02 އެޕްރީލް 2018 - 21:55

ގައުމުތަކުގައި ތަފާތުތައް ހުންނާނެކަން ގަބޫލުކުރަން ޖެހޭނެ ކަމަށާއި ނަމަވެސް ގައުމުތަކާ މެދު އަމަލުކުރަން ޖެހޭނީ ހަމަހަމަކަމާއެކުގައި ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް މިހެން ވިދާޅުވީ އެކި ގައުމުތަކުން އދ. އަށް ކަނޑައަޅުއްވާފައި ތިއްބަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވުން ހިމެނިވަޑައިގަންނަވާ ވަފްދަކާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސްއާ ހަވާލާދީ ރައީސް އޮފީހުން ބުނީ ގައުމުތަކުގައި ހުރި ތަފާތުތަކާ އެކު ވެސް ހަމަހަމަކަމާއެކު އާއިލާއެއްގެ މެންބަރުންގެ މެދުގައި ކަންތައްތައް ކޮށްދޭ އުސޫލުން ކަންތައް ކޮށްދޭން ވާނެ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި ރާއްޖެއިން ވަނީ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްގެ ޗެއާމަންކަންކޮށް، އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިއެއް ވިދިވިދިގެން ދެ އަހަރު ކާމިޔަބުކޮށްފަ އެވެ. މިގޮތުން ރާއްޖެއަކީ އިންސާނީ ހައްގުތަށް ރައްކާތެރިކުރުމަށާއި ތިމާވެށީގެ މައްސަލަތަކުގެ އަޑު އުފުލައި ތިމާވެށީގެ މައްސަލަތައް އެންމެ ކައިރިން ބަލަމުން އަންނަ އެއް ގައުމުކަން މި ކަންކަމުން ވެސް މުޅި ދުނިޔެއަށް ސާބިތުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާ ބެހޭ މައުލޫމާތު އެ ވަފުދުގެ ބޭފުޅުންނާ ހިއްސާކުރައްވާފައި ކަމަށެވެ. ރާއްޖޭގައި ކުއްލިނުރައްކަލުގެ ހާލަތު އިއުލާން ކުރައްވަން ޖެހިވަޑައިގެންނެވީ މީގެ ކުރިން ދުވަހަކު ވެސް ކުރިމަތި ނުވާފަދަ ގާނޫނާ ހިލާފު ކަންތައްތަކެއް ކުރިމަތިވުމުން ކަމަށް ރައީސް އެ ބައްދަލުވުމުގައި ވިދާޅުވި އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ނަމަވެސް ރާއްޖޭގައި އޮތީ ކާފިއުއެއް ނޫކަމަށާއި އެކަމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށާއި އާންމުކޮށް ދެވޭ ހިދުމަތްތަކަށް އެއްވެސް ވަރަކަށް ބުރޫ އަރާފައި ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހުރިހާ ދިވެހިންނާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ފުރިހަމަ ރައްކާތެރިކަން ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. މީގެއިތުރުން، ޑިމޮކްރަސީ އިތުރަށް ވަރުގަދަކޮށް ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ 20 އަހަރު ނުވަތަ 15 އަހަރު ކުރިއާ އަޅާބަލާއިރު ރައްޔިތުން ބޭނުންވާ ކަންތައްތައް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށާއި ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ރާއްޖެ މިވަނީ ތަފާތު އެކި ދާއިރާތަކުން ކުރިއެރުންތައް ހޯދައި ހަލުވި ކަމާ އެކު ތަރައްގީ ހާސިލުކޮށްފައި ކަމަށް ރައީސް ވިދާޅުވި އެވެ. ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނިގެން، ރައްޔިތުންނަށް ފެންވަރު ރަނގަޅު ދިރިއުޅުމެއް ހޯއްދަވައިދެއްވުން އެކަންކަން ހާސިލްކުރުމުގައި ހިމެނޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވަނީ ރާއްޖެއަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން ޓެރަރިޒަމްގެ މައްސަލަތަކާއި ރާއްޖޭގެ ބޯޑަރު ހުރަސްކުރުމަށް މަސައްކަތްކުރުން ފަދަ މައްސަލަތައް ކުރިމަތިވާކަން ފާހަގަ ކުރައްވައިފަ އެވެ. އަދި މިފަދަ މައްސަލަތައް އެހެން ގައުމުތަކަށް ވެސް ކުރިމަތިވާނެ ކަމަށް ވިދާޅުވެ، މިކަން ރާއްޖެއަށް ކުރިމަތިވަނީ އެހެން ގައުމުތަކާ ސަރަހައްދީ ގޮތުން ތަފާތުވުމުންކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.