01 އެޕްރީލް 2018 - 12:32

ކޮލަމްބޯ (އެޕްރީލް 1) - ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ސްރީ ލަންކާގެ ޓްރިންކޮމަލީ ބަނދަރަށް ފަައްތާލި އިނގިރޭސި ވިލާތުގެ ޕަސިންޖާ ބޯޓެއް 75 އަހަރު ފަހުން ފެން މައްޗަށް ނަގައިފި އެވެ.

އެސްއެސް ސަގައިންގް ފައްތާލީ ޖަޕާނުގެ ވައިގެ ހަމަލާތަކުގައި 1942 ވަނަ އަހަރު އެވެ. ބޯޓު ފައްތާލި ނަމަވެސް ޕަސިންޖަރުންނާއި މުދާ ވަނީ ސަލާމަތްކޮށްފަ އެވެ.

ބޯޓު ފައްތާލާފައި އޮތީ 35 ފޫޓް (10.7 މީޓަރު) އަޑީގަ އެވެ. ބޯޓު ފެން މައްޗަށް ނަގާފައި ވަނީ ސްރީ ލަންކާގެ ކަނޑުގެ ސިފައިންގެ ޑައިވަރުންގެ ޓީމެއްގެ އެހީއާ އެކު އެވެ. އެ މަސައްކަތް ކުރީ ސްރީ ލަންކާގެ އީސްޓަން ނޭވަލް ކޮމާންޑުންނެވެ.
ބޯޓު ފެން މައްޗަށް ނެގުމުގެ މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ގާތްގަނޑަކަށް 452 ފޫޓުގެ ބޯޓު ފެން މައްޗަށް ނެގުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު 11، 2017 ގަ އެވެ. ފުރަތަމަ ކުރީ ބޯޓުގެ މައިގަނޑު ރޫޅިދާނެތީ ވަރުގަދަ ކުރުމުގެ މަސައްކަތެވެ.