޑިއާގެ ރައީސް ރަމްނަތު ކޯވިންދެވެ. ދޯނީގެ އިތުރުން ބިލިއާޑް ވޯލްޑް ޗެމްޕިއަން ޕަންޖަކް އަދްވާނީ އަށް ވެސް ވަނީ މި ޝަރަފް ދީފަ އެވެ.
އިންޑިއާގެ ޓެރިޓޯރިއަލް އާމީގެ ރަމްޒީ އޮފިސަރެއް ކަމަށްވާ ދޯނީ މި ރަސްމިއްޔާތުގައި ހުރީ އަސްކަރީ ޔުނިފޯމެއް އަޅައިގެންނެވެ.
އިންޑިއާ އަށް 2011 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން މި ޝަރަފް ހާސިލްކުރިއިރު އެ ގައުމަށް 1983 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން ކަޕިލް ދޭވް އަށް 1991 ވަނަ އަހަރު ވަނީ ޕަދްމާ ބޫޝާން ދީފަ އެވެ.
މި ޝަރަފް ހާސިލްކޮށްފައިވާ ކުޅިވަރު އެހެން ތަރިންގެ ތެރޭގައި ބޮކްޗިން ތެޅުންތެރިޔާ މޭރީ ކޮމް އާއި ޓެނިސް ތަރި ސާނިއާ މިރްޒާ އާއި ކްރިކެޓް ކުޅުންތެރިޔާ ރާހުލް ޑްރާވިޑް ހިމެނެ އެވެ.
އިންޑިއާގެ ދެ ވަނަ އަށް އެންމެ މަތީ އެވޯޑް ކަމަށްވާ ޕަދްމާ ވިބުޝާން، ކުޅިވަރުގެ ތެރެއިން ހާސިލްކޮށްފައިވަނީ ކްރިކެޓުގެ ލެޖެންޑް ސަޗިން ޓެންޑުލްކާ އާއި ޗެސް ގްރޭންޑްމާސްޓާ ވިސްވަނަތަން އާނަންދު އަދި އެވަރެސްޓް ފަރުބަދައިގެ ކުންނާ ހަމަޔަށް އެރި ފުރަތަމަ ގްރޫޕުގައި ހިމެނޭ ނިއުޒީލެންޑުގެ އެޑްމުންޑް ހިލަރީ އެވެ. އަދި އެންމެ މަތީ ޝަރަފް ކަމަށްވާ ބާރަތު ރަތުނާ ކުޅިވަރުން ހާސިލްކޮށްފައިވަނީ ޓެންޑުކްލާ އެކަންޏެވެ.
އިންޑިއާގެ ލިމިޓެޑް އޯވާ ކްރިކެޓް ދެ ޓީމުގެ ކެޕްޓަންގެ ޒިންމާ 10 އަހަރު ނެގި ދޯނީ ވަނީ އޭނާގެ ކެޕްޓަންކަމުގެ ދަށުން އިންޑިއާ އަށް 2007 ވަނަ އަހަރުގެ ޓްވެންޓީ20 ކްރިކެޓް ވޯލްޑް ކަޕް އަދި 2011 ވަނަ އަހަރުގެ 50 އޯވަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދީފަ އެވެ.
އިންޑިއާގެ 50 އޯވަރު ކްރިކެޓް އަދި ޓްވެންޓީ20 ކްރިކެޓް ޓީމުގެ ކެޕްޓަންގެ މަގާމުން ދޯނީ ވަކިވިކަން އިއުލާންކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.
އެންމެ ފުރަތަމަ ބޭއްވި ޓްވެންޓީ20 ކްރިކެޓް ވޯލްޑް ކަޕް 2007 ވަނަ އަހަރު އިންޑިއާ އަށް ކާމިޔާބުކޮށްދިނުމުގެ އިތުރުން ދޯނީގެ ކެރިއަރުގެ އެންމެ މުހިއްމު އެއް ވަގުތުކޮޅަކީ 2011 ވަނަ އަމިއްލަ ގައުމުގައި ބޭއްވި 50 އޯވަރު ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލް މެޗެވެ. އެ މެޗުން ސްރީ ލަންކާ އަތުން އިންޑިއާ މޮޅުވީ ދޯނީ ހަޔަކަށް ޖެހި ބޯޅައާ އެކު އެވެ.
ސްކޫލް ދައުރުގައި މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވި ނަމަވެސް ދޯނީގެ އަށް ޒުވާން ދުވަސްވަރު މާގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. އެގޮތުން އިންޑިއާގެ ރެއިލްވޭގެ ޓިކެޓް އިންސްޕެކްޓަރެއްގެ ވަޒީފާ އަދާކުރަން ޖެހި ކްރިކެޓް ކެރިއަރަށް ހިޔަނި އެޅުނު ނަމަވެސް 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާ ޓީމުން ފުރުސަތު ހޯދި ގޮތަށް އޭނާ ފަސް އެނބުރި ބަލާފައެއް ނުވެ އެވެ.
ވިކެޓް ކީޕަރެއްގެ ގޮތުގައި އަދި ބެޓްސްމަނެއްގެ ގޮތުގައި ދެއްކި ހުނަރުގެ އިތުރުން ދޯނީގެ ލީޑާޝިޕް ފެންވަރުގެ ސަބަބުން 2007 ވަނަ އަހަރު ޓްވެންޓީ20 ކެޕްޓަންކަން ލިބުނެވެ. އެ ފުރުސަތު ލިބުނު އަނެއް ސަބަބަކީ އެ އަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރި ޓީމުން ސީނިއާ ދެ ކުޅުންތެރިން ކަމަށްވާ ރާހުލް ޑްރާވިޑާއި ސަޗިން ޓެންޑުލްކާ ވަކިވުމެވެ. އެ މުބާރާތުން ހޯދި ކާމިޔާބާ އެކު 50 އަވަރު ޓީމުގެ ކެޕްޓަންކަން ލިބުނެވެ.