20 ޖުލައި 2016 - 10:58

ކުރީގެ ލަވަކިޔުންތެރިއެއްކަމަށްވާ މުބާރަކް ބޭގަމް، 80، މަރުވެއްޖެ އެވެ. އޭނާ މަރުވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށް އާއިލާއިން ބުނެފައިވެ އެވެ.

މުބާރަކް އުފަންވީ ރާޖަސްތާނަށެވެ. އަދި އުމުރުން 10 އަހަރުގައި މުމްބައި އަށް ދިރިއުޅުން ބަދަލުކުރި އެވެ.
މުބާރަކްގެ ލަވަތަކުގެ ތެރެއިން ގިނަބަޔަކު އެންމެ ހަނދާންކުރަނީ "ވޯ ނާ އާއެނގޭ ޕަލަޓްކޭ" އެވެ. މިއީ 1955 ވަނަ އަހަރު ނުކުތް ދިލިޕް ކުމާރާއި ވިޖެންތިމާލާގެ "ދޭވްދާސް"ގެ ލަވައެކެވެ.
މުބާރަކް ގިނަ ބަޔަކު ހަނދާން ކުރަނީ 1950 ގެ އަހަރު ތަކުން ފެށިގެން 1970 ގެ އަހަރުތަކާ ހަމައަށް ރީތި ލަވަތަކަކާއި ޣަޒަލްތަކެއް ފިލްމު އިންޑަސްޓްރީއަށް ހަދިޔާކުރި ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ.
"ކަބީ ތަންހާއިޔޯންމޭ ހަމާރީ ޔާދް އާއޭގީ" އަކީ "ހަމާރީ ޔާދް އާއޭގީ"އަށް 1961 ވަނަ އަހަރު މުބާރަކް ކިޔައިދިން އެދުވަސްވަރު ވަރަށް މަޝްހޫރުވި ލަވައެކެވެ.
މުބާރަކް 1950ގެ އަހަރު ތަކުން ފެށިގެން 1960 ގެ އަހަރު ތަކުގެ ނިޔަލަށް މަސައްކަތްކޮށްފައި ވަނީ އެ ދުވަސްވަރުގެ އެންމެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރުންނާ އެކުގަ އެވެ. އޭގެ ތެރޭގައި ޝަންކަރް ޖެއިކިޝަން، އެސް.ޑީ.ބަރުމަން، އަދި ޚައްޔާމް ހިމެނެ އެވެ.
ސުނިލް ދަތާއި ނަރްގިސް އަދި ރާޖެންދުރަ ކުމާރުގެ "އޯ މެރީ ހަމްރާހީ"ގެ "ހަމް ހާލޭ ދިލް ސުނާއޭނގޭ" އަކީ މުބާރަކްގެ އެންމެ އަސަރުގަދަ ލަވަތަކުގެ ތެރޭގައި ހިމެނުނު ލަވައެކެވެ.
މުބާރަކްގެ ބޭސް ފަރުވާއަށް 2011 ވަނަ އަހަރުން ފެށިގެން މަހަރަޝްތުރާ ސަރުކާރުން އަހަރު އެއް ލައްކަ ރުޕީސް ޚަރަދުކުރަމުން އައިސްފައި ވެއެވެ. އަދި ފިލްމީ ތަރި ސަލްމާން ޚާން އާއި އޭނާގެ ބައްޕަ ސަލީމް ޚާން މުބާރަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ކަމަށް އިންޑީއާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ.