03 އެޕްރީލް 2018 - 08:24

ކެޓްރީނާ ކައިފްގެ ކޮއްކޮ އީޒަބެލްގެ ކެއިފް ފުރަތަމަ ބޮލީވުޑް ފިލްމުން ސަލްމާން ހާން ފެނުމަކީ އާދައިގެ ކަމަކަށް ނުވާނެ އެވެ. ފަހަރުގައި މިއީ ކެޓްރީނާ އަށް އަދިވެސް ސަލްމާން ހިތްކިޔާވަރުން، އޭނާގެ ކޮއްކޮއަށްޓަކައި ކޮށްދޭ ކަމަކަށް ވެސް ވެދާނެ އެވެ.
ސަލްމާންގެ އެންމެ ހިޓް ލަވަތަކުގެ ތެރޭގައި ހިމެނޭ "އޮ އޯ ޖާނެ ޖާނާ" ގެ އާ ވާޝަނެއް އީޒަބަލް އާއި ސޫރަޖް ޕަންޗޯލީ ލޯޑް ރޯލް ކުޅޭ ޑާންސް ފިލްމް "ޓައިމް ޓް ޑާންސް" ގައި ހިމަނަން ވަނީ ނިންމައިފަ އެވެ.
ސަލްމާނާއި ކާޖޮލް 1998 ގައި ކުޅުނު ފިލްމް "ޕިޔާރް ކިޔާ ތޯ ޑަރްނާ ކިޔާ" ގައި ހިމެނޭ "އޮ އޯ ޖާނެ ޖާނާ" އެންމެ ބޮޑަށް މަޝްހޫރުވީ އެ ލަވައިގެ ސަލްމާން ޓީޝާޓް ބާލައިގެން، އޭނާގެ ވަރުގަދަ ހަށިގަނޑު ދައްކާލަމުން ނަށާތީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ލަވައިގެ އާ ވާޝަން ވެސް ކިޔާނީ އޮރިޖިނަލް ލަވަ ވެސް ކިޔާފައިވާ ކަމާލް ހާނެވެ. ލަވައިގެ މިއުޒިކް ހަދާފައި ވަނީ ޝިވާއީ ވިއާސް އެވެ. އެހެންވެ އާ ލަވަ ވެސް މި ޒަމާނަށް ފެތޭ ގޮތަށް ބަދަލުތަކެއް ގެނެސްގެން ކޮމްޕޯޒް ކުރާނީ ވެސް ޝިވާއީ އެވެ. ސަލްމާންގެ ދެން އެންމެ އަވަހަށް ރިލީޒް ކުރަން އޮތް ފިލްމް "ރޭސް 3" ގެ މިއުޒިކް ވެސް ހަދާފައި ވަނީ އޭނަ އެވެ.
ޑައިރެކްޓަރު/ކޮރިއޮގްރާފަރު ރެމޯ ޑި ސޫޒާގެ އެސިސްޓަންޓް ސްޓޭން ޑި ކޯސްޓާ ޑައިރެކްޓް ކުރާ "ޓައިމް ޓް ޑާންސް" ގެ ޝޫޓިން މި މަހުގެ ފަހުކޮޅު ފަށާނީ އީޒަބެލްގެ އުފަން ސިޓީ ލަންޑަނުންނެވެ.
ޓީ ސީރީޒާއި ރެމޯ ޕްރޮޑިއުސް ކުރާ ފިލްމް އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާން ނުކުރި ނަމަވެސް، މި ފިލްމުން "އޮ އޯ ޖާނެ ޖާނާ" ގެ އާ ވާޝަން ބަލައިލަން ބެލުންތެރިން މިހާރު ވެސް ތިބޭނީ ކެތްތެރިކަން ކުޑަވެފައިކަން ޔަގީނެވެ. މި ފަހަރު ލަވައިން ސަލްމާނާ އެކު އީޒަބެލް އާއި ސޫރަޖް ވެސް ފެނިގެން ދާނެ އެވެ.
އަނެއްކޮޅުން ސަލްމާންގެ ފެނިލުމެއް ފިލްމްގައި ހިމަނައިގެން އީޒަބެލްގެ ފިލްމީ ކެރިއަރަށް، ކިހާ ވަރެއްގެ ވިދުމެއް އަންނާނެތޯ ބަލައިލަން ވެސް ގިނަ ބަޔަކު ބޭނުން ވާނެ އެވެ. ޔަގީންވާ ކަމަކީ ކެޓްރީނާގެ ކެރިއަރުގައި ވެސް ސަލްމާންގެ ހިއްސާ ބޮޑު ކަމެވެ.