03 އެޕްރީލް 2018 - 10:26

ގާހިރާ (އެޕްރީލް 3) - މިސްރުގެ ރިޔާސީ އިންތިޚާބު އިއުލާން ކުރުމާ އެކު އެ އިންތިޚާބު ކާމިޔާބު ކުރައްވާނީ ރައީސް އަބްދުލް ފައްތާހު ސީސީކަން ގިނަ ބަޔަކު ޔަގީން ކުރި އެވެ. ނޭނގެނީ އެމަނިކުފާން ދެ ވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނީ ކިތައް ޕަސެންޓް ވޯޓުން ކަމެވެ.

މިދިޔަ މަހު ފަހުކޮޅު ތިން ދުވަހުގެ މުއްދަތަަށް ބޭއްވި ރިޔާސީ އިންތިޚާބުގައި ސީސީ 97 ޕަސެންޓް ހޯއްދެވި ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ އިއުލާން ކޮށްފަ އެވެ. ހަތަރު އަހަރުގެ އިތުރު ދައުރެއް ކާމިޔާބު ކުރެއްވީ ކެންޑިޑޭޓުންގެ ނަން ހުށަހެޅުމުގެ ވަގުތު ބަންދުވާން ކައިރިވެފައި ވަނިކޮށް އިންތިޚާބަށް ކުރިމަތިލި މޫސާ މުސްތަފާ މޫސާއާ ވާދަކުރައްވައިގެންނެވެ. މޫސާ މުސްތަފާ ވެސް ފަހުން ވަނީ ސީސީ އަށް ތާއީދު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ އަށް ލިބިވަޑައިގަތް ވޯޓަށް ވުރެ ބާތިލް ވޯޓު ވެސް ގިނަ ކަމަށް ބައެއް ޚަބަރުތައް ކުރިން ބުންޏެވެ. ވޯޓުލީ 24 މިލިއަން މީހުންގެ ތެރޭން ހަތް ޕަސެންޓް ބާތިލް ކަމަށް އިލެކްޓޯރަލް އޮފިޝަލުން ބުނެފައިވެ އެވެ.
މިސްރުގެ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅު ކުރި އެންމެންނަށް ކުރިން ވަނީ ބިރު ދައްކައިފަ އެވެ. ބައެއް މީހުން ވަނީ ބަންދުކޮށްފަ އެވެ. އަނެއް ބައި މީހުން ވަނީ ބިރުން ނަން އަނބުރާ ގެންގޮސްފަ އެވެ. އެހެންވެ އިދިކޮޅު ފަރާތްތަކުން ވަނީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ވެސް ގޮވާލައިފަ އެވެ.
ވޯޓުލާން ނުކުމެފައި ވަނީ 41.5 ޕަސެންޓް މީހުންނެވެ. މިއީ 2014 ވަނަ އަހަރުގެ އިންތިޚާބުގައި ވޯޓުލީ މީހުންނަށް ވުރެ މަދު އަދަދެކެވެ. އެފަހަރު 47 ޕަސެންޓް މީހުން ވޯޓު ދިނެވެ. މިފަހަރުގެ އިންތިޚާބުގައި ވޯޓުލާން ނުނިކުންނަ މީހުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން އަންގައިފައިވެ އެވެ.
ސީސީ ވެރިކަމަށް ވަޑައިގެންނެވީ މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ވެރިކަން އަސްކަރީ ބަޣާވާތަކުން 2013 ވަނަ އަހަރު ވައްޓާލުމަށް ފަހު އެވެ. އޭރު ސީސީއަކީ ސިފައިންގެ ވެރިޔާ އެވެ. ފަހުން ވަނީ 2014 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރައްވައިފަ އެވެ. ސީސީގެ ވެރިކަމުގެ ފުރަތަމަ ދައުރު ސައުދީ އަރަބިއާ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް އިން ވަނީ މިސްރުގައި ބިލިއަން ޑޮލަރުގެ އިންވެސްޓް ކޮށްފަ އެވެ.