ދިގު ދަތުރުތަކަށް ހޯދަންވީ މީގެ ބާލީހެއް
ދިގު ދަތުރުތަކަށް ހޯދަންވީ މީގެ ބާލީހެއް

މަތިންދާބޯޓުގައި ދިގު ދަތުރުތައް ކުރުމަކީ ވަރަށް ގިނަ މީހުންނަށް ސިއްހީ އެކި އެކި އުނދަގޫތައް ތަހައްމަލުކުރަންޖެހޭ ކަމެކެވެ. އާންމުކޮށް އޮކްސިޖަން ހުންނަ މިންވަރަށްވުރެ މަތިންދާބޯޓުގައި އޮކްސިޖަންގެ މިންވަރު ދަށްވުމަކީ ދަތުރުވެރިންގެ ބޮލުގައި ރިހުން އާންމުވާ ކަމެއްވެސްމެއެވެ.

މިކަމަށް އޮތް އެންމެ ރަގަޅު އެއް ހައްލަކީ ގޮނޑީގައި ގިނައިރު އިނދެވޭ ވަރަށް ބުރަކަށްޓާއި ކޮނޑާއި ކަނދުރާމައްޗަށް އަރާމު ލިބޭނެ ގޮތެއް އޮތުމެވެ. ބާޒާރުގައި މިހާރު ލިބެންހުރި ގިނަ ބާލީހަކީ މި ރޮނގުން އެންމެ ފުންކޮށް ވިސްނައިގެން ހަދާފައިވާ ބާލީހެއް ނޫނެވެ. ނަމަވެސް ވަޒީފާގެ ގޮތުން ގިނަގިނައިން ދަތުރުކުރަންޖެހޭ އެމެރިކާ ރައްޔިތަކު ދާދިފަހުން އުފެއްދި ބާލީހަކީ ހުރިހާ ގޮތަކުން ވެސް މި ވަގުތު ބާޒާރަށް ނެރޭ މީގެ އެންމެ މޮޅު އުފެއްދުމެވެ.

އެމެރިކާގެ ކެލިފޯނިއާގައި އުޅޭ، މެކްސިކޯއަށް އުފަން އެރަން ކްރޫޒް އުފެއްދި ބާލީހަކީ ކަނދުރާއަށާއި ކަންފަތަށާއި ދަތްދޮޅިދަށަށް އަރާމު ލިބޭނެހެން އުފެއްދި "މައި ލޮފްޓީ ޕިލޯ" އެވެ. ކުޑަކުޑަ ދަބަހެއްގެ ބައްޓަމަށް ފަތްޖަހާލުމަށް ފަހު ޒިބު އަޅުވައިގެން ބަންދުކުރެވޭ މި ބާލީސް ހުޅުވަން ޖެހެނީ އަނގައިން ވައި ޖަހައިގެންނެވެ. ފުފުނީމާ، ބޯއަޅާނެ ޖާގައާއެކު ދެފަރާތަށް ހުޅުވިފައި އޮންނަ ދެ ކަންފަތްގަނޑު ނުވަތަ ފިޔަގަނޑުން ކަންފަތްމަތި ނިވާކޮށްދެއެވެ. އަދި މިއާ ގުޅިގެން ދަތްދޮޅިއަޅުވާލާނެ ދެ ސްޕޮންޖުފުރި ހޮޅި، ދެ ކަންފަތްގަނޑުން ފައިބާފައި ހުރެއެވެ. މިއީ ބާލީހުގައި ބޯ އަޅާލުމަށް ފަހު ދަތްދޮޅި އަޅުވާލަން އޮންނަ ސްޕޮންޖުގަނޑެކެވެ.

މައި ލޮފްޓީ ޕިލޯ އަކީ ހަމައެކަނި ބޯ އަޅާލާނެ ބާލީހެއް ނޫނެވެ. ފޯނާއި ބޯޑިން ޕާސް އަދި މި ނޫނަސް ދަތުރުމަތީ އަތުޖެހޭ ހިސާބުގައި ބަހައްޓަން ބޭނުންވާ ކުދި ސާމާނު ލާނެ ކުދި ޖީބުތައް ވެސް މި "ބާލީހު"ގައި ހުރެއެވެ.