ހަފުތާއެއް ނުވަނީސް ހާފް މެރެތަން ރެކޯޑް ޝަރަފް މުގުރާލައިފި
ހަފުތާއެއް ނުވަނީސް ހާފް މެރެތަން ރެކޯޑް ޝަރަފް މުގުރާލައިފި

މިދިޔަ އާދީއްތަ ދުވަހު ދުނިޔޭގެ ހާފް މެރެތަން ޗެމްޕިއަންޝިޕުގައި ޝިފާޒް މުހައްމަދު އާކުރި ރާއްޖޭގެ ހާފް މެރެތަން ގައުމީ ރެކޯޑް ސިކުންތުކޮޅެއްގެ ފަރަގަކާ އެކު އަހުމަދު ޝަރަފް މިއަދު މުގުރާލައިފި އެވެ.

ސްޕެއިނުގެ ވެލެންސިއާގައި 1 ގަޑި 14:23 މިނެޓުން ދުވެގެން ޝިފާޒް އާކުރި ރެކޯޑް ޝަރަފް މިއަދު މުގުރާލީ މޮރޮކޯގެ ސެމީ މެރެތަން އިންޓަނޭޝަނަލްގައި 1 ގަޑި 14:11 މިނެޓުން ދުވެގެންނެވެ. އެހެންކަމުން މިއީ 12 ސިކުންތުގެ ކުރިއެރުމެކެވެ.

އޮލިމްޕިކް ކޮމިޓީގެ ސްކޮލަޝިޕެއްގެ ދަށުން މޮރޮކޯގައި ތަމްރީން ހަދަމުން އަންނަ ޝަރަފް 2016 ވަނަ އަހަރު ވެސް މި ރެކޯޑް ހެދި އެވެ. މޮރޮކޯގެ ނަޑޯ މެރެތަންގައި 1 ގަޑި 16:17 މިނެޓުން ރޭސް ނިންމައިގެން ޝަރަފް ހެދި ރެކޯޑް މިދިޔަ އަހަރުގެ އޭޕްރިލް މަހު ނޭޕާލުގެ ބިރްގުންޖް ހާފް މެރެތަންގައި ޝިފާޒް މުގުރާލީ 1 ގަޑި 16:10 މިނެޓުން ދުވެގެންނެވެ. އެ ފަހަރު ޝިފާޒް ހޯދީ ހަތް ސިކުންތުގެ ކުރިއެރުމެކެވެ.

ޝިފާޒް އެ ރެކޯޑް ދެ ވަނަ ފަހަރަށް އާކުރީ މިދިޔަ އަހަރުގެ މޭ މަހު މެލޭޝިއާގައި ބޭއްވި ހޮންޑާ ހާފް މެރެތަން ރޭސް 1 ގަޑި 15:18 މިނެޓުން ނިންމައިގެންނެވެ. މިދިޔަ ހަފުތާގައި އެ އާކުރީ ތިން ވަނަ ފަހަރަށެވެ.

ނަސީރު އިސްމާއިލް 1994 ވަނަ އަހަރު 1 ގަޑި 19:23 މިނެޓުން ހެދި ހާފް މެރެތަން ރެކޯޑް އެންމެ ފުރަތަމަ މުގުރާލީ 2014 ވަނަ އަހަރު ޕުކެޓް މެރެތަންގައި 1 ގަޑި 19:05 މިނެޓުން އަހުމަދު ރިޒާ އެވެ. މޮރޮކޯގެ ނަޑޯ މެރެތަންގައި ޝަރަފް އޭރު މުގުރާލީ ރިޒާގެ ރެކޯޑެވެ.

ޝަރަފަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި މުގުރާނުލެވި އެންމެ ގިނަ ދުވަސްވީ އެއް ރެކޯޑް ކަމަށްވާ މެރެތަން ދުވުމުގެ ރެކޯޑް 27 އަހަރަށް ފަހު މުގުރާލި ދުވުންތެރިޔާ އެވެ. އެކަމަކު އެ ރެކޯޑް މިހާރު އޮތީ ޝިފާޒުގެ އަތުގަ އެވެ.

މީގެ ހަތް އަހަރު ކުރިން ދުވުމުގެ ތެރެއަށް ނުކުމެ އަދި 2015 އަހަރު އޮލިމްޕިކް ކޮމިޓީން ދިން ފުރުސަތެއްގައި ރާއްޖޭން ބޭރުގައި ތަމްރީން ހަދަން ފެށި ޝަރަފް ވަނީ
2013 ވަނަ އަހަރުގެ ޕުކެޓް މެރެތަންގެ އުމުރުފުރާގެ ކެޓަގަރީން ތިން ވަނަ ހޯދައިފަ އެވެ.

އޮލިމްޕިކް ކޮމިޓީން ކުރިން ބުނެފައިވަނީ ޝަރަފުގެ ޓާގެޓަކީ މި އަހަރުގެ ކޮމަންވެލްތު ގޭމްސް އަށް ކޮލިފައިވުން އަދި 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން މެޑަލެއް ހޯދުމަށް ފަހު 2020 ވަނަ އަހަރުގެ އޮލިމްޕިކްސް އަށް ކޮލިފައިވުން ކަމަށެވެ. އެކަމަކު ރާއްޖޭން ކޮމަންވެލްތުން ވަކިވެފައިވާތީ އެ ގޭމްސްގައި ވާދަކުރުމުގެ ފުރުސަތެއް ނެތެވެ.