03 އެޕްރީލް 2018 - 12:00

މާލޭގެ ޓްރެފިކް ހައްލުކުރަން ޓެކްސީ ޑްރައިވަރުން ވެސް އެއްބާރުލުން ދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު އެދިފި އެވެ.

ދުވާލު ވަގުތު މުދާ އުފުލުން މަނާކުރުމާ އެކު މާލޭގެ ޓްރެފިކަށް ވަނީ ލުޔެއް ލިބިފަ އެވެ. އެކަމަކު ވަކި ތަނެއް ނުބަލައި މަގުގެ އެކި ސަރަހައްދުތަކަށް މަޑުކޮށްގެން ޓެކްސީ ދަތުރު ނެގުމާއި ދަތުރަށް ފަހު ފައިސާ ކަނޑަށް ގިނަ ވަގުތު ޓެކްސީ މަޑުކޮށްގެން އޮންނާތީ ވެސް މަގުތަކުގައި ޓްރެފިކް ތޮއްޖެހެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ ޓެކްސީތަކުގެ ސަބަބުން ޓްރެފިކް ތޮއްޖެހުމުގެ ޝަކުވާތައް އެ އޮތޯރިޓީއަށް އެކި މީހުން ހުށަހަޅާ ކަމަށެވެ. އެކަން ހައްލުކުރަން ފުލުހުން ވެސް ދޭތެރެ ދޭތެރެއިން ޕްރޮގުރާމްތައް ހިންގާކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިސިޕްލިން މައްސަލައެއް މި އުޅެނީ. [މިހާރުގެ ހާލަތު ރަނގަޅުކުރަން] ޓެކްސީތަކުން އެއްބާރުލުން ދޭން ޖެހޭ،" ރަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމަށް އޮތް ހައްލަކީ ޓެކްސީ ޑްރައިވަރުން ވެސް ގަވައިދުތަކަށް ބޯލެނބުމެވެ.
ޓެކްސީ ދަތުރުތައް ނަގަން ހާއްސަ ޕޮއިންޓްތަކެއް 2016 ގައި ވަނީ ކަނޑައަޅާފަ އެވެ. އެ ނޫން ތަންތަނަށް މަޑުކޮށްގެން ދަތުރު ނެގުން މަނާ ވެސް ކުރި އެވެ. ނަމަވެސް އެކަން ތަންފީޒެއް ނުވެ އެވެ.
ޓެކްސީ ޑްރައިވަރެއް ކަމަށްވާ މުހައްމަދު އަލީ ބުނީ ކޮންމެ މީހަކު ވެސް ބޭނުންވަނީ އެ މީހަކު ހުރި ތަނަކަށް ޓެކްސީ މަޑުކުރާށެވެ. ހާއްސަ ޕޮއިންޓްތަކަށް ޓެކްސީތައް މަޑުނުކުރަނީ އެހެންވެ ކަމަށް ވެސް އޭނާ ބުންޏެވެ.
"މަގުމަތީ ޓެކްސީއަށް އަތް ނަގާ މީހުން ބޭނުންވާނީ ސީދާ އެމީހުން ކައިރިއަށް މަޑުކުރަން. މަގުގައި ތަން އޮތް ތަނުގައި ކުޑަ ތަންކޮޅެއް ދުރަށް މަޑުކުރިއަސް ނާންނާނެ އަރާކަށް،" މުހައްމަދު ބުންޏެވެ.
ދަތުރު ނިންމުމަށް ފަހު ލާރި ދައްކަން ބައެއް މީހުން ބޮޑެތި ނޫޓުތައް ދިނުމުން ޑްރައިވަރުންނަށް ޖެހެނީ މަޑުކޮށްގެން އޮވެ، ފައިސާ މާރުކުރާށެވެ. އެހެންކަމުން ޑްރައިވަރުން ބުނަނީ ފައިސާ މާރުކުރުމުގެ ކަންކަން ހައްލުކުރެވޭނީ ދަތުރުކުރާ މީހުންނަށް ކަމަށެވެ. އެ މީހުން ދަތުރު ކުދި ނޫޓު ދިނުމުން ކާރު މަޑުކޮށްގެން އޮންނަން ނުޖެހޭނެ ކަމަށް ވެސް ޑްރައިވަރުން ބުނެ އެވެ.