މޮރީނިއޯއާ މައްސަލައެއް ނެތް: ޕޮގްބާ
މޮރީނިއޯއާ މައްސަލައެއް ނެތް: ޕޮގްބާ

މެންޗެސްޓާ (އޭޕްރިލް 2) – މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯއާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކްލަބް ދޫކޮށްލާ ވާހަކަ ދެއްކުން އަދި މާ އަވަސް ކަމަށް އެ ޓީމުގެ ޕައުލް ޕޮގްބާ ބުނެފި އެވެ.

އޭރުގެ ދުނިޔޭގެ ރެކޯޑް އަގެއްގައި 2016 ވަނަ އަހަރު ޔުވެންޓަސް އިން ޔުނައިޓެޑާ ގުޅުނު ޕޮގްބާ އަށް ފަހަކަށް އައިސް ބައެއް މެޗުތަކުގެ ފުރަތަމަ އެގާރައިން ފުރުސަތެއް ނުލިބެ އެވެ. އޭނާއާ ކޯޗު މޮރީނިއޯއާ މައްސަލަ ޖެހިފައިވާ ކަމަށް ވެސް ވާހަކަދެކެވެ އެވެ.

"މޮރީނިއޯއާ އެއްވެސް މައްސަލައެއް ނެތް. ޓީމު ރާވަނީ އަހަންނެއް ނޫން. އަހަރެން މަދުން ކުޅެނީ ކީއްވެތޯ ބަލަން ބޭނުމިއްޔާ ކޯޗު ގާތު އަހާ. އަހަރެން އޭނާގެ ނިންމުންތަކަށް އިހުތިރާމްކުރަން،" ޕޮގްބާ ބުންޏެވެ.

ޕޮގްބާ ބުނީ ބެންޗުގައި މީގެ ކުރިން ހުރެފައިނުވާނެ ކަމަށާއި އެކަމަކު އޭގެ ސަބަބުން އޭނާ އިތުރަށް ވަރުގަދަވާނެ ކަމަށެވެ. އަދި މޮޅު ކުޅުންތެރިޔަކަށް ވުމަށްޓަކައި މި ހުރިހާ ކަމެއް ވެސް ތަޖުރިބާކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލާ ވާހަކަ ދެއްކުން އަދި މާ އަވަސް. ހާލަތު ބަދަލުވެދާނެ،" ޕޮގްބާ ބުންޏެވެ.

އޭނާ ވަނީ ޕީއެސްޖީގެ ނޭމާ އާއި ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ބާސެލޯނާގެ ލިއޮނަލް މެސީއާ އެކު ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު ޕޮގްބާ ބުނީ އެ ކުޅުންތެރިންނާ އެކު ކުޅޭ ހިތްވުމަކީ އެ ކްލަބްތަކަށް ބަދަލުވާން ބޭނުންވުން ނޫން ކަމަށެވެ.