01 އެޕްރީލް 2018 - 12:51

ތިން ރަށެއްގައި ނަރުދަމާ ނިޒާމް ގާއިމްކުރަން 42 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫއުތަކެއް އެސްޖޭ ކޮންސްޓްރަކްޝަންއާ މިއަދު ހަވާލުކޮށްފި އެވެ.

އެންވަޔަރްމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހަވާލުކުރީ ށ. ފީވަކު، ރ. އިންނަމާދޫ އަދި ފ. ބިލެތްދޫގެ ނަރުދަމާގެ މަޝްރޫއު އެވެ.
މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމާއި އެސްޖޭ ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު އެވެ.
މި ރަސްމިއްޔާތުގައި ތިން ރަށް ނިސްބަތްވާ ދާއިރާތަކުގެ މަޖިލިސް މެމްބަރުން ކަމަށްވާ ހަސަން މުފީދާއި އިބްރާހިމް ފަލާހު އަދި އަހުމަދު މުބީން ބައިވެރިވެވަޑައިގަތެވެ.
މިއީ ޕަބްލިސް ސާވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގާ މަޝްރޫއުތަކެކެވެ.
މަސައްކަތް ހަވާލުކުރީ 12 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ތޯރިގް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ނަރުދަމާ ނިޒާމް ގާއިމްކޮށްފައިވަނީ 31 ރަށުގައި ކަމަށެވެ. އެއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން 37 ޕަސެންޓް ކަމަށާއި އެކަމަކު މިހާރު ކުރަމުން އަންނަ މަސައްކަތްތައް ނިމުމުން، އެ މިންވަރު 76 ޕަސެންޓަށް އަރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނަރުދަމާ ނިޒާމް ގާއިމްކުރުން ފަދަ ކަންކަމަށް ކުރީ ސަރުކާރުތަކުން ސަމާލުކަން ދީފައެއް ނުވެ އެވެ. އެކަމަކު މިހާރުގެ ސަރުކާރުން ރައްކާތެރި ނަރުދަމާ ނިޒާމެއް ގާއިމްކޮށްދޭން ބޮޑު ހޭދައެއް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.
ތޯރިގު ވިދާޅުވީ ނަރުދަމާ ނިޒާމް ބެލެހެއްޓޭނެ ގޮތް ހެދުމާއި އެކަން ކަމަށް މީހުން ތަމްރީންކޮށް އަދި ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށެވެ. އެހެންކަމުން އެ މަސައްކަތްތަކަށް ދަތިވާނެ އެއްވެސް ކަމެއް ނުކުރަން، އޭނާ އެދިވަޑައިގެންނެވި އެވެ.