މި އަހަރުގެ އައްޑޫ މެރެތަން ޖޫން 29 ގައި
މި އަހަރުގެ އައްޑޫ މެރެތަން ޖޫން 29 ގައި

އައި ރަނާސް އިން އައްޑޫ ސިޓީގައި ބާއްވާ "އައްޑޫ މެރެތަން" ޖުމްލަ އަށް އިވެންޓާ އެކު މި އަހަރުގެ ޖޫން 29 ގައި އޮންނާނެ އެވެ.

މި އަހަރުގެ އައްޑޫ މެރެތަން ޖޫން 29 ގައި
މި އަހަރުގެ އައްޑޫ މެރެތަން ޖޫން 29 ގައި

ދުވުންތެރިން ތަމްރީންކުރާ ކްލަބެއް ކަމަށްވާ އައި ރަނާސް އިން މިދިޔަ އަހަރު ތައާރަފްކުރި އައްޑޫ މެރެތެން ކުރިއަށް ވުރެ ފުޅާކޮށް މި އަހަރު ބާއްވާއިރު މި ފަހަރު ކުޑަކުދިންނާއި އުމުރުންދުވަސްވީ މީހުންނަށް ހާއްސަ އިވެންޓްތަކެއް ވެސް އޮންނާނެ އެވެ.

މައި ހަތަރު އިވެންޓުގެ ތެރެއިން 42 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކުރަން ޖެހޭ ފުލް މެރެތަން ރޭސް ފެށުމަށް ހަމަޖެހިފައިވަނީ މެންދަމު 2:30 ގަ އެވެ. އަދި 21 ކިލޯމީޓަރަށް ދުވަން ޖެހޭ ހާފް މެރެތަން ރޭސް ފަށާނީ ފަތިހު 5:30 ގަ އެވެ. އަނެއް ދެ އިވެންޓުގެ ތެރެއިން 10 ކިލޯމީޓަރުގެ ރޭސް 6:30 ގައި ފެށުމަށް ފަހު ފަސް ކިލޯމީޓަރުގެ ރޭސް ފަށާނީ 7:30 ގަ އެވެ.

އެއަށް ފަހު ދެން އޮންނާނީ ކުޑަކުދިންނާއި އުމުރުންދުވަސްވީ މީހުންގެ ހަރަކާތްތަކެވެ. އެގޮތުން އުމުރުން 9-12 އަހަރާ ދެމެދުގެ ކުދިންނަށް ބާއްވާ 3.2 ކިލޯމީޓަރުގެ ކިޑްސްމައިލް ފަށާނީ 8:15 ގަ އެވެ. އަދި 6-9 އަހަރާ ދެމެދުގެ ކުދިންނަށް ބާއްވާ 1.6 ކިލޯމީޓަރުގެ ކިޑްސްމައިލް ފަށާނީ 8:30 ގަ އެވެ. އުމުރުންދުވަސްވީ މީހުންނަށް އޮތީ ހިނގުމުގެ ރޭހެކެވެ. އެގޮތުން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ބާއްވާ 3.2 ކިލޯމީޓަރުގެ ސީނިއާސް ޕަވާ ވޯކް ފަށާނީ 8:15 ގަ އެވެ.

އައްޑޫ މެރެތަންގެ ކޮންމެ އިވެންޓެއް ނިންމާ މީހަކަށް ވެސް މެޑަލާއި ޑިޖިޓަކް ސެޓްފިކެޓެއް ލިބޭނެ އެވެ. އަދި މެރެތަން ނިންމާ ބައިވެރިންނަށް ފިނިޝާ ޓީޝާޓެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މެރެތަން، ހާފް މެރެތަން، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރު ދުވުމުގެ ރޭހުގެ ގަދަ ތިނެއް ދެ ޖިންސުން ހޮވައި ފައިސާގެ އިނާމް ދޭނެ އެވެ. މެރެތަން ރޭހުގެ އެއް ވަނަ އަށް 750 ޑޮލަރު ދޭއިރު ހާފް މެރެތަން ކާމިޔާބު ދުވުންތެރިޔާ އަށް ލިބޭނީ 500 ޑޮލަރެވެ. އަދި 10 ކިލޯމީޓަރުން އެއް ވަނަ އަށް 300 ޑޮލަރު ދޭއިރު ފަސް ކިލޯމީޓަރުން ކުރި ހޯދާ ބައިވެރިޔަކަށް 200 ޑޮލަރު ދޭނެ އެވެ.

ގަމާއި ހިތަދޫއާ ދެމެދު ދުވަން ޖެހޭއިރު ރޭހުގެ ސީދާ ރޫޓް އަދި ފައިނަލެއް ނުކުރެ އެވެ. އެކަމަކު ހުރިހާ އިވެންޓެއްގެ ނިންމާ ޕޮއިންޓް ގާއިމްކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫ ޒޯން ސްޓޭޑިއަމުގަ އެވެ.

އިވެންޓުގައި ބައިވެރިވުމަށް ފުރަތަމަ ހުޅުވާލި ފުރުސަތު މިރޭ ހަމަވާއިރު ދެ ވަނަ ފުރުސަތު މި މަހުގެ 5 ވަނަ ދުވަހު ހުޅުވާލައި މޭ މަހުގެ 10 ވަނަ ދުވަހާ ހަމަޔަށް އޮންނާނެ އެވެ. ބައިވެރިވެވޭނީ ފީ އެއް ދައްކައިގެންނެވެ.