02 އެޕްރީލް 2018 - 23:09

އެސްޓީއޯ އިން ވިއްކާ ޑީސަލްގެ އަގު މާދަމާ އިން ފެށިގެން ބޮޑުކުރާ ގޮތަށް އެ ކުންފުނިން މިރޭ ނިންމައިފި އެވެ.
އެސްޓީއޯ އިން ބުނީ، މާދަމާ އިން ފެށިގެން ޑީސަލް ލީޓަރަކުން 20ލ. އަގު ބޮޑުކޮށްފައިވާ ކަމަށެވެ. މި ބަދަލާ އެކު، މާދަމާ އިން ފެށިގެން އެސްޓީއޯ އިން ޑީސަލް ލީޓަރެއް ވިއްކާނީ 10.41ރ. އަށެވެ.
އެސްޓީއޯ އިން ބުނީ މި ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ޑީސަލްގެ އަގު ބޮޑުވުމުން ކަމަށެވެ. މިއީ މި އަހަރުގެ ތެރޭގައި އެސްޓީއޯ އިން ޑީސަލްގެ އަގަށް ބަދަލު ގެނައި ތިން ވަނަ ފަހަރެވެ.
މި އަހަރު އެސްޓީއޯ އިން ޑީސަލްގެ އަގަށް އެންމެ ފުރަތަމަ ބަދަލު ގެނައީ، ޖެނުއަރީ މަހު އެވެ. އެ ފަހަރު ޑީސަލްގެ ލީޓަރަކުން 80ލ. ބޮޑުކޮށް ވިއްކަމުން ދިޔައީ 10.41ރ. އަށެވެ. ނަމަވެސް މާޗް މަހު ޑީސަލް ލީޓަރެއްގެ އަގުން 20ލ. ހެޔޮ ކުރުމުން މިއަދާ މަހަމަށް، ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 10.21ރ. އަށެވެ.
އެސްޓީއޯ އިން ޑީސަލްގެ އަގު ބޮޑު ކުރި ނަމަވެސް، ޕެޓްރޯލްގެ އަގަށް އެއްވެސް ބަދަލެއް ނުގެނެ އެވެ. ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދަނީ 10.11ރ. އަށެވެ.