01 އެޕްރީލް 2018 - 14:22

ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 1) - ގާޒާގެ ބޯޑަރަށް ޖަމާވެފައިވާ ފަލަސްތީން މީހުންނަށް އަމާޒުކޮށް އިޒްރޭލުން ދޭ ހަމަލާތައް ހުއްޓުވުމާއި އެކަން ތަހްގީގު ކުރަން ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރު އިޒްރޭލުން ހުއްޓުވައިފި އެވެ.

ގަރާރު ޑްރާފްޓްކޮށްފައި ވަނީ ސަލާމަތީ މަޖިލީހުގައި ހިމެނޭ ހަމައެކަނި އަރަބި ގައުމު ކަމަށްވާ ކުވޭތުންނެވެ. ގަރާރުގައި ވަނީ އިޒްރޭލުގެ ހަމަލާތައް ވަކި ފަރާތަކަށް ނުޖެހޭ އަދި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް ގޮވާލައިފަ އެވެ. މީގެ އިތުރުން ގަރާރުގައި ވަނީ އިހްތިޖާޖް ކުރުމުގެ ހައްގު ފަލަސްތީން މީހުންނަށް ލިބިގެންވާކަން ފާހަގަކޮށްފަ އެވެ.
އެކަމަކު ސަލާމަތީ މަޖިލީހުގެ ޑިޕްލޮމެޓަކު ބުނީ ގަރާރަށް އެމެރިކާ އިން ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި އެ ގަރާރު ފާސްކުރަން ތާއީދު ނުކުރާނެ ކަމަށް އެމެރިކާ އިން ވަނީ ބުނެފަ އެވެ.
ކުވޭތުގެ ގަރާރުގައި ވަނީ އިންސާނީ ހައްގުތަކުގެ މިންގަނޑަށް އިހްތިރާމް ކުރުމަށް ވެސް ގޮވާލައިފަ އެވެ.
އިޒްރޭލުގެ ހަމަލާތަކުގެ ވަކި ފަރާތަކަށް ނުޖެހޭ ތަހްގީގެއް ހިންގުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް ވަނީ ގޮވާލައްވައިފަ އެވެ.
ހަ ހަފުތާގެ މުއްދަތަށް ގާޒާ ބޯޑަރުގައި ފަލަސްތީން މީހުން ކުރާ އިހްތިޖާޖްގައި އިޒްރޭލް ސިފައިން ހަމަލާދީ ފަލަސްތީނުގެ 16 މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. މިއީ 2014 ވަނަ އަހަރު އިޒްރޭލުން ގާޒާ އަށް ދިން އުދުވާނަށް ފަހު އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ޝަހީދުކޮށްލި ދުވަހެވެ. އަދި 1،400 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. މީގެ ތެރޭން 758 މީހުން ޒަޚަމްވެފައި ވަނީ ލައިވް ވަޒަނުންނެވެ. ބާކީ ތިބި މީހުން ޒަޚަމްވެފައި ވަނީ ރަބަރު ވަޒަން އަރައިގެންނާއި ކަރުނަ ގޭހުގެ އަސަރު އެތެރެ ހައްޓަށް ކޮށްގެންނެވެ.
"ގްރޭޓް މާޗް އޮފް ރިޓާން" ގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ވަނީ ގާޒާ ބޯޑަރަށް ޖަމާވެފަ އެވެ. އިހްތިޖާޖް ނިންމާލަން ހަމަޖައްސާފައި ވަނީ މެއި 15 ވަނަ ދުވަހު، އިޒްރޭލް އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. ފަލަސްތީނުން އެ ދުވަސް ފާހަގަ ކުރަނީ ނަކްބާ ނުވަތަ ހަލާކުގެ ދުވަހުގެ ގޮތުގަ އެވެ.