04 އެޕްރީލް 2018 - 06:19

އިންޓަނެޓާ ނުލައި މިހާރު ނޫޅެވޭނޭ ބުނަނީ މި ކަހަލަ ކަންތައްތަކާ ހެދި ކަމަށް ވެދާނެ އެވެ. އެހެންވެ އިންޓަނެޓް ބޭނުންކުރަން ދެވިހިފާއި ތިބޭ މީހުން ރުޅި އަރުވާކަށް ވެސް ނުވާނެ އެވެ.

އިންޑިއާގެ ތެލަންގާނާ ސްޓޭޓްގައި މި ވަނީ އިންޓަނެޓްގެ މައްސަލާގައި މާރާމާރީ ވެސް ހިންގައިފަ އެވެ. މިކަމެއް ހިނގީ ފިރިމީހާ އުމަރު ޕާޝާ އިންޓަނެޓްގެ ތެރެއަށް ގެއްލި، އަނބިމީހާ ރޭޝްމާ ސުލްތާނާ އަށް ރޭގަނޑު ނިދަން ވެސް އުނދަގޫވާ ވަރަށް އިންޓަނެޓް ފޯރި ގަދަވުމުން ރޭޝްމާ ގޮސް ވައިފައި ކަނޑައިލުމުންނެވެ.
ފިރީމީހާގެ މި އަމަލާ ހެދި ރޭޝްމާ ހިތްހަމަނުޖެހިގެން ވައިިފައި ރައުޓާ ނިއްވައިލުމުން، އުމަރު ވަނީ އޭނާ އަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެެ. މިދިޔަ މަހު ހިނގި ހާދިސާއާ ބެހޭ ގޮތުން ރޭޝްމާ މީޑިއާތަށް ބުނެފައި ވަނީ ރައުޓާ ނިއްވައިލުމާ އެކު، ފުންމައިގެން ތެދުވެ، އޭނާގެ މޫނާއި މޭމައްޗާއި ބޮލުގައި ތަޅައި އަނިޔާކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި ރޭޝްމާ އަށް ލިބުނު ޒަހަމްތަކަށް ވަނީ ހޮސްޕިޓަލުން ފަރުވާ ވެސް ހޯދައިފަ އެވެ.
އޭނާ ބުނީ ހަ އަހަރުވީ ކައިވެންޏަށް، ތިން ދަރިން ވެސް ލިބިފައިވާ އިރު، އުމަރަކީ ގޭގައި އުޅޭ ހުރިހާ ވަގުތެއްގައި ވެސް އިންޓަނެޓްގެ ދުނިޔެ އަށް ގެއްލިފައި ހުންނަ މީހެއް ކަމަށެވެ.
"އޭނާ އަހަންނަކަށް އަދި ދަރިންނަކަށް ވެސް، އެކަމަކާ ހެދި އަޅާލަނީކީ ނޫން. މި މައްސަލާގައި އެތައް ފަހަރަކު ޝަކުވާ ކުރުމުން، އަހަންނަށް ވަރަށް ގިނައިން ފިރިމީހާ އަނިޔާ ކުރޭ،" ރޭޝްމާ ބުންޏެވެ.
މި މައްސަލަ ރޭޝްމާގެ މަންމަ ފުލުހުންނަށް ރިޕޯޓް ކުރި ނަމަވެސް، އެއީ ދެމަފިރިއެއްގެ ޒާތީ މައްސަލައަކަށްވާތީ، އާއިލާ ތެރޭގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން އެދިފަ އެވެ. ނަމަވެސް އެގޮތަށް މައްސަލަ ހައްލު ނުވާ ނަމަ، ފުލުހުން އެ މައްސަލާގައި ކުރިއަށް ދާނެ ކަމަށް ބުންޏެވެ.