ގަދަ ހަތަރެއްގެ އުއްމީދު ޗެލްސީ އަށް ގެއްލެނީ
ގަދަ ހަތަރެއްގެ އުއްމީދު ޗެލްސީ އަށް ގެއްލެނީ

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ނަމަވެސް މި ސީޒަނުގައި ޗެލްސީއަށް އެކަން ތަކުރާރުކުރެވިދާނެ ކަމަށް ގިނަ ބަޔަކު ލަފައެއް ނުކުރެ އެވެ. ފޯވާޑް ޑިއެގޯ ކޮސްޓާ އާއި މިޑްފީލްޑަރު ނިމަންޏާ މަޓިޗް ފަދަ ކުޅުންތެރިން ކްލަބް ދޫކޮށްލުމާ ވެސް އެކު އެވެ. އެކަމަކު ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-1 އިން ބަލިވުމާ އެކު ޗެލްސީ އަށް މިވަނީ ގަދަ ހަތަރެއްގެ އުއްމީދު ވަރަށް ބޮޑަށް ގެއްލިފަ އެވެ. ޔަގީނުން ވެސް މިއީ ޗެލްސީގެ ސަޕޯޓަރުން އުއްމީދުކުރި ވަރަށް ވުރެ ދެރަ ގޮތެކެވެ. އަމުދުން މި ސީޒަނަށް ފަހު އެންޓޯނިއޯ ކޮންޓޭ ކްލަބް ދޫކޮށްލާނެ ކަމަށް ބެވެލެވޭއިރު، ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދައިނުދެވިއްޖެ ނަމަ މިދިޔަ ސީޒަނުގައި އޭނާ ހޯދި ކާމިޔާބީގެ ހަނދާނެއް ހުންނާނެ ކަމަށް ނުބެލެވެ އެވެ.

ޗެލްސީ މިވަގުތު އޮތީ 56 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ހަތަރު ވަނައިގައި 64 ޕޮއިންޓާ އެކު އޮތް ޓޮޓެންހަމްއާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ބާކީ އޮތީ ހަތް މެޗެވެ.

އަމިއްލަ ދަނޑުގައި ޗެލްސީ ރޭ ކުޅުނު މެޗުގެ 30 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާ ޖެހި ލަނޑާ އެކު އެ ޓީމާ މެދު އުއްމީދުތަކެއް ކުރެވުނެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކްރިސްޓިއަން އެރިކްސަން ލަނޑު ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. އަދި ޓޮޓެންހަމްގެ ޒުވާން ފޯވާޑް ޑެލޭ އާލީ 62 ވަނަ މިނެޓާއި 66 ވަނަ މިނެޓުގައި ގޯލް ޖަހައި އެ ޓީމު މޮޅުކޮށްދިނެވެ. މިއީ ޗެލްސީގެ ދަނޑުގައި ޕްރިމިއާ ލީގު މެޗަކުން 28 އަހަރުގެ ތެރޭ އެ ޓީމު އަތުން ޓޮޓެންހަމް މޮޅުވި ފުރަތަމަ ފަހަރެވެ.

މި ސީޒަން ފެށުމުގެ ކުރިން ވެސް ޗެލްސީގެ ޑިރެކްޓަރުންނާ ކޮންޓޭއާ މައްސަލަ ޖެހުނު ކަމަށްވެ އެވެ. އަމުދުން ދަށް ނަތީޖާތަކާ އެކު އޭނާ މި ސީޒަނަށް ފަހު ހުންނާނެ ކަމަށް ނުބެލެވެ އެވެ.

"އަހަރެން ތެދަށް ވާހަކަދައްކަން ޖެހޭނީ. އަހަންނަށް ނޭގޭ،" އަންނަ ސީޒަނުގައި ވެސް ޗެލްސީގައި ހުންނާނެތޯ އެހުމުން އޭނާ ބުންޏެވެ. "މިއީ އަހަރެންގެ މައްސަލައެއް ނޫން. އެއީ ކްލަބަށް އޮތް މައްސަލައެއް. އަހަރެމެން ކޯޗުންނަށް ޔަގީންކަމެއް ނޯންނާނެ. ކޮންޓްރެކްޓެއް އޮވެދާނެ އެކަމަކު މެޗެއް ދެ މެޗެއް ފަހުން ވެދާނެ ގޮތެއް ނޭގޭނެ."

ކޮންޓޭގެ ހިދުމަތް ހޯދަން އިޓަލީ ގައުމީ ޓީމުން ވެސް ބޭނުންވާ ކަމަށްވެ އެވެ. އިޓަލީ ފެޑެރޭޝަނުން ވަނީ މޭ 20 ވަނަ ދުވަހު އާ ކޯޗު އިއުލާންކުރާނެ ކަމަށް ބުނެފަ އެވެ. އިޓަލީ ގައުމީ ޓީމުން ނުފެނުނު ނަމަވެސް އޭނާ އިޓާލިއަން ލީގުން ފެނުމުގެ ފުރުސަތު ބޮޑެވެ.

ޕްރިމިއާ ލީގުގައި ރޭ އާސެނަލް ވަނީ ސްޓޯކް ސިޓީ އަތުން 3-0 އިން މޮޅުވެފަ އެވެ. އެ ޓީމުގެ ފުރަތަމަ ދެ ލަނޑު ޖެހީ ޕިއެރޭ އެމެރިކް އޯބަމަޔަން އެވެ. ފުރަތަމަ ގޯލް 75 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހިއިރު ދެ ވަނަ ގޯލް ޖެހީ 86 ވަނަ މިނެޓުގަ އެވެ. ފަހު 89 ވަނަ މިނެޓުގައި އަނެއްކާ ވެސް ޕެނަލްޓީއަކުން ޖެހީ އަލެކްސެންޑާ ލަކަޒޭ އެވެ. އާސެނަލް އޮތީ 51 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. އެ ޓީމަށް ވެސް ގަދަ ހަތަރެއްގެ ފުރުސަތު ކުޑަ އެވެ.