01 އެޕްރީލް 2018 - 09:43

ޓިއުރިން (އޭޕްރިލް 1) – އަމިއްލަ ދަނޑުގައި އޭސީ މިލާން 3-1 އިން ބަލިކޮށް އިޓާލިއަން ލީގުގެ އެއް ވަނައިގައި ޔުވެންޓަސް އިން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ދެ ވަނައިގައި 74 ޕޮއިންޓާ އެކު އޮތް ނަޕޯލީ އިއްޔެ ކުޅުނު މެޗުން ސަސުއޮލޯއާ 1-1 އިން އެއްވަރުވުމުގެ ފައިދާ ނަގައި ޔުވެންޓަސް އިން ލީޑު ފުޅާކުރިއިރު އެ ޓީމު އެއް ވަނައިގައި އޮތީ 78 ޕޮއިންޓާ އެކު އެވެ.
މި މެޗުގެ އަށް ވަނަ މިނެޓުގައި ޔުވެންޓަސް އަށް ކުރި ހޯދައިދިނީ ޕައޮލޯ ޑީބަލާ އެވެ. މިލާނަށް އެއްވަރުކޮށްދިނީ ޔުވެންޓަސް ދޫކޮށް މި ސީޒަނުގައި މިލާނަށް ބަދަލުވި އެ ޓީމުގެ ކެޕްޓަން ލިއޮނާޑޯ ބޮނޫޗީއާ އެވެ. އިޓާލިއަން ލީގުގައި ލަނޑެއް ވައްދާނުލާ އެ ޓީމުން މީގެ ކުރިން ހަދާފައިވާ ރެކޯޑް އާކުރުމާ ގާތުގައި އޮއްވާ ބޮނޫޗީ ޖެހި ގޯލާ އެކު އެ ފުރުސަތު ވަނީ ގެއްލިފަ އެވެ. ބޮނޫޗީގެ ފައިގައި ބޯޅަ ޖެހޭ ކޮންމެ ފަހަރަކު ޔުވެންޓަސްގެ ސަޕޯޓަރުން ހަޅޭއްލަވަމުން ދަނިކޮށް، އޭނާ މި ގޯލް ޖެހީ ކޯނަރަކުން ހުރަސްވި ބޯޅައަކުން، އޭނާއާ އެކު ކުރިން ޔުވެންޓަސްގެ ޑިފެންސަށް ކުޅުނު ޖިއޯޖިއޯ ކިއެލީނީ އާއި އަންދްރޭ ބަރްޒާލީގެ ދެދެމެދުން އަރަ އެވެ.
މިލާނުން އޭގެ ފަހުން ރަނގަޅަށް ކުޅެ ހާއްސަކޮށް ދެ ވަނަ ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި އެވެ. އެކަމަކު ޔުވެންޓަސް އިން މެޗުވެ ފަހުބައިގައި ނަތީޖާ ނެރުނެވެ. އެ ޓީމަށް އަލުން ކުރި ހޯދައިދިނީ 79 ވަނަ މިނެޓުގައި ހުއާން ކުއަޑްރާޑޯ އެވެ. އަދި 87 ވަނަ މިނެޓުގައި ތިން ވަނަ ލަނޑު ޖެހީ ސާމީ ކެދީރާ އެވެ.
ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަން މިލާން ކުރަމުން އަންނަ މަސައްކަތަށް މި ނަތީޖާއާ އެކު ކޮންމެވެސް ވަރެއްގެ ހުރަހެއް ވަނީ ކުރިމަތިވެފަ އެވެ. އެ ޓީމު އޮތީ 50 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ތިން ވަނައިގައި 60 ޕޮއިންޓާ އެކު ރޯމާ އޮތްއިރު ހަތަރު ވަނައިގައި 58 ޕޮއިންޓާ އެކު އޮތީ ރޭ ހެލަސް ވެރޯނާ އަތުން 3-0 އިން މޮޅުވި އިންޓަ މިލާނެވެ. ފަސް ވަނައިގައި އޮތީ 57 ޕޮއިންޓާ އެކު ލާޒިއޯ އެވެ. އެ ޓީމު ވަނީ ރޭ އެކަކު މަދުކޮށް ކުޅުނު ބެނެވެންޓޯ އަތުން 6-2 އިން މޮޅުވެފަ އެވެ.