19 ޖުލައި 2016 - 20:29

އަބްދުއްރަހީމް: ބައްދަލުވުން ދޫކޮށް ނުކުތީ ރައީސް ޔާމީން އަންގަވައިގެނެއް ނޫން
ނިހާން: މީގެ ކުރިން ވެސް ފިޔަވަޅު އަޅާފައި ވާނީ ފާރިސްއާ މެދު. ފާރިސް ވިޕްލައިނާ ޚިލާފުވި ދެ ވަނަ ފަހަރު މިއީ. އެހެންވެ ވަކިކުރަން ޖެހުނީ
ޒަމީރު: ކައުންސިލް ހިނގަމުން އައީ ވަރަށް ޑިމޮކްރެޓިކް ކޮށް. އެދެނީ ވީހާ ވެސް އަވަހަށް ކައުންސިލް ބައްދަލުވުން ބޭއްވުން. އެކަމަކު އެ ދެ މެންބަރުން ބައިވެރިކޮށްގެން ކުރިއަށް ގެންދަން ރިކޮންސިޑަ ކުރާނެ
ނިހާން: ފާރިސް ވަކިކުރަން ހުށަހެޅިން ޕީޖީ ގުރޫޕުން. ކައުންސިލްގައި ބައިވެރިކުރީ ގަވައިދާ ޚިލާފަށް. ޚިޔާލު ތަފާތުވުން ނައްތާލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް.
ނިހާން: ހަމަނުޖެހުމެއް ނުހިންގަން. ރައީސަށް އިހުތިރާމާ އެކު ވާހަކަ ދައްކަން 35 މިނެޓަށް ވުރެ ގިނަ ވަގުތު ދިނިން. ނަސޭހަތް ވެސް ދިނިން
ނިހާން: ގޯސް ވާނީ ހަމަ ގޯހަށް. އެހެންވެ ނުކުތީ. އަސާސީ ގަވާއިދަށް އިސްލާހު ގެނެސް 2013ގަ އޮންނާނީ ފައިނަލް އެއްޗެއް ހަދާފައި
އަބްދުއްރަހީމް: ޚީޔާލު ތަފާތުވުން ހުންނާނެ. މަޝްވަރާކޮށްގެން ހައްލު ލިބޭނެ. މިއީ ޑިމޮކްރެޓިކް ޕާޓީއެއް.
އަބްދުއްރަހީމް: ކައުންސިލްގެ 28 މެންބަރުންގެ ތެރެއިން 21 މެންބަރުން ނުކުތް. އެއީ ފާރިސް އާއި ނާދިރާ ނުލައި. މާދަމާ ވެސް ކައުންސިލަށް ގޮވައިލައިފިއްޔާ ދާނަން. އެކަމު އެ ދެ މީހުންނާ އެކު ނުބޭއްވޭނެ
އަބްދުއްރަހީމް: އެއީ ޕާޓީން ވަކިކުރި ބަޔަކު ކައުންސިލްގައި ތިބީމާ. ނާދިރާ އާއި ފާރިސް. އެ މައްސަލަ އިސްތިއުނާފެއް ވެސް ނުކުރޭ. އެމީހުންނާ އެކު ސައްހަ ކައުންސިލެއް ނުބޭއްވޭނެ.
އަބްދުއްރަހީމް: ބައްދަލުވުމުން ނުކުތީ ގަވާއިދާ ޚިލާފަށް ކައުންސިލް ގައި ކަންތައް ހިނގީމަ
މި ޕްރެސް ބްރީފިންގައި ބައިވެރިވުމަށް މިހާރު ތިއްބެވި ބޭފުޅުންގެ ތެރޭގައި ޒަމީރު، ނިހާން، އަބްދުއްރަހީމް، މުހައްމަދު ހުސައިން ޝަރީފް ހިމެނޭ. މި ބްރީފިން އޮތީ އޮކްސިޖަން ކެފޭގެ 7 ވަނަ ފަންގިފިލާގައި
ރައީސް ޔާމީންގެ ފެކްޝަނުން ބާއްވާ ޕްރެސް ކޮންފަރެންސެއް ކުޑަ އިރުކޮޅެއްގެ ތެރޭގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުން
9:55: މައުމޫން ވިދާޅުވީ ފާރިސް އާއި ނާދިރާ ވަކިކުރަން ސުލޫކީ ކޮމިޓީން ނިންމީ ސައްހަ ބައްދަލުވުމެއްގައި ނޫން ކަމަށް. ކޮމިޓީގައި ހަތް މެމްބަރުން ތިއްބަވާ އިރު، އެ ދެ ބޭފުޅުން ވަކިކުރަން ނިންމީ ތިން މެންބަރުންގެ ބައްދަލުވުމެއްގައި.
9:52: ރައީސް މައުމޫން ވިދާޅުވީ ކައުންސިލް ބޭއްވީ އިސްލާހީ އެޖެންޑާއާ ބެހޭ ގޮތުން ވާހަކަ ދައްކަން.
9:43: ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން ޖަލްސާ ދޫކުރައްވައި ވަޑައިގަތީ ޕާޓީން ވަކިކުރަން ސުލޫކީ ކޮމިޓީން ނިންމާފައިވާ ދެ ބޭފުޅަކު ބައްދަލުވުމުގައި ބައިވެރިވާތީ
9:40: ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުން، ރައީސް ޔާމީން ފެކްޝަންގެ ބޭފުޅުން ނުކުމެވަޑައިގެންފި އެވެ. އެ ބޭފުޅުން ޖަލްސާ ދޫކުރައްވައި ވަޑައިގަތީ އެއީ ސައްހަ ބައްދަލުވުމެއް ނޫން ކަމަށް ވިދާޅުވެ އެވެ
މިރޭ ޕީޕީއެމް އޮފީހުގައި ބާއްވާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ ކުރިން ޕީޖީ ގްރޫޕްގެ މެމްބަރުން ރައްޔިތުންގެ މަޖިލިހުގައި މަޝްވަރާ އެއްވުމެއް އަށެއް ޖަހާއިރު ކުރިއަށް ގެންދާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ކައުންސިލްގައި ހިމެނޭ މަޖިލީހުގެ 14 މެމްބަރުން އެ ބައްދަލުވުމަށް ދާނީ ޕީޖީ ގްރޫޕްގެ މަޝްވަރާ އަށް ފަހު އެވެ. ޕީޖީ ގްރޫޕުން މަޝްވަރާ ކުރަނީ ކޮން ކަމަކާ ބެހޭ ގޮތުން ކަމެއް ނޭނގެ އެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިރޭ ނުވައެއް ޖަހާއިރު ޕީޕީއެމް އޮފީހުގައި އޮންނަ ކައުންސިލްގެ ކުއްލި ބައްދަލުވުމަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގަތުން ވަރަށް ކައިރި އެވެ.
މިއީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމާއި ރައީސް ޔާމީނާ ދެމެދު ޕާޓީގެ ކަންކަމުގައި އުފެދުނު ޚިޔާލު ތަފާތުވުމާއި ގޮތްދޫނުކުރެއްވުމަށް ފަހު ދެ ބޭފުޅުން އެއް ތަނަކުން ފެންނާނެ ފުރަތަމަ ފަހަރަށް ވެދާނެ އެވެ.
ޕީޕީއެމް ކައުންސިލްގެ މެޖޯރިޓީ އޮތީ ރައީސް ޔާމީނަށް ތާއީދު ކުރައްވާ މެމްބަރުންގެ އަތުގަ އެވެ. ކައުންސިލްގައި 33 މެންބަރުން ތިއްބަވާ އިރު، މައުމޫން ފެކްޝަނަށް ނިސްބަތްވާ ތިއްބެވީ އެންމެ ހަ މެމްބަރުންނެވެ. އަދި ކައުންސިލްގައި ޕީޖީ ގްރޫޕުގެ 14 މެންބަރަކު ވެސް ހިމެނޭނެ އެވެ. އެކަމަކު ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ އެންމެ އިސް ވެރިޔަކީ ޕާޓީގެ ރައީސްކަމުން، މައުމޫންގެ ބާރު އަދި މުޅިއަކުން ފިރުކިގެންނެއް ނުދެ އެވެ.
މިރޭގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކާނެ މައުލޫއުތަކެއް އެޖެންޑާއެއް ނުކުރެ އެވެ. އެހެންކަމުން އެ ބައްދަލުވުމުގައި ނިންމާނީ ކޮން ކަންކަމެއް ކަމެއް، އަދި ނަތީޖާއަކަށް ވާނީ ކޮން ކަމެއްކަމެއް ވެސް އަދިއެއް ނޭނގެ އެވެ.