01 އެޕްރީލް 2018 - 12:14

ހދ. ކުޅުދުއްފުށީގައި ބޭއްވި މަކީޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ފިރިހެން ޗެމްޕިއަންކަން ރައުހަތު ސްޕޯޓްސް އަދި އަންހެން ޗެމްޕިއަންކަން ކްލަބް ރައިވެރިޔާ ހޯދައިފި އެވެ.

މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހޯދީ ރައުހަތު ސްޕޯޓްސްގެ ސުޒައިން މުހައްމަދެވެ. އަދި އަންހެން ބައިގެ އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ރައިވެރިޔާގެ އާއިޝަތު ހިމްނާ ހަސަނެވެ.
މުބާރާތުގެ އުމުރުފުރާތަކަށް ބަލާއިރު 17 އަހަރުން ދަށުގެ ބައިން ފިރިހެން ޗެމްޕިއަންކަން ރައުހަތު ސްޕޯޓްސް ހޯދިއިރު އަންހެން ތަށި ހޯދީ ޖަލާލުއްދީން ސްކޫލެވެ. ފަނަރަ އަހަރުން ފިރިހެން ޗެމްޕިއަން ޓީމަކީ ރައުހަތު ސްޕޯޓްސް އެވެ. އަންހެން ބައިން އެއް ވަނަ ހޯދީ ރައިވެރިޔާ އެވެ. އަދި 13 އަހަރުން ދަށުގެ އަންހެން، ފިރިހެން ޗެމްޕިއަންއަކީ ހދ. އަތޮޅު ތައުލީމީ މަރުކަޒެވެ.
މި މުބާރާތުގެ 17 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ރައުހަތުގެ ސުޒައިން ހޮވުނުއިރު އަންހެން އެއް ވަނަ އަކީ ރައިވެރިޔާގެ ހިމްނާ އެވެ. އަދި 15 އަހަރުން ދަށުން ފިރިހެން އެއް ވަނަ އަކީ ރައުހަތުގެ އިބްރާހިމް ރާފިލް ވާފިރެވެ. އަންހެން އެއް ވަނަ ހޯދީ ރައިވެރިޔާގެ މަރިޔަމް އަލްހާ ހުސައިންނެވެ. ތޭރަ އަހަރުން ދަށުގެ ފިރިހެން އެއް ވަނަ ހދ. އަތޮޅުގެ ތައުލީމީ މަރުކަޒުގެ އައިޝަތު އީހަމް ހަމްޒާ ހޮވުނުއިރު އަންހެން އަކީ އެ ސްކޫލުގެ އާއިޝަތު އާޔާ އަލީ އެވެ.
އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ 16 ސްކޫލަކުންނާއި އެސޯސިއޭޝަނުގެ މެމްބަރު ނުވަ ކްލަބުން ބައިވެރިވި އެވެ. އެތުލެޓިކްސް އަކީ ރާއްޖޭގައި ސްކޫލްތަކުގައި ވަރަށް ވާދަވެރިކޮށް ކުރިއަށްދާ ކުޅިވަރެކެވެ. ސްކޫލް މުބާރާތްތަކުން ފާހަގަވި ގިނަ އެތުލީޓުން މިހާރު އަންނަނީ ގައުމީ ފެންވަރުގައި ވާދަކުރަމުންނެވެ.