ބާސެލޯނާ މެޗު ބޯމަތީގައިި، ރޯމާއަށް އަނިޔާގެ މައްސަލަ
ބާސެލޯނާ މެޗު ބޯމަތީގައިި، ރޯމާއަށް އަނިޔާގެ މައްސަލަ

ރޯމް (އޭޕްރިލް 2) – ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން ރޯމާގެ މުހިއްމު ތިން ކުޅުންތެރިޔަކަށް ނުކުޅެވިދާނެ ކަމަށް ބެލެވިއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމުގައި ކުޅޭ މެޗު ބޯމަތިވާއިރު އަނިޔާގައި ތިބީ ބެލްޖިއަމްގެ އިތުބާރު މިޑްފީލްޑަރު ރަޖާ ނައިންގޫލާން އާއި އިޓަލީގެ މިޑްފީލްޑަރު ލޮރެންޒޯ ޕެލެގްރިނީ އަދި ތުރުކީގެ ހުނަރުވެރި ފޯވާޑް ސެންގިޒް އުންޑާ އެވެ.

މިވަގުތު ޔޫރަޕުގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށްވާ ނައިންގޫލާން އަށް އަނިޔާވީ އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހު ބޮލޯނިއާއާ 1-1 އިން ރޯމާ އެއްވަރުވި މެޗުވަ އެވެ. އޭނާގެ ކަނާތު ފަޔަށް ލިބިފައިވާ އަނިޔާގެ ތަފްސީލް އެނގޭނީ ޓެސްޓްތަކަށް ފަހު އެވެ. މަސްގަނޑުގެ އަނިޔާއަކަށްވެއްޖެ ނަމަ އޭނާ ދުވަސްކޮޅަކަށް ކުޅުމާ ދުރަށް ދާން ޖެހޭނެ އެވެ.

މި ސީޒަނުގައި އުއްމީދީ ކުޅުމެއް ދައްކަމުން އަންނަ ސެންގިޒް އަދި ޕެލެގްރިނީ އަށް އަނިޔާވީ ގައުމީ ޓީމުގެ ކޭމްޕުންނެވެ. އެ ދެ ކުޅުންތެރިން ވެސް އަނިޔާގެ ސަބަބުން ބޮލޯނިއާ މެޗުގައި ނުކުޅެ އެވެ.