03 އެޕްރީލް 2018 - 00:22

ކޭޕް ޓައުން (އެޕްރީލް 3) - ސައުތު އެފްރިކާގައި ނަސްލީ އިމްތިޔާޒާ ދެކޮޅަށް މަސައްކަތް ކުރެއްވި ވިނީ މަޑިކިޒެލާ-މަންޑޭލާ އުމުރުފުޅުން 81 އަހަރުގައި އަވަހާރަވެއްޖެ އެވެ.
ވިނީ މަންޑޭލާ އަކީ ސައުތު އެފްރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ރައީސް އަދި ނަސްލީ އިމްތިޔާޒާ ދެކޮޅަށް ކުރެއްވި މަސައްކަތުގައި 27 އަހަރު ޖަލުގައި އޮންނެވި ނެލްސަން މަންޑޭލާގެ ކުރީގެ އަނބިކަނބަލެއް ވެސް މެ އެވެ.
އާއިލާގެ ތަރުޖަމާނަކު ބުނީ ހޯމަ ދުވަހު މެންދުރު ފަހު ވިނީ އަވަހާރަވީ ދިގު މުއްދަތެއްގައި އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ކަމަށެވެ. މި އަހަރު ފެށުނު ފަހުން އެކަމަނާ ވަރަށް ގިނަގިނައިން ހޮސްޕިޓަލަށް ވަޑައިގެންފައިވެ އެވެ.
ވިނީ އުފަންވެވަޑައިގެންނެވީ 1936 ވަނަ އަހަރު އީސްޓަން ކޭޕްގަ އެވެ. އެކަމަނާ ވަނީ އިޖްތިމާއީ މަސައްކަތްތަކުގައި އިސް ދައުރެއް އަދާ ކުރައްވައިފަ އެވެ. އޭގެ ފަހުން މަންޑޭލާއާ ބައްދަލުވެވަޑައިގެންނެވީ 1950 ގެ އަހަރުތަކުގަ އެވެ. މަންޑޭލާ އާއި ވިނީ 38 އަހަރު ކައިވެނި ކުރައްވައިގެން އުޅުއްވި އެވެ. އެކަމަކު މީގެ ތެރޭން ބޮޑު ބައެއް ހޭދަކުރައްވަން ޖެހުނީ ވަކިންނެވެ؛ މަންޑޭލާ ޖަލުގައި އޮންނެވުމުގެ ސަބަބުންނެވެ.
މަންޑޭލާ އުމުރަށް ޖަލަށްލުމުން ނަސްލީ އިމްތިޔާޒާ ދެކޮޅު މަސައްކަތުގެ ދަންމަރު ހިއްޕަވައިގެން ނުކުންނެވީ ވިނީ އެވެ. އެކަމަކު އެކަމަނާ ވެސް ވަނީ ޖަލުގައި ބަންދުކޮށްފަ އެވެ. އެކަމަނާގެ ސަޕޯޓަރުންނަށް އެއީ "ގައުމުގެ މަންމަ" އެވެ.