02 އެޕްރީލް 2018 - 12:28

ބެއިޖިން (އެޕްރީލް 2) - ޗައިނާ އިން ޖައްވަށް ދޫކޮށްލާފައިވާ، މިހާރު ބޭނުން ނުކުރާ، ސްޓޭޝަނުގެ ބައިތައް ސައުތު ޕެސިފިކަށް ވެއްޓިއްޖެ ކަމަށް އެމެރިކާގެ ރިޕޯޓްތައް ބުނެފި އެވެ.
ޗައިނާގެ މޭންޑް ސްޕޭސް އިންޖިނޭރިން އޮފީހުން ބުނީ ޖައްވީ އުޅަނދު ދުނިޔޭގެ އެޓްމޯސްފިއާ އަށް ވަދެފައި ވަނީ ރޭ ފަތިހު ކަމަށެވެ.
ޖައްވީ ސްޓޭޝަން ޓިއަންގޮން-1 އަކީ ޗައިނާގެ އުއްމީދީ ޖައްވީ ޕްރޮގްރާމުގެ ބައެކެވެ. ޗައިނާގެ ޖައްވީ ސްޓޭޝަން އޯބިޓަށް ދޫކޮށްލާފައި ވަނީ 2011 ވަނަ އަހަރު އެވެ. އަދި ފަސް އަހަރު ފަހުން ވަނީ ސްޓޭޝަނުގެ މިޝަން ފުރިހަމަކޮށްފަ އެވެ. ޗައިނާގެ އުއްމީދަކީ މީހުންނާ އެކު ޖައްވީ ސްޓޭޝަނެއް 2022 ގައި ގާއިމްކުރުމެވެ. ޗައިނާ އިން 2016 ވަނަ އަހަރު ވަނީ ޓިއަންގޮން-1 އާ ގުޅުން ކެނޑިފައިވާ ކަމަށް ބުނެފަ އެވެ. އަދި ސްޓޭޝަނުގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޖޮއިންޓް ފޯސް ސްޕޭސް ކޮމްޕޯނެންޓް ކޮމާންޑްގެ އެމެރިކާގެ ސްޕެޝަލިސްޓުން ބުނީ ޓިއަންގޮން-1 އެޓްމޯސްފިއާ އަށް ވަދެފައިވާކަން ޔަގީންކޮށްފައި ވަނީ އޯބިޓް އެނަލިސިސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށެވެ. ހާވަޑް-ސްމިތުސޯނިއަން ސެންޓަ ފޯ އެސްޓްރޯފިޒިކްސްގެ އެސްޓްރޯމާ ޖޮނަތަން މެކްޑޮވެލް ޓްވީޓް ކުރެއްވި ގޮތުގައި ސްޕޭސް ސްޓޭޝަން ވެއްޓިފައި ވަނީ ތަހިތީގެ ހުޅަނގު އުތުރަށެވެ.
ޗައިނާގެ ސްޕޭސް ލެބް ވެއްޓޭނެ ދިމާލެއް ލަފާކުރަން ތަޖްރިބާކާރުންނަށް ކުރިން ވަނީ ދަތިވެފަ އެވެ. ޗައިނާގެ ސްޕޭސް އެޖެންސީން ވެސް ލަފާކޮށްފައި ވަނީ ސްޕޭސް ލެބް ވެއްޓޭނީ ބްރެޒިލްގެ ސައޮ ޕޯލޯ ސަރަހައްދަށް ކަމަށެވެ.
ޔޫރަޕިއަން ސްޕޭސް އެޖެންސީން ބުނީ ޓިއަންގޮން-1 ދުނިޔޭގެ އެޓްމޯސްފިއާ އަށް ވަންނައިރު އޭގެ ބައިތައް އަނދައިގެންދާނެ ކަމަށެވެ. އެހެންވެ ސްޕޭސް ލެބްގެ ބައިތައް މީހެއްގެ ގައިގައި ޖެހުމުގެ ޗާންސް ވަރަށް ކުޑަވާނެ ކަމަށް ވަނީ ބުނެފަ އެވެ. ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ދަށުގައިވާ 13 ސްޕޭސް އެޖެންސީއަކުން ވަނީ ރާޑަރާއި އޮޕްޓިކަލް އޮބްޒަވޭޝަން ބޭނުންކޮށްގެން ޓިއަންގޮންގެ މިސްރާބު ފޮލޯކޮށްފަ އެވެ.