01 އެޕްރީލް 2018 - 18:38

އިސްލާމްއާބާދު (އެޕްރީލް 1) - އަހަރުތަކަކަށް ފަހު އަމިއްލަ ގައުމަށް އާދެވުމަކީ މިއިން ދުވަހަކު ވެސް ނުލިބޭވަރުގެ ބޮޑު އުފަލެއް ކަމަށް ޕާކިސްތާނުގެ މަލާލާ ޔޫސުފްޒައި ބުނެފި އެވެ.

އަންހެން ކުދިންގެ ތައުލީމް ޕްރޮމޯޓް ކުރަން އުޅެނިކޮށް ތާލިބާނުން 2012 ވަނަ އަހަރު ބޮލަށް ބަޑިޖެހި ހާދިސާ އަށް ފަހު ފުރަތަމަ ފަހަރަށް ގައުމަށް ކުރާ ޒިޔާރަތުގައި މަލާލާ ބުނީ އޭނާގެ އުފަން ސްވަޓް ވެލީގެ ހިތްގައިމު މަންޒަރުތަކުގެ މަތިން އަބަދުވެސް ހަނދާންވާ ކަމަށެވެ.

މަލާލާ އަށް ހަމަލާ ދިނީ ސްކޫލް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ބަހުގައި އިންދަ އެވެ. އޭރު މަލާލާގެ އުމުރަކީ 15 އަހަރެވެ. އޭނާގެ ފުރާނަ ސަލާތަވީ ކިރިޔާ އެވެ. ޕާކިސްތާނުގައި ފަރުވާ ދިނުމަށް ފަހު، މަލާލާ ވަނީ އިތުރު ފަރުވާ އަށް އިނގިރޭސި ވިލާތަށް ގެންގޮސްފަ އެވެ. މަލާލާ މިހާރު ދިރިއުޅެނީ ބާމިންހަމްގަ އެވެ. އުމުރުން މިހާރު 20 އަހަރުގެ މަލާލާ މިހާރު ދަނީ ޕޮލިޓިކްސް، ސައިކޮލޮޖީ އަދި އިކޮނޮމިކްސް އިން އޮކްސްފޯޑް ޔުނިވާސިޓީގައި ޑިގްރީ އަށް ކިޔަވަމުންނެވެ. ތާލިބާނުން ބުނެފައި ވަނީ މަލާލާ އަށް ހަމަލާ ދިނީ އޭނާ އަކީ ހުޅަނގުގެ އެޖެންޓަކަށް ވާތީ ކަމަށެވެ. އިސްލާމްދީނާ ތަފާތު ގޮތްތަކެއް ޕްރޮމޯޓް ކުރާ ކަމަށް ބުނެ ޕާކިސްތާނުގެ ބައެއް މީހުން ވެސް މަލާލާ އަށް ފާޑުކިޔަމުންދެ އެވެ.
"އަހަރެންގެ ދީނާ މެދު ފަޚްރުވެރިވަން. އަހަރެންގެ ގައުމާ މެދު ފަޚްރުވެރިވަން،" ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި މަލާލާ ބުންޏެވެ.
މާލާލާ އިއްޔެ ވަނީ ސްވަޓް ވެލީ އަށް ޒިޔާރަތްކޮށްފަ އެވެ. އޭނާ އެ ސިޓީ އަށް ގެންދިޔައީ ހެލިކޮޕްޓަރުގަ އެވެ. މަލާލާއާ އެކު އޭނާގެ މަންމަ އާއި ބައްޕަ ވެސް ސްވަޓަށް ޒިޔާރަތް ކުރި އެވެ.
"ސްވަޓް ސިޓީ ދޫކޮށްދިޔަ އިރު އަހަރެން އޮތީ ލޯމެރިފައި. އެކަމަކު އެނބުރި މި އައީ ލޯ ހުޅުވައިގެން ހުރެ،" ހަމަލާ އަށް ފަހު ސްވަޓުން ހެލިކޮޕްޓަރުގައި ގެންދިޔަ އިރު އޮތް ކޯމާގެ ހާލަތަށް އިޝާރާތްކޮށް މަލާލާ އޭއެފްޕީ އަށް ބުންޏެވެ. "އަހަރެންގެ ހުވަފެން ހަގީގަތަކަށް ވެއްޖެ. ވަރަށް އުފާވެއްޖެ. އެތައް ބައެއްގެ ގުރުބާނީއާ އެކު ސްވަޓަށް ހަމަޖެހުން ގެނެވިއްޖެ."
ސިފައިންގެ ހެލިކޮޕްޓަރުގައި އިނދެގެން މަލާލާ ވަނީ ސްވަޓް ވެލީގެ ބައެއް ފޮޓޯތައް ނަގައިފަ އެވެ. އަދި އެ ފޮޓޯތައް ޓްވީޓް ކުރަމުން އޭނާ ބުނެފައި ވަނީ އެއީ ދުނިޔޭގައި އޮތް އެންމެ ހިތްގައިމު ތަން ކަމަށެވެ.
ޕާކިސްތާން ޓީވީގައި މަލާލާ ބުރާސްފަތި ދުވަހު ވަނީ އަސަރުގަދަ ތަގްރީރެއް ދީފަ އެވެ. ކަރުނައާ އެކު ވާހަކަ ދައްކަމުން މަލާލާ ބުނެފައި ވަނީ ޕާކިސްތާނަށް އެނބުރި އައުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ. އަދި ކިޔަވައި ނިމިގެން ދާއިމީކޮށް ޕާކިސްތާނަށް ބަދަލުވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
އެއްޒަމާނެއްގައި ޕާކިސްތާނުގައި ޓޫރިސްޓުންނަށް ވެސް މަޝްހޫރު ސްވަޓް ވެލީ ތާލިބާނުންގެ ކޮންޓްރޯލުގެ ދަށަށް ގެންދިޔައީ 2007 ވަނަ އަހަރު އެވެ. ނަމަވެސް ޕާކިސްތާން ސިފައިން 2009 ވަނަ އަހަރު ވަނީ ތާލިބާނުން ބޭރުކޮށްލައިފަ އެވެ. އަދި ދާދި ފަހުން ވަނީ ސްވަޓަށް ޓޫރިސްޓުން ޒިޔާރަތް ކުރުން ހުއްދަ ކޮށްފަ އެވެ.
މަލާލާ ބުނީ ތާލިބާނުންގެ ބާރުގެ ދަށުގައި ސްވަޓް އޮތް ދެ އަހަރު ދިރިއުޅެން ޖެހުނު ބިރުވެރިކަން ހަނދާނުން ފިލައިގެން ނުދާނެ ކަމަށެވެ.
މަލާލާ ފަންޑުން ޚަރަދުކޮށްގެން ސްވަޓްގައި މަލާލާ ދިރިއުޅުނު އަވަށުގައި މިދިޔަ މަހު ކުރީކޮޅު ވަނީ އަންހެން ކުދިންގެ ސްކޫލެއް ހުޅުވައިފަ އެވެ.
އެންމެ ހަގު އުމުރުގައި ނޯބެލް ސުލްހައިގެ އިނާމު މަލާލާ ހޯދާފައި ވަނީ 2014 ވަނަ އަހަރު އެވެ. އޭރު އޭނާގެ އުމުރަކީ 17 އަހަރެވެ.