ހުރިހާ ޓީމަކުން ބޭނުންވަނީ ރެއާލް ބަލިވާން: ޒިދާން
ހުރިހާ ޓީމަކުން ބޭނުންވަނީ ރެއާލް ބަލިވާން: ޒިދާން

ޓިއުރިން، އިޓަލީ (އޭޕްރީލް 3) - މި ފަހަރު ޗެމްޕިއަންސް ލީގުގައި ވާދަކުރި ހުރިހާ ޓީމެއް ވެސް އެންމެ ބޭނުންވާނެ ކަމަކީ ރެއާލް މެޑްރިޑް މި މުބާރާތުން ކެޓުން ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

ޗެމްޕިއަންސް ލީގު އެންމެ ފަހުން ދެ ފަހަރު ކާމިޔާބުކުރީ ޒިދާނުގެ އިރުޝާދުގެ ދަށުން ރެއާލެވެ. މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ޔުވެންޓަސްއާ ދެކޮޅަށް ނުކުންނައިރު ޒިދާން ހުރީ މެޗަށް ތައްޔާރަށެވެ.

"މިދިޔަ ދެ އަހަރުގެ ޗެމްޕިއަނަކީ ރެއާލް. އެހެންވެ ގިނަ ޓީމުތަކުން އެންމެ ބޭނުންވާނީ ރެއާލް ކަޓައިގެންދާން. އެއީ ފުޓްބޯޅައިގެ އާދައެއް. އެންމެ ފަހުގެ ޗެމްޕިއަން ކަޓަން އެންމެން ވެސް އެދޭނެ. އެހެން ނަމަވެސް މި ޓީމާ މެދު އަހަރެންގެ ފުރިހަމަ އިތުބާރު އެބައޮތް،" ޒިދާން ބުންޏެވެ.

މިދިޔަ އަހަރުގެ ފައިނަލުން ރެއާލް މޮޅުވީ ޔުވެންޓަސްއާ ވާދަކޮށް 4-1 އިންނެވެ. ޒިދާން ބުނީ އެ މެޗުން ނެގޭނެ އެއްވެސް ފައިދާއެއް އޮރް ކަމަށް ނުދެކޭ ކަމަށެވެ.

"އެއީ މީގެ 10 މަސް ކުރިންވީ ކަމެއް. އޭރު އޮތް ހާލަތެއް ނޫން މި ފަހަރު މި އޮތީ. އޭރު ކުޅުނީ އެއް މެޗު. މި ފަހަރު ނަތީޖާ ނެރެން ދެ މެޗު ކުޅެން އެބަޖެހޭ. އަހަރެން ދެކެނީ މިއީ ހަމަހަމަ ކުރިމަތިލުމެއްގެ ގޮތުގައި،" ކުރިން ރެއާލާއި ޔުވެންޓަސް އަށް ކުޅުނު ޒިދާން ބުންޏެވެ.

މި ސީޒަނުގައި ރެއާލަށް ކާމިޔާބު ކުރެވެން އޮތް ހަމައެކަނި މުބާރާތަކީ ޗެމްޕިއަންސް ލީގެވެ. މި މުބާރާތުން ކަޓައިފިނަމަ އެ ޓީމުން މި ސީޒަން ހުސްއަތާ ނިންމާލަން ޖެހުމުގެ ބިރު އެބައޮތެވެ. ޒިދާން ބުނީ ވަޒީފާގެ ބިރެއް ނެތް ކަމަށެވެ.

"އަހަންނަށް އެބައޮތް ރެއާލުގެ ވެރިންގެ އިތުބާރު. ރެއާލު ކޯޗަކަށް ހުންނަ މީހަކަށް އޮންނަ ޕްރެޝަރާއި ޗެލެންޖް ކޯޗެއްގެ ގޮތުގައި ތަޖުރިބާކުރުމުގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ހުރިއިރު ފެނުނު. ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން،" ޒިދާން ބުންޏެވެ.

ރެއާލާއި ޔުވެންޓަސް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 23:45 ގަ އެވެ.