01 އެޕްރީލް 2018 - 14:56

އުރީދޫން "ފުޓުބޯޅަ ފޯރީ"ގެ ނަމުގައި، 500،000ރ.ގެ އަގުހުރި އިނާމުތަކާ އެކު، ވަރަށް ފޯރިގަދަ މުބާރާތެއް މިއަދު ފަށައިފި އެވެ.
އެސްއެމްއެސް މެދުވެރިކޮށް ކުރިއަށްގެންދާ މުބާރާތުގައި ބައިވެރިވެވޭނީ، 4242 އަށް "GO" ޖެހުމަށް ފަހު އެސްއެމްއެސް ކުރުމުންނެވެ. އެސްއެމްއެސް ކުރުމުން ކޮންމެ މީހަކަށް ވެސް އަކުރުތަކެއް އެކުލެވޭ މެސެޖެއް ލިބޭނެ އެވެ.
"އެ ލިބޭ އަކުރުތައް ބޭނުންކޮށްގެން ބަހެއް ހެދުމަށް ފަހު 4242 އަށް ފޮނުވަން ޖެހޭނީ. އޭރުން ތިން އަކުރަށް ވުރެ ދިގު، ސައްހަ ބަހެއް ނަމަ، ކޮންމެ އަކުރަކަށް 100 ޕޮއިންޓް ލިބޭނެ،" އުރީދޫގެ އޮފިޝަލަކު ވިދާޅުވި އެވެ.
ލިބޭ އަކުރުތައް ބަދަލުކުރަން ބޭނުން ނަމަ "CHANGE" ނުވަތަ "NEXT" ޖެހުމަށް ފަހު 4242 އަށް މެސެޖު ކުރުމުން އާ އަކުރުތަކެއް ލިބޭނެ އެވެ.
އުރީދޫން ބުނީ އަކުރުތައް ބަދަލުކުރާ ކޮންމެ ފަހަރަކު 500 ޕޮއިންޓް ލިބޭނެ ކަމަށެވެ.
އަކުރުތައް ބޭނުންކޮށްގެން ހެދޭނީ އިނގިރޭސި ލަފުޒެކެވެ. މެސެޖްގައި ފޮނުވާނީ ވެސް ކޮންމެވެސް ލަފުޒެއްގެ އަކުރުތަކެވެ.
ޖުލައި 29 އާ ހަމައަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި، ކޮންމެ ހަފްތާއަކު ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ބައިވެރިން ހޮވާ، އިނާމަކަށް އައިފޯން 10 ލިބޭނެ އެވެ. އަދި ކޮންމެ މަހަކު އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް، 55 އިންޗީގެ ކާވްޑް ސެމްސަންގް ފުލް އެޗްޑީ ޓީވީއަކާއި، ޕީއެސް 4 ޕްރޯއެއް ދެ އެވެ.
އުރީދޫން ބުނީ މި މުބާރާތް ކުރިއަށް ގެންދަނީ އެސްއެމްއެސް މެދުވެރިކޮށް ހިންގާ ޚާއްސަ ޕްރޮމޯޝަންތަކަށް ކަސްޓަމަރުންގެ ފަރާތުން ލިބޭ ތަރުހީބު ފާހަގަކުރަން ކަމަށެވެ.