ސާނަވީ ތައުލީމީ ނިޒާމް މާލީ ގޮތުން ދެމެހެއްޓެނެވި ގޮތަކަށް ބަދަލުކުރަން ޖެހޭ: މުނައްވަރު
ސާނަވީ ތައުލީމީ ނިޒާމް މާލީ ގޮތުން ދެމެހެއްޓެނެވި ގޮތަކަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

ރާއްޖޭގެ ސާނަވީ ތައުލީމީ ނިޒާމް މާލީ ގޮތުން ދެމެހެއްޓެނެވި ގޮތަކަށް ބަދަލުކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަސްވެނިވުމުގެ ހަފުލާގައި ވާހަކަދަައްކަވަމުން މުނައްވަރު ވިދާޅުވީ ވޯލްޑް ބޭންކުގެ އެހީގައި މަތީ ތައުލީމާ ގުޅޭ މާސްޓަ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. އެ މާސްޓާ ޕްލޭންގައި ރާއްޖޭގެ މަތީ ތައުލީމު އޮތް ހާލަތާއި އެކަމަށް ބޭނުންވާ މިންވަރު ފާހަގަ ކޮށްފައިވާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލީ ގޮތުން ދެމެހެއްޓެނިވި ގޮތަކަށް ތައުލީމީ ނިޒާމް ބަދަލުކުރަން ޖެހޭ ކަން ދިރާސާތަކުން ދައްކާ އެވެ. އެ ގޮތުން ތަރައްގީ ވެފައިވާ ގައުމުތަކުގައި ވެސް، މަތީ ތައުލީމަށް ކުރާ ހޭދަ ނިސްބަތުން ކުޑަކޮށް އެ ކަމަށް އާ ގޮތްތަކެއް ހޯދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ގައުމީ ފެންވަރެއްގައި މަތީ ތައުލީމް ހާސިލް ކުރުމަށްޓަކައި ވޯލްޑް ބޭންކްގެ އެހީގައި މިހާރު ވަނީ މާސްޓަ ޕްލޭނެއް އެކުލަވާލެވިފައި. އޭގައި [މަތީ ތައުލީމީ ގޮތުން] ރާއްޖެ އޮތް ހާލަތާއި ރާއްޖެ ބޭނުންވާ މިންވަރަކީ ކޮބައިކަން. އަދި އެ ކަމުގައި އަޅުގަނޑަށް ފެންނަ ބައެއް ހިޔާލުތައް ހިއްސާކޮށްލާނަން. އެންމެ ފުރަތަމަ ސެކަންޑްރީ ސްޓަޑީ ނިޒާމް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަލުން ބައްޓަން ކުރަންޖެހޭ މިއަށް ވުރެ ސަސްޓެއިނަބްލް ފައިނޭންޝަލް މޮޑެލްއަކަށް. މިއީ ހަމަ އަޅުގަނޑުމެންގެ ދިރާސާތަކުން ފެންނަ ގޮތް،" ދަރުބާރުގޭގައި ބޭއްވި ހަފުލާގައި މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އިނގިރޭސި ވިލާތާއި އެމެރިކާ ފަދަ ތަރައްގީވެފައިވާ ގައުމުތަކުގައި މަތީ ތައުލީމަށް ކުރާ ހޭދަ ނިސްބަތުން ކުޑަވި ކަމުގައި ވިއަސް އެކަމަށް ކުރާ ޖުމްލަ ހޭދަ ކުޑައެއް ނޫނެވެ. އެ ތަންތަނުގައި މަތީ ތައުލީމުގެ ފުުރުސަތުތައް ހޯދައިދިނުމަށް އަމިއްލަ ޖަމިއްޔާތަކާއި ހިލޭ އެހީން މާލީ ނިޒާމެއް ގާއިމް ކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ވެސް 2011 ވަނަ އަހަރު ސްޓޫޑެންޓް ޑިވެލޮޕްމަންޓް ލޯނުގެ ނަމުގައި ސްކީމެއް ތައާރަފުކުރި ކަމަށާއި މިހާރު އެކަން ކުރިއަށް ދަނީ ދެމެހެއްޓެނިވި ގޮތެއްގައި ކަމަށް މުނައްވަރު ވިދާޅުވި އެވެ. އެ ފަންޑުގައި މިހާރު ވެސް އެއް ބިލިއަން ރުފިޔާ އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދޭ ފައިސާ އިން ރޯލް ކުރެވޭނެ ފަންޑަކަށް މިހާރު ވަނީ ބައްޓަން ކުރެވިފައި. މިހާރު އެ ފަންޑުގައި އެއް ބިލިއަން ރުފިޔާ މިހާރު ވެސް އެބަހުރި. އޭގެ މާނައަކީ މިދިޔަ އެތައް އަހަރެއްގެ ތެރޭގައި، ބިލިއަނެއްހާ ރުފިޔާގެ ލޯނު ވަނީ ކިޔަވާ ކުދިން ސްކޮލަޝިޕް ހޯދުމަށްޓަކައި ދީފައޭ،" މުނައްވަރު ވިދާޅުވި އެވެ.

މަތީ ތައުލީމް ފޯރު ކޮށްދިނުމަށްޓަކައި ސަރުކާރުން ބޮޑު ހޭދައެއް ކުރަމުން އައި ކަމުގައި ވިއަސް، ބޭނުންވާ މިންވަރާ ގާތަށް ވެސް އެ ކަންތައްތައް ނުދާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.