03 އެޕްރީލް 2018 - 09:00

ބ. އަތޮޅުގައި އޮންނަ ލަގްޒަރީ ރިޒޯޓް އަމިއްލަފުށީގެ އިޖްތިމާއީ ޒިންމާގެ ދަށުން، އެ ރިޒޯޓް ހިންގާ ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ އިން މި ފަހަރު ނިންމީ ކުޅިވަރުގެ ތެރެއިން ތަފާތު ކަމެއް ފެށުމަށެވެ. އެގޮތުން އެ ރިޒޯޓާއި، އެ ރިޒޯޓް ކުންފުނީގެ ދަށުން ހިންގާ ފިނޮޅުގެ އިން-ހައުސް ގެސްޓުންގެ ކުދިންގެ އިތުރުން އޭދަފުށީގެ ކުދިންނަށް ހާއްސަ ކޮށްގެން ފުޓްބޯޅަ އެކެޑަމީ ކޭމްޕެއް ވަނީ މިދިޔަ ހަފުތާ ބަންދުގައި ކުރިއަށް ގެންގޮސްފަ އެވެ.

"ހަގީގަތުގައި ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ އަކީ ރާއްޖޭގެ ޓޫރިޒަމް އިންޑްސްޓްރީ ތެރެއަށް ތަފާތު ކަންތައްތަކެއް ގެނެސްދޭ ބަޔެއް. އެ ތަފާތު އަބަދުވެސް ދައްކަން ބޭނުން. މި ފަހަރު އަހަރެމެން ވިސްނީ ރާއްޖޭގެ ޔޫތަށް. އެންމެން ކުޅޭ ކުޅިވަރެއް ފުޓްބޯޅަ އަކީ. ހަގީގަތުގައި މި ޓްރެއިނިން ކޭމްޕަކީ ފެށުމެއް. މުސްތަގުބަލުގައި ނަން މަޝްހޫރު ޓީމުތަކުން މި ފަދަ ކޭމްޕްތަކަށް އަންނާނެ،" ސްމޯލް މޯލްޑިވްސް އައިލެންޑް ކޯގެ ސީއީއޯ އަދި ކިއުރޭޓާ މާކް ހެހީރް ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ "ފުޓްބޯލްޓެކް" އެކަޑަމީގެ ހަތަރު ކޯޗުން ގެނެސްގެން މިދިޔަ މަހު 31 އިން އިއްޔެގެ ނިޔަލަށް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޭމްޕަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފަ އެވެ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުން ކޮންމެ ދުވަހަކު 30 އަށް ވުރެ ގިނަ ކުދިން މި ކޭމްޕުގައި ބައިވެރިވާން އައިއިރު، އެ ރިޒޯޓުގެ ގެސްޓުންގެ ކުދިންނާ އެކު ޖުމްލަ 50 އަށް ވުރެ ގިނަ ކުދިން މި ކޭމްޕްގައި ފުރިހަމަކުރި އެވެ.

ކޮންމެ ދުވަހެއްގެ ހެނދުނު އޮތީ އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ ޖޫނިއާ ކޭމްޕެވެ. މެންދުރުފަހު ކުރިއަށްދިޔައީ އުމުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ބާއްވާ ސީނިއާ ކޭމްޕެވެ. މި ޓްރެއިނިން ކޭމްޕަށް ކުދިންގެ ޓްރާންސްފާ ހަމަޖައްސައިދިނީ އަމިއްލަފުށިންނެވެ.

އޭދަފުށްޓަކީ ރާއްޖޭގެ އެއް ރަށަކަށް ބަލާއިރު އެންމެ ގިނަ ކުޅުންތެރިން މި ވަގުތު ވެސް ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ ރަށެވެ. ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ދަ ގޭންގުން ވެސް އެ ވަނީ އެ ރަށުގައި ދާދި ފަހުން އެކަޑަމީއެއް ފަށައިފަ އެވެ.

ފުޓްބޯލްޓެކުން ބޭއްވި އެކެޑަމީގެ ތަފާތަކީ ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ދިން ނުވަ ގަޑިއިރުގެ ޕްރޮފެޝަނަލް ޓްރެއިނިން އެވެ. އެކި ކަންތައްތައް އެ ކުޅުންތެރިންނަށް އުނގަނައިދިންއިރު، ޓްރެއިނިން ކުރިއަށްދިޔައީ އަމިއްލަފުށީގެ ހިތްގައިމު ދަނޑުގަ އެވެ.

މި ޓްރެއިނިން ކޭމްޕުގައި ބައިވެރިވި އޭދަފުށީ ކުއްޖަކު "މިހާރަ"ށް ބުނީ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ލިބުނު ޓްރެއިނިންގެ ބޭނުން ހިފަން ރަނގަޅު ދަނޑެއްގައި ކުޅެލެވުމެވެ.

"އަސްލު ވަރަށް ނުލިބޭނެ ކުޑައިރު މި ކަހަލަ ޓްރެއިނިން އެއް ވެސް. ދެން ކުޅެން ޖެހެނީ ރަށުގައި ނަމަ ވެލީގައި. ދެން މިތާގައި މި ކުޅެނީ ރީތި ދަނޑެއްގައި. ޓްރެއިނިން އަށް އެއްޗެއް ބުނަންޏާ މި ކޯޗުން އަސްލު ބުނެދޭ ހުރިހާ އެއްޗެއް ވެސް. ރަށުގައި އުޅޭ ވަރަށް މޮޅު ކުދިން،" އޭނާ ބުންޏެވެ.
ރިޒޯޓުގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް ބްރެންޑާ ހޯރާ ވިދާޅުވި ބޭނުމަކީ މި ފަދަ ޓްރެއިނިންތައް ކުރިއަށް ގެންގޮސް އަމިއްލަފުށީގެ ފަރާތުން ގިނަ ކުދިންނަށް މި ފަދަ ފުރުސަތުތައް ފަހިވެގެންދިޔުން ކަމަށެވެ.
"މި ރިޒޯޓަށް އެއް ފަހަރު އައުމެއް ނޫން ބޭނުމަކީ. އަބަދު އަންނަ ފަދަ ތަނަކަށް ހެދުން. އެ ފަދަ ކަމެއް ސީއެސްއާރް ތެރެއިން މި ފެށީ. ބޭނުންވަނީ މި ފަދަ ކޭމްޕަކުން ވެސް ޒުވާން ކުދިންނަށް ކޮލިޓީ ހިދުމަތްތަކެއް ދޭން،" ބްރެންޑާ ވިދާޅުވި އެވެ.
ފުޓްބޯލްޓެކުން ބުނީ އެ އެކަޑަމީން ފާއިތުވި 10 އަހަރު އޮސްޓްރޭލިއާގައި އެކި ޓްރެއިނިން ކޭމްޕްތަށް ކުރިއަށްގެންދާ ކަމަށާއި މިއީ އެމީހުންގެ ބައިނަލްއަގްވާމީ ފުރަތަމަ ތަޖުރިބާ ކަމަށެވެ. މި ޓްރެއިނިން ކޭމްޕުން ދިވެހި ކުޅުންތެރިންގެ ހުނަރު ފެނިގެންދިޔަ ކަމަށާއި ރާއްޖޭގެ ކުޅުންތެރިންގެ ހުނަރުފެނިފައި ހައިރާންވި ކަމަށް ވެސް ބުންޏެވެ.