އެޕަލް ޕެންސިލަށް ވުރެ އަގުހެޔޮ "ލޮޖިޓެކް ކްރެޔޮން"
އެޕަލް ޕެންސިލަށް ވުރެ އަގުހެޔޮ "ލޮޖިޓެކް ކްރެޔޮން"

ސްކޫލަށްދާ އުމުރުގެ ކުދިންނަށް ހާއްސަކޮށްގެން، އެ ކުދިންގެ އިނގިލިތަކަށާއި މިޒާޖާ ގުޅޭ ގޮތަށް ސްޓައިލަސްއެއް އުފައްދައިފިއެވެ. ކުރިންވެސް އައިޕެޑްގައި ބޭނުންކުރުމަށް އެޕަލްއިން "ޕެންސިލް" ވަނީ އުފައްދައިފަ އެވެ. ނަމަވެސް ލޮޖިޓެކް ކުންފުނިން މިފަހަރު މި ނެރުނު ލޮޖިޓެކް ކްރޭޔޮން ކުޑަކުދިންނަށް ހާއްސަ އެވެ.

ލޮޖިޓެކް ކްރެޔޮންގައި ހުރި ކުޑަކުދިންނާ ރަޙުމަތްތެރި ސިފަތަކުގެ ތެރޭގައި އާންމުކޮށް ސްޓައިލަސް ހުންނަ ވަރަށް ވުރެ ފަލަވެފައި ފަތާވުން ހިމެނެއެވެ. މިއީ ކުދިންނަށް ރަގަޅަށް ސްޓައިލަސްގައި ހިފަން ފަސޭހަވެ، އެނބުރެމުން ގޮސް މޭޒުމަތިން ސްޓައިލަސް ނުވެއްޓޭނެކަން މައިންބަފައިންނަށް ކަށަވަރުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ލޮޖިޓެކް ކްރެޔޮންގައި ނެއްޓޭ ގޮތަށް ހުންނަ ކުދި ބައިތަކެއް ނުހުރެއެވެ. ބަދަލުކުރެވޭ ގޮތަށް އޮންނަ މީގެ ތުނޑު ވެސް ބަދަލުކުރެވެނީ އެކަމަށް ހާއްސަ ކުޑަ ކަށިގަނޑަކުންނެވެ. އެ ކަށިގަނޑު ގެންގުޅުމާއި ބެލެހެއްޓުމުގެ ޒިންމާ އޮންނާނީ ބެލެނިވެރިޔާއަށެވެ.

އެޕަލް ޕެންސިލުން ލިޔާއިރު އެ ބާއްވާ ގޮތްގޮތުން، އައިޕެޑްގައި އަޅާ ކުރެހުމުގައި ހުންނަ ތުނޑުގެ ފަލަ މިނަށް ބަދަލު އާދެއެވެ. އެކަމަކު ލޮޖިޓެކް ކްރެޔޮންއިން ލިޔާއިރު އާދައިގެ ކަރުދާހެއްގައި ފަންސޫރުން ކުރެހުން އެޅުމާ މާބޮޑު ތަފާތެއް ކުދިންނަށް އިހުސާސެއް ނުކުރެވޭނެއެވެ. މި ކްރެޔޮން ބޭނުންކުރަން ފެށޭނީ މީގެ ކޮޅުގައިވާ ފިތަށް އޮބާލައިގެން އިރުކޮޅަކު ހުރުމުންނެވެ.

ލޮޖިޓެކް ކްރެޔޮން ފަރުމާކޮށްފައިވަނީ އެލުމިނިޔަމް ފަންސޫރެއްގައި ސިލިކޯން ދޯރިއެއް ހުންނަ ގޮތަށެވެ. މި ޗާޖަށް ޖެހުމުން ފުލުގައި އިންނަ ރަތްކުލައިގެ ބޮތްކެއް ދިއްލޭނެއެވެ. ޗާޖުކޮށްގެން 8 ގަޑިއިރު ވަންދެން ކުރަހަންވީއެވެ. ޗާޖުނުކޮށް އޮއްވައި ކުރެހުމުގެ ތެރޭން ނިވުނަސް މި ކްރެޔޮން އުފައްދާފައި ވަނީ "ކުއްލި ޗާޖު" ކުރެވޭ ގޮތަށެވެ. އެގޮތުން 90 ސިކުންތަށް ކަރަންޓަށް ޖަހާލުމުން ބައިގަޑިއިރު ބޭނުންކުރެވޭނެއެވެ.

ލޮޖިޓެކް ކްރެޔޮން ބޭނުންކުރެވޭނީ މިއަހަރު ފެށުނު ފަހުން ނެރެފައިވާ މޮޑެލްތަކުގައި އެކަންޏެވެ. މީގެ ކްރެޔޮން ވިއްކަނީ 49 އެމެރިކާ ޑޮލަރަށެވެ.