ސަލްމާން ހާން އާއިލާ އެކު ރާއްޖޭގައި
ސަލްމާން ހާން އާއިލާ އެކު ރާއްޖޭގައި

ބޮލީވުޑްގެ ފިލްމީ ތަރި ސަލްމާން ހާން އަނެއްކާވެސް ރާއްޖޭގައި، އާއިލާގެ މެމްބަރުންނާ އެކު، ޗުއްޓީއެއް ހޭދަކުރަން ފަށައިފި އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ތަރިންގެ ތެރޭގައި ހިމެނޭ ސަލްމާން މިދިއަ އަހަރު ވަނީ އޭނާގެ ހަގު އަންހެން ކޮއްކޮ އަރްޕިިތާ ހާންގެ ދަރިފުޅު އާހިލް ޝަރްމާގެ ފުރަތަމަ އުފަން ދުވަސް ފާހަގަކުރަން ވެސް އާއިލާއާ އެކު ރާއްޖެ އައިސްފަ އެވެ.

ސަލްމާން އާއި އޭނާގެ ދެ ކޮއްކޮ ކަމަށް ވާ އަރްބާޒް ހާނާއި ސުހައިލް ހާނާ އެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބައެއް މީހުން މިއަދު ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި އަންނަނީ ހިއްސާކުރަމުންނެވެ.

ސަލްމާން ރާއްޖެ މި އައީ އާހިލްގެ ދެވަނަ އުފަން ދުވަސް މިދިޔަ މަހުގެ 30 ގައި ދުބާއީގައި ފާހަގަކުރުމަށް ފަހު އެވެ.

އާހިލްއަކީ ސަލްމާން ޕްރޮޑިއުސް ކުރާ ފިލްމު "ލަވްރެތަރީ" އިން ބޮލީވުޑަށް ތައާރަފުކުރާ އާޔޫޝް ޝަރްމާގެ ދަރިފުޅެވެ.

ދާދި ފަހުން ސަލްމާން ވަނީ އަބޫދާބީގައި "ރޭސް 3" ގެ މަސައްކަތް ނިންމައިފަ އެވެ. އަންނަ ޖޫން 15 ގައި ރިލީޒް ކުރާ އެ ފިލްމުގެ ތަރިންގެ ތެރޭގައި ޖެކްލިން ފެނާންޑޭޒް، އަނިލް ކަޕޫރް، ޑެއިޒީ ޝާހް، ސާގިބް ސަލީމް އަދި ބޮބީ ޑިއޯލް ހިމެނެ އެވެ.

"ރޭސް 3" ގެ މަސައްކަތް ނިންމައިލުމަށް ފަހު ސަލްމާން މިހާރު އަންނަނީ މިދިޔަ އަހަރު ރިލީޒް ކުރި އޭނާގެ ބްލޮކްބަސްޓާ ފިލްމު "ޓައިގާ ޒިންދާ ހޭ" ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ "ބާރަތު" އަށް ތައްޔާރުވަމުންނެވެ. އެ ފިލްމްގެ ޝޫޓިން މި މަހު ފަށަން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ސަލްމާން އަންނަނީ އޭނާގެ ޓުއާ "ދަ-ބަންގް" ގެ ޝޯތައް ވެސް އެކި ތަންތަނުގައި ބާއްވަމުންނެވެ.