03 އެޕްރީލް 2018 - 06:40

އިންޑިއާގެ ބައެއް ހިސާބުތަކުގައި ރާމާމަކުނުގެ އުނދަގޫ ބޮޑުވެ މީހުންނަށް ވަނީ ނުރައްކާވެފަ އެވެ. ހޮނިހިރު ދުވަހު ހިނގި މިފަދަ ހާދިސާއަކުން ވަނީ ބިރުވެރިކަން ބޮޑުވެފަ އެވެ.

އުފަންވިތާ އެންމެ 16 ދުވަސްވީ ފިރިހެން ކުއްޖަކު މަންމަ ކައިރީގައި ނިދާފައި އޮއްވައި މަކުނު ވަނީ ދަރިފުޅު ގެންގޮސްފަ އެވެ. އިންޑިއާގެ އެކަހެރި އަވަށެއްގައި މި ހާދިސާ ހިނގީ ދަރިފުޅު ނިންދަވައިގެން، ގާތުގައި ބާއްވައިގެން އޮއްވައި، އަންހެން މީހާ އަށް ވެސް ނިދިފައި އޮއްވަ އެވެ.
އެ އަންހެން މީހާ މީޑިއާ އަށް ކިޔައި ދިން ގޮތުގައި އޭނާ އަށް ކުއްލިއަކަށް ހޭލެވުނީ ދަރިފުޅު ރޮއިގަތް އަޑަށެވެ. އޭރު މަކުނު ދަރިފުޅު ނަގައިގެން ފިލަނީ އެވެ. ދެން އަވަށު މީހުންނަށް ގޮވައިގެން އެންމެންގެ މަސައްކަތުން ވެސް ދަރިފުޅު ފެންނަ ގޮތެއް ނުވި އެވެ.
އޭގެ އެއް ދުވަސް ފަހުން ކުއްޖާ ފެނުނީ އަންހެން މީހާ ދިރިއުޅޭ ގެއާ މާ ދުރު ނޫން ހިސާބެއްގައި ހުރި ވަޅެއްގެ ތެރޭގައި، މަރުވެފައި އޮއްވަ އެވެ.
މި ހާދިސާ ތަހުގީގު ކުރަމުން އަންނަ އިރު، ފުލުހުން ބުނާ ގޮތުގައި 15 ފޫޓް ފުން ވަޅަށް ކުއްޖާ ވެއްޓުނު ކަމަށް ބެލެވެނީ ކުއްޖާ ނަގައިގެން މަކުނު ވަޅު ކައިރިން ދަނިކޮށެވެ. ކުއްޖާ ފެނުނު އިރު ބަނޑާއި ހަށިގަނޑުގެ އެކި ތަންތަނުގައި ފުން ޒަހަމްތަކެއް ވެސް ހުއްޓެ އެވެ.
މި ހާދިސާ ހިނގި އަވަށުގެ ރައްޔިތުން ވަނީ މަކުނުގެ ތުރާލާ ހެދި އެ މީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ބުނެ ކުރާ ޝަކުވާގެ އަޑު ވަނީ ގަދަވެފަ އެވެ.
"މަކުނުތަކާ ހެދި ދަނޑުގޮވާން ވެސް ކުރެވޭ ވަރެއް ނޫން. ދަނޑުތަކަށް އެހާ ވަރަށް ގެއްލުން އެބަދޭ،" އެ އަވަށުގެ ދަނޑުވެރިއަކު ބުންޏެވެ.