02 އެޕްރީލް 2018 - 12:04

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް މުހިންމީ ވެރިކަން ނޫން ކަމަށާއި ބޭނުންވަނީ ގައުމު ސަލާމަތް ކުރުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގެ ކައިރީގައި އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ރޮޒެއިނާ ވިދާޅުވީ، އިދިކޮޅު ޕާޓީތައް ބައިބައިކޮށްލުމަށް ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން ކުރައްވާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ.
ސިޔާސީ ގޮތުން އެކިއެކި ވިސްނުންތައް ޕާޓީތަކުން ގެންގުޅުނު ނަމަވެސް، އެކައްޗެއް ކިޔާފައި ނުކުންނަން ޖެހުނީ ގައުމުގައި އިންސާފު ނެތިގެން ގޮސް، ގައުމު "ވަގުންގެ އައްޑާއަކަށް" ބަދަލުވެގެން ދިޔައީމަ ކަމަށް އޭނާ ވިދާޅުވި އެވެ. ގުޅިގެން މަސައްކަތް ފެށީ، ޕާޓީތަކުގެ ސިޔާސަތުތަކަށް ވުރެ، މުހިންމީ ރައީސް އަބްދުﷲ ޔާމީންގެ ކިބައިން ގައުމު ސަލާމަތް ކުރަން ބޭނުން ވާތީ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
"ރައީސް ޔާމީނަށް ދަންނަވާލަން އޮތީ، ފާޑުފާޑުގެ ވާހަކަތައް ނޫސްތަކުގައި ލިޔެގެން އަޅުގަނޑުމެންގެ ޕާޓީތަކުގެ ތެރޭގައި މައްސަލަ އޮތް ކަމަށް ދައްކަން މަސައްކަތް ނުކުރައްވާށޭ. ޕާޓީތަކުން މިތިބީ ތި އަށް ވުރެ މާ ވަރުގަދަ އަޒުމެއްގައި މަނިކުފާނު ބާލުވަން ނުކުމެ،" ރޮޒެއިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމު ސަލާމަތް ކޮށްގެން ނޫނީ އިތުރު ކަމެއް ކުރެވޭކަށް ނެތެވެ. ބޯވައެއްގެ މިސާލު ނަންގަވައި، ވިދާޅުވީ ބޯވައިގެ ހުރިހާ ފައިތަކެއް ހުރީ މުއައްސަަސާތަކުގެ ތެރޭގައި ކަމަށެވެ. އަދި ރައްޔިތުންނަށް އަނިޔާދޭ ތަން ބަލަން އިދިކޮޅު އެއްވެސް ލީޑަރަކު ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ އެންމެން ވެސް ސިޔާސީ ފިކުރުގެ ތަފާތުވުންތައް ދޫކޮށްލާފައި އެންމެން އެކީގައި މި ތިބީ މި މަސައްކަތަށް ނުކުމެ. މި މަސައްކަތް ނިމުނު ދުވަހަކުން ނޫނީ އެހެން މިސްރާބަކަށް ނުޖަހާނެ. މި ގައުމު ހަމަޔަކަށް އަޅުވައި، އިންސާފު ގާއިމުކޮށް މުއައްސަސާތައް މިނިވަން ކޮށް، މަޖިލީހަކީ ރައްޔިތުންގެ ބަސް ވިކޭ ތަނަކަށް ވިއްޔާ ނޫނީ ހަމަނޭވައެއް ނުލާނަން،" އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރު ވިދާޅުވި އެވެ.
ރޮޒެއިނާ ވަނީ ރައީސް ޔާމީނަކީ ގައުމަށް ހައްލެއް ހޯއްދަވައި ދެއްވިދާނެ ބޭފުޅެއް ކަން ގަބޫލު ނުކުރެއްވުމަށް، ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުންނަށް ގޮވާލައްވައިފަ އެވެ. އަދި ރައްޔިތުންގެ ވޯޓުން، ރައީސް ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވޭނެ ކަމަށް ގަބޫލު ނުކުރުމަށް އޭނާ އެދިވަޑައިގަތެވެ.
ވެރިކަން ކުރާ ޕީޕީއެމުން ކުރިން ބުނެފައިވާ ގޮތުގައި، އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ދަނީ ދުވަހެއް ދުވަހަކަށް ފަނޑުވަމުންނެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން އިދިކޮޅު ފަރާތްތައް ވިއްސިވިހާލިވެގެން ދާނެ އެވެ. އަދި އިދިކޮޅު ފަރާތްތަކަށް އެއް ކެންޑިޑޭޓެއް ނުނެރެވޭނެ ކަމަށް ތަކުރާރުކޮށް އެ ޕާޓީން ދަނީ ބުނަމުންނެވެ.