02 އެޕްރީލް 2018 - 06:55

ރައްޔިތުންގެ ޝަކުވާތަކުގެ އަޑު ސަރުކާރަށް ނީވޭ ކަމަށްވާ ނަމަ، އެ އަޑު އިއްވައި ލެވޭނެ އިތުރު އުކުޅުތަކެއް ޖެހޭނީ ހޯދާށެވެ. ވައި ތަޣައްޔަރުވާ މައްސަލާގައި ފްރާންސްގައި ކުރިއަށް ގެންދާ ސުލްހަވެރި އިޖުތިތާޖުތަކުގެ ތެރެއިން ހޮނިހިރު ދުވަހު މި ވަނީ ތަފާތު ކަމެއްކޮށްފަ އެވެ.
އިހުތިޖާޖަށް ނުކުތް މީހުން ވަނީ ފްރާންސްގެ ވެރިރަށް ޕެރިހާއި އެ ނޫން ވެސް ސިޓީތަކުގެ މަގުމަތީގައި ބަހައްޓާފައި ހުރި ސްޓެޗޫތަކުގެ އަނގަމަތީގައި މާސްކް އަޅައިފަ އެވެ. ޖައްވު ތަޣައްޔަރުވުމުގެ މައްސަލައާ ފްރާންސަށް ކުރިމަތިލާން ޖެހިފައި އިރު، އެ ގައުމުގެ ގިނަ ބަޔަކު ބުނަނީ އެކަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ.
މި މައްސަލާގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ރައްޔިތުންގެ އަޑު އަހައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަން ފްރާންސްގެ ސަރުކާރުން ނުކުޅެދިފައިވާ ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އެކްޓިވިސްޓް ގްރޫޕްތަކުން ބުންޏެވެ.
އެ މީހުން ބުނީ މަގުމަތީގައި ހުރި ދިރުމެއް ނެތް ސްޓެޗޫތަކުގެ އަނގަމަތީގައި ރައްކާތެރިކަން ކަށަވަރުކޮށް ދިނުން މުހިއްމުކަން އަންގައި ދިނުމުގެ ގޮތުން މާސްކް އެޅުމަކީ މި މަންޒަރު ބޮޑުކޮށް ކަމާބެހޭ ފަރާތްތަކަށް ފެންނާނެ ކަމަށް އުންމީދު ކުރެވޭ ކަމެއް ކަމަށް ކަމަށެވެ.
އީޔޫން މިދިޔަ އަހަރު ވަނީ ފްރާންސާ އެކު ޖަރުމަނާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން، ދުއްވާ އެއްޗެހިން ބޭރުވާ ވިހަ ގޭހުން ޖައްވު ތަޣައްޔަރުވިޔަ ނުދިނުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފަ އެވެ. އަދި އެކަމަށް މަސައްކަތް ނުކުރާ ގައުމުތަކުގެ މައްސަލަތައް ކޯޓަށް ފޮނުވާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.
ޔޫރަޕިން ކޮމިޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2013 ގައި ޔޫރަޕްގެ ގައުމުތަކުން ވިހަ ގޭހެއް ކަމަށްވާ ނައިޓްރިޖެން ޑިއޮކްސައިޑްގެ އަސަރުކޮށްގެން 70،000 މީހުން މަރުވެފައިވެ އެވެ.