ހުޅުމާލެ އަށް މުދާ ގެންދެވޭނީ ރޭގަނޑު އެކަނި
ހުޅުމާލެ އަށް މުދާ ގެންދެވޭނީ ރޭގަނޑު އެކަނި

ދުވާލު ގަޑީގައި މާލެ ތެރޭގައި މުދާ އުފުލުން މަނާކުރުމުން، ހުޅުމާލޭގެ މުދާ ފެރީގެ ދަތުރުތައް ހަމައެކަނި ރޭގަނޑަށް ބަދަލުކޮށްފި އެވެ.

ހުޅުމާލެއަށް ފެރީގެ ހިދުމަތްދޭ އެމްޓީސީސީން ނެރުނު އިއުލާނެއްގައިވާ ގޮތުން އިއްޔެއިން ފެށިގެން މުދާ ފެރީ މާލެއިން ފުރާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ރޭގަނޑު 7:00 ގަ އާއި 10:00 ގައި އަދި ދަންވަރު 1:00ގަ އެވެ. އަދި ހުޅުމާލެ އިން މާލެއަށް ފުރާނީ ހަވީރު 5:30ގަ އާއި 8:30ގަ އާއި 11:30ގަ އެވެ.

އެ ކުންފުނިން މިހާރު ހަމަޖައްސާފައިވާ ގޮތުން ހުކުރު ދުވަހު އޮންނަ ފެރީ މާލެއިން ފުރާނީ 7:00ގަ އެވެ. އަދި ހުޅުމާލެ އިން ފުރުން އޮންނާނީ ހަވީރު 5:30ގަ އެވެ.

އެމްޓީސީސީގެ މުދާ ފެރީ މާލެއިން ފުރުން ހަމަޖައްސާފައި ވަނީ ދާންނާ ގިމަތައިންނެވެ.

އެ ކުންފުނިން ބުނީ މުދާ ފެރީގެ ބިލްތަކަށް ހުޅުމާލެ އާއި މާލެއިން ވެސް ފައިސާ ބަލައިގަންނާނީ ފެރީ ފުރުމުގެ 30 މިނެޓްކުރިން ކަމަށެވެ.

ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ގޮތުން މާލެ ތެރޭގައި މުދާ އުފުލޭނީ ހަވީރު 6:00ން ހެނދުނު 6:00 އަށެވެ.