"ބާރަތު" ގައި ވެސް ސަލްމާން ހާނާއި ކެޓްރީނާގެ ޖޯޑު؟
"ބާރަތު" ގައި ވެސް ސަލްމާން ހާނާއި ކެޓްރީނާގެ ޖޯޑު؟

މިދިޔަ މަހުގެ ފަހުކޮޅު ޕްރިޔަންކާ ޗޯޕްޅާ އިންޑިއާ އަށް ކުރި ދަތުރާ އެކު އެންމެ ގަދަ އަށް ދެކެވުނު ވާހަކައަކީ ސަލްމާން ހާންގެ "ބާރަތު" އަށް އޭނާ ސޮއި ކުރި ވާހަކަ އެވެ. އެކަމަކު އިންޑިއާ އަށް ކުރި ކުރު ދަތުރު ނިންމާލައި، ޕްރިޔަންކާ "ކްއަަންޓިކޯ" ސީޒަން ތިނެއްގެ ޝޫޓިން އަށް އަޔަލެންޑަށް ފުރުމާ އެކު، ވާހަކަ މުޅިން ބަދަލުވެއްޖެ އެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން ސަލްމާންގެ ފިލްމް ކުންފުނިން އުފައްދާ "ބާރަތު" ގެ ބަތަލާއަކީ ސަލްމާންގެ އެންމެ ފަހުގެ ފިލްމް "ޓައިގާ ޒިންދާ ހޭ" ގައި ވެސް އޭނާއާ އެކު، ބަތަލާގެ ރޯލް ކުޅުނު ކެޓްރީނާ ކެއިފް އެވެ. "ބާރަތު" އަކީ ވެސް "ޓައިގާ ޒިންދާ ހޭ" ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ ފިލްމެކެވެ.

ފިލްމްގެ ބަތަލާއާ ބެހޭ މީޑިއާތަކުން ދައްކާ އެއްވެސް ވާހަކައަށް އަދި އެއްވެސް ފަރާތަކުން ޖަވާބެއް ނުދެ އެވެ. ސަލްމާން މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ އިރު، "ބާރަތު" އާ ބެހޭ ގޮތުން އަލީ އެންމެ ފަހުން ދެއްކި ވާހަކައަކީ ފިލްމްގެ ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓް ނިންމައިލެވުނު ވާހަކަ އެވެ. އެ ވާހަކަ އޭނާ ވަނީ މިދިޔަ މަހުގެ 29 ގައި ޓްވިޓާގައި ހިއްސާކޮށްފަ އެވެ.

"ބާރަތު" އަށް ކެޓްރީނާ ސޮއިކޮށްފި ނަމަ، މި ފިލްމްވެގެން ދާނީ ސަލްމާނާ އެކު އޭނާ ކުޅޭ 8 ވަނަ ފިލްމަށެވެ. ބެލުންތެރިންގެ މެދުގައި ކާމިޔާބު ޖޯޑެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ސަލްމާނާއި ކެޓްރީނާ އެކުގައި ކުޅުނު އެންމެ ހިޓް ފިލްމްތަކުގެ ތެރޭގައި "ޓައިގާ ޒިންދާ ހޭ" ގެ ޕްރިކްއެލް "އެކް ތަ ޓައިގާ" އާއި "ޕާޓްނާ" އަދި "މޭނޭ ޕިޔާރް ކިޔު ކިޔާ" ހިމެނެ އެވެ.

އަލީގެ ފުރަތަމަ ޑައިރެކްޝަން މޭރީ ބްރަދާ ކީ ދުލްހަން (2011) ގެ ބަތަލާއަކީ ވެސް ކެޓްރީނާ އެވެ. އެހެންވެ "ބާރަތު" ގެ ބަތަލާގެ ރޯލް އޭނާ އަށް ލިބިއްޖެ ނަމަ، މި ފިލްމްވެގެން ދާނީ އަލީއާ އެކު ކެޓްރީނާ މަސައްކަތް ކުރާ ތިން ވަނަ ފިލްމަށެވެ.

ޕްރިޔަންކާ ވެސް ކުރިން ވަނީ އަލީއާ އެކު މަސައްކަތްކޮށްފަ އެވެ. އެއީ ރަންވީރް ސިންގް އާއި އަރުޖުން ކަޕޫރާ އެކު އޭނާ ކުޅުނު ފިލްމް ގުންޑޭ (2014) ގަ އެވެ.

ކޮންމެއަކަސް މި މަހުގެ ތެރޭގައި ޝޫޓިން ފަށަން ނިންމާފައިވާ "ބާރަތު" ގެ ބަތަލާއަކު ދެން މާ ލަސްތަކެއް ނުވެ އިއުލާން ވެސް ކުރާނެ އެވެ. އިންތިޒާރުކޮށްލަން ޖެހެނީ މީޑިއާތަކުން ފަތުރާ ވާހަކަ ތެދަކަށްވޭތޯ އެވެ؟