02 އެޕްރީލް 2018 - 11:21

ލ. ފޮނަދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި ދެ ޒުވާނަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފޮނަދޫގައި ރޭ އިރާކޮޅު، ތޫނު އެއްޗަކުން ހަމަލާދީ ދެ ޒުވާނަކު ޒަހަމްކޮށްލި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މާރާމާރީގައި 22 އަހަރުގެ ފިރިހެނެއްގެ ފައިގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމުން އޭނާ އަށް އަންނަނީ ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
ޒަހަމްވި އަނެއް ޒުވާނާގެ މޫނަށް ވަނީ އެކިވަރުގެ ގެއްލުންތައް ވެފަ އެވެ. ނަމަވެސް އެ ދެ މީހުންގެ ހާލު ސީރިއަސްއެއް ނޫނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި 23 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.