01 އެޕްރީލް 2018 - 09:12

ލިވަޕޫލް، އިންގްލެންޑް (އޭޕްރީލް 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި 3-1 އިން އެވަޓަން ބަލިކޮށް ލީގު ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކަށް ގާތަށް މެންޗެސްޓާ ސިޓީ ޖެހިލައިފި އެވެ.
ރޭގެ ނަތީޖާއާ އެކު، އަންނަ ހަފްތާގެ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވެގެން ލީގު ހޯދުމުގެ ފުރުސަތު ސިޓީ އަށް ވަނީ ލިބިފަ އެވެ.
ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 31 މެޗުން 84 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ރޭ ސްވަންސީ ސިޓީ އަތުން 2-0 އިން މޮޅުވި ޔުނައިޓެޑެވެ. އެ ޓީމަށް ވަނީ 31 މެޗުން 68 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ލިވަޕޫލް އޮތީ 32 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ.
މިދިޔަ ސީޒަނުގައި ސިޓީ ވަނީ 4-0 އިން އެވަޓަން އަތުން ބަލިވެފަ އެވެ. މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ލީގުގެ މެޗަކުން އޭނާ އިރުޝާދުދިން ޓީމެއް އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ. ސިޓީ ދަނޑުގައި މި ސީޒަނުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ރޭގެ މެޗު ފަށައިގެން 12 މިނިޓް ތެރޭގައި ސިޓީން ވަނީ ދެ ގޯލު ޖަހައިފަ އެވެ. ލެރޯއީ ސާނޭގެ ގޯލުން ސިޓީ ލީޑުނެގިއިރު، ދެ ވަނަ ލަނޑު ޖެހީ ގަބްރިއެލް ޖީސޫސް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީގެ ތިން ވަނަ ލަނޑު ޖެހީ ރަހީމް ސްޓާލިން އެވެ. ދެ ވަނަ ހާފުގައި އެވަޓަންގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ ޔަނިކް ބޮލާސީ އެވެ.
ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުނީ އަންނަ ހަފްތާގައި ޔުނައިޓެޑް ބަލިކޮށްގެން ލީގު ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް އެ މެޗުގައި ސިޓީގެ އެންމެ ރަނގަޅު ކުޅުންތެރިން ނުފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"ތެދެއް ޔުނައިޓެޑް ބަލިކޮށްގެން އަހަރެމެންނަށް ލީގު ލިބޭނެ. އެކަމަކު ތިން ދުވަސް ފަހުން އެބައޮތް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގު ލިވަޕޫލާ ދެކޮޅަށް. އަހަރެންގެ ނަޒަރުގައި ސިޓީން އިސްކަންދޭން ޖެހޭނީ ޗެމްޕިއަންސް ލީގަށް،" ގާޑިއޯލާ ބުންޏެވެ.
ރޭ ސްވަންސީ ކޮޅަށް ޔުނައިޓެޑްގެ ލަނޑުތައް ޖެހީ ރޮމެލޫ ލުކާކޫ އާއި އަލެކްސިސް ސަންޗޭޒް އެވެ. މި މެޗުގައި ލުކާކޫ ޖެހި ގޯލާ އެކު އޭނާ ވަނީ ޕްރިމިއާ ލީގުގައި 100 ގޯލު ހަމަކޮށްފަ އެވެ. އޭނާ އަކީ ޕްރިމިއާ ލީގުގައި 100 ގޯލު ޖެހި ބެލްޖިއަމްގެ ފުރަތަމަ ކުޅުންތެރިޔާ އެވެ.
ކްރިސްޓަލް ޕެލަސް އަތުން ލިވަޕޫލް މޮޅުވީ މެޗު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް މިސްރުގެ މުހައްމަދު ސަލާހު ޖެހި ގޯލުންނެވެ. މި ގޯލާ އެކު ސަލާހު ވަނީ ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި އެފްރިކާގެ ކުޅުންތެރިޔާގެ ރެކޯޑް އޮތް ޗެލްސީގެ ކުރީގެ ތަރި ޑިޑިއޭ ޑްރޮގްބާއާ އެއްވަރުކޮށްފަ އެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ލީގުގައި 29 ލަނޑު ޖަހައިފަ އެވެ. ޑްރޮގްބާގެ ރެކޯޑް މުގުރާލަން ސަލާހަށް އަދި ލީގުގައި ހަ މެޗު އެބައޮތެވެ.