ފާސްބަސް
ފާސްބަސް

ބުދަ ދުވަހާ ގުޅޭ

ފުލުސްމީހާ ވަގުތުން ޝާކިރު ގާތަށް ޖެހިލިއެވެ. ފޯނު އިސްޕީކަރަށް ލުމަށް، އަތުގެ އިސާރާތުން އެދުނެވެ. އަދި ހަމަޖެހިލައިގެން ވާހަކަދެއްކުމަށް ވެސް އެދުނެވެ. ޝާކިރު ފޯނު އިސްޕީކަރަށް ލިއެވެ. ގާތުގައި ފަޒީނާ ހުއްޓެވެ. ދެމަފިރިން ވެސް ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

"ކިހިނެއްވީ ދަރިފުޅާ؟" ޝާކިރު އެހިއެވެ. "ކޮންތާކު ތި އުޅެނީ؟"

"ތެދެއް ގެއަށް ޕޮލިސް އައީތަ؟" މަހާގެ އަޑުގައި ވަނީ ހާސްކަމެވެ.

"އުހުނ! މި ގެއަކަށް ނާދޭ. އެކަމަކު މި މަގުގަ ހުރި ގެއެއް ކައިރީގަ ޕޮލިހުން އުޅޭ އެބަ،" މަހާއަށް ކުޑަކޮށް ވެސް ޝައްކު ނުވާ ގޮތަށް ޝާކިރު ދޮގުހަދައިލިއެވެ. "ދަރިފުޅު ކޮންތާކު ތި އުޅެނީ؟"

ޝާކިރު ކުރާ ސުވާލަކަށް މަހާ ޖަވާބެއް ނުދެއެވެ. މަހާ ދައްކަނީ މުޅިން އެހެން ވާހަކައެކެވެ.

"އެކަމަކު ޔޫލީ ބުނި ދެންމެ ގެއަށް ޕޮލިސް އައޭ،" މަހާ ބުންޏެވެ. "ކޮންމެވެސް ކުއްޖަކު ގެއްލިގެން އެބަ އުޅެއެއްނު ދޯ! އޭނަ ކިޑްނެޕްކުރީ މަށޭ ކިޔާތަ އެކަކު ވެސް؟ މަ ވެސް ޓީވީ އެބަ ބަލަމޭ. ރައްޓެއްސަކު ގުޅާފަ ބުނީ މަށާ ވަރަށް ވައްތަރޯ އެ ކިޑްނެޕަރ. އެއީ ތެދެއް. ދުރުން ފެންނައިރު އެ ކަހަލަ ގޮތެއް ހުރޭ. އެކަމަކު.."

"ދަރިފުޅު ކޮންތާކުތަ ތި އުޅެނީ؟ ކީއްވެ ނުބުނެ ދިޔައީ؟" ޝާކިރު ކުރަން ބޭނުން ވަރަށް ގިނަ ސުވާލު ހުއްޓެވެ. "ކީއްވެ ފޯނު ނިއްވައިލައިގެން ތި އުޅެނީ؟"

"ފޯނުގެ ބެޓެރި ޑައުންވެފައޭ. ޗާޖަރެއް ވެސް ނެތް އަތަކު. އެ ..." މަހާގެ ކޯލު ކެނޑުނީއެވެ.

މަހާގެ ކޯލު އައި ހިސާބު ފުލުހުންނަށް ފާހަގަކުރެވުނެވެ. އެއީ ހުޅުމާލެ ސެންޓްރަލް ޕާކު ހިސާބެވެ. އެކަމަކު ކޯލު ކެނޑުނުލެއް އަވަސްކަމުން ވަކި މިވެނި ތަނެކޭ ބުނާކަށް ނޭނގުނެވެ. އެ ޞަރަޙައްދަށް ދިން ސަމާލުކަން އިތުރުކުރިއިރު އެހެން ދިމާއަކުން ވެސް ފުލުހުން މަޢުލޫމާތު އެއްކުރިއެވެ. މަހާއަކީ ކޮން ކަހަލަ ކުއްޖެއް ހެއްޔެވެ؟ މައިންބަފައިންނާއި މަހާއާ ދެމެދުގައި އޮތީ ކޮން ކަހަލަ ގުޅުމެއް ހެއްޔެވެ؟ މަހާގެ އިސްކޫލުގެ ރެކޯޑުތައް ވެސް ފުލުހުން ބެލިއެވެ. ދެތިންކަމެއް ސަލްމާނަށް ފާހަގަކުރެވުނެވެ. މަހާއަކީ ކަންކަން ތަޖުރިބާ ކުރާހިތްވާ ކުއްޖެކެވެ. އޭގެ ސަބަބުން މުދައްރިސުން އުފުލައިފައިވާ ޝަކުވާތައް ފައިލުގައި ހުއްޓެވެ. ނޭވާ ނުލައި ހުރެއްޖެއްޔާ މަރުވާނެ ހެއްޔެވެ؟ މަހާ އަމިއްލައަށް އެ ކަން ތަޖުރިބާކުރިއެވެ. ޓީޗަރަށް ނޭނގި ކޮޕީކުރެވިދާނެ ހެއްޔެވެ؟ އެ ކަން ތަޖުރިބާކޮށް ފަޅާއަރައިފައިވެއެވެ. މަންމަގެ ފޯނުން މަންމަގެ ނަމުގައި ދިވެހި މުދައްރިސާ ވާހަކަދައްކައިފިއްޔާ މުދައްރިސަށް އެނގޭނެ ހެއްޔެވެ؟ އެ ކަން ވެސް މަހާ ކޮށްގެން ވަނީ ބޭޒާރުވެފައެވެ.މަހާގެ ފައިލުން ފެނުނު އަނެއް ކަމަކީ، މަހާއަކީ ނުކުމެދާނެ ނަތީޖާއަކަށް ބެލުމެއް ނެތި ކަންކަން ކުރާ ކުއްޖެކެވެ. ކެރޭކަން ދެއްކުމަށް މަހާ ލޯބިކުރެއެވެ. ކޮންމެ މައްސަލައެއްގެ ވެސް އަސްލަކީ ކަންކަން ތަޖުރިބާކުރުމަށް މަހާ ބޭނުންވުމެވެ. އެކި ފަހަރުމަތިން މަހާގެ މަންމައާއި ބައްޕަ އޮފީހަށް ހާޒިރުކޮށް ނަޞޭޙަތްދެވިފައި ހުއްޓެވެ. ބެލިބެލިހެން މަހާގެ ކިބައިގައި ހުރި ނަފުސާނީ މައްސަލަތައް ފާހަގަކުރެވުނެވެ.

އުންމީދުގެ ފުރަތަމަ ދޯދި ފާޅުވީ ރަނގަޅު ވަގުތުގައި ފުލުހަކަށް ނިންމުނު ރަނގަޅު ނިންމުމެއްގެ ސަބަބުންނެވެ. ޑިއުޓީއަށް ދިޔުމަށް ޓަކައި ސައިކަލުގައި ނުކުތް ޕްރައިވެޓް ޒުލްފާގެ ސިކުނޑީގައި ވެސް އެނބުރުނީ އެންމެ ސުވާލެކެވެ. ބަސްމާ ކޮބައި ހެއްޔެވެ؟ އެ ކުއްޖާ ފޮރުވައިފައިވަނީ ކޮންތާކު ހެއްޔެވެ؟ އެ ފިކުރުގައި ޒުލްފާ އައިސް މަޑުކުރީ ޕެޓުރޯލު އަޅާ ތަނަކަށެވެ. އޭރު އެ ތަނުގައި އޮތް ކާރަކަށް ޕެޓުރޯލު އަޅަނީއެވެ. އެއްލި ކަޅިއަކުން ޒުލްފާގެ ލޮލުގައި އަޅައިގަތީ ކާރުގެ ދޮރު ދޭތެރެއިން ނުކުމެފައިވާ ހެދުމެއްގެ ބަޔެކެވެ. ކާރަށް އެރި މީހަކު އަވަސްކުރަން ހަދައިގެން ދޮރު ލެއްޕުނު ގޮތަކުން ހެދުން ހުރީ ތާށިވެފައެވެ.

އެއީ މައްސަލައެއް ނޫނެވެ. ނުރައްކާތެރި ކަމެއް ވެސް ނޫންމެއެވެ. ކުއްލިއަކަށް ޒުލްފާގެ ހިތުގައި ޝައްކު އުފެދުނެވެ. އެއީ ހެދުމެއް ހެއްޔެވެ؟ ދޯޕައްޓާއެއްގެ ބަޔެއް ހެއްޔެވެ؟ ދޯޕައްޓާ ހެދުމަކީ ދިވެހިން ދޫކޮށްލައިފައިވާ ފެޝަނެކެވެ. އާދަޔާ ޚިލާފަށް ޒުލްފާގެ ނަސީބުގަދަ ނަމަ، އެއީ ބަސްމާ ވަގަށްނެގި އަންހެންކުއްޖާގެ ދޯޕައްޓާ ކަމަށް ވެސް ނުވާންވީ ކީއްވެ ހެއްޔެވެ؟ އެކަމަކު ފުލުހުންނާއި ސިފައިންގެ އެތައް ބަޔަކު ހޯދަންއުޅޭ ކުއްޖަކު ޒުލްފާއަށް ފެންނާނީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލު ވެސް ޒުލްފާގެ ހިތުގައި އުފެދުނެވެ. ކަމަކަށް ޝައްކު އުފެދިއްޖެ ނަމަ އެ ޝައްކު ފިލުވައިލުމަކީ، ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ކުރިން ވެސް ޒުލްފާ ކުރާ ކަމެކެވެ. ފުލުހަކަށް ވުމުން އެ ކަމަށް ޒުލްފާ އިތުރު ސަމާލުކަމެއް ދެއެވެ. ވީމާ، ޒުލްފާ ސައިކަލުން ފޭބިއެވެ. ކަޅުބިއްލޫރި ޖަހައިފައިވާ ކާރު ކައިރިއަށް ގޮސް ދޮރުގައި ޓަކިޖަހައިލިއެވެ. ދޮރު ހުޅުވައިލުމުން ހެދުން ދައްކައިލައިފައި އެ ތަނުން ދިޔުމަށް ޓަކައެވެ. ދޮރެއް ނުހުޅުވިއެވެ. ޑުރައިވަރުގެ ކައިރީގައި ހުރި ދޮރުގައި ވެސް ޒުލްފާ ޓަކިޖަހައިލިއެވެ. ނުހުޅުވިއެވެ. އެ ކަމާ ޒުލްފާ ހައިރާންވިއެވެ.

ޒުލްފާއަށް ކާރުގެ އެތެރެ ނުފެނުނު ނަމަވެސް، އެތެރޭގައި އިންނަ މީހަކަށް ޒުލްފާ ފެންނާނެއެވެ. ޓަކިޖަހަނީ ފުލުހެއްކަން އެނގޭނެއެވެ. ކޮންމެކޮންމެ މީހަކަށް ދޮރު ނުހުޅުވި ނަމަވެސް ފުލުހަކު ދޮރުގައި ޓަކިދެނީ ކީއްވެތޯ ނުބަލައެއް ނުހުންނާނެއެވެ. ކާރަށް ޕެޓުރޯލު އެޅެމުންދިޔައެވެ. ޒުލްފާ ގޮސް ކާރުގެ ކުރިއަށް ހުއްޓިލިއެވެ.

ޑުރައިވަރު އިނީ އިސްޖަހައިލައިގެންނެވެ. ކާރުގެ ކުރީ ބިއްލޫރިގަނޑުގައި ޒުލްފާ ޓަކިޖަހައިލިއެވެ. ޑުރައިވަރު ބަލައި ވެސް ނުލިއެވެ. އަޅާނުލައި ޒުލްފާ ދިޔައީއެވެ. ތަންކޮޅެއް ދުރަށް ޖެހިލައިފައި ސީދާ ސަލްމާނަށް ގުޅައިލިއެވެ. ވެރިޔަކަށް ވުރެ ބޮޑަށް ސަލްމާނަކީ ޒުލްފާގެ ގާތް އެކުވެރިއެކެވެ.ހަމަ ގުޅުމާއެކު ސަލްމާން ފޯނު ނެގިއެވެ. ފެނުނު ކަންތަކާއި، ވެގެންއުޅޭ ގޮތް ޒުލްފާ ކިޔައިދިނެވެ. ހެނދުނުއްސުރެ ހޯދާ ކުށްވެރިޔަކު އެހާ އާދައިގެ ގޮތަކަށް އަތުލައިގަނެވިދާނެ ހެއްޔެވެ؟ ސަލްމާނަށް ޝައްކެވެ. އެހެންނަމަވެސް، ފަޅި ފުރުޞަތެއް ވެސް ގެއްލުވައިލާކަށް ސަލްމާން ބޭނުމެއް ނޫނެވެ. ކަންދިމާކުރި ގޮތުން ފުލުހުންގެ ޓީމެއް ވަރަށް ގާތުގައި ތިއްބެވެ. ޕެޓުރޯލު އަޅައި ނިމިގެން އެ ކާރު ނައްޓައިލި ވަގުތު ދެ ދިމާއަކުން ފުލުހުން އައިސް ކާރު ހުއްޓުވިއެވެ. އެ ވަގުތު ޑުރައިވަރު ކުއްލިއަކަށް ކާރުން ނުކުތެވެ. އޭނަ ހުރީ ހިތުން ވަރަށް ރުޅިއައިސްފައެވެ.

"އޭ ...! ތަންދައްކާ!" ނިކަން ބާރަށް އޭނަ އަމުރުކުރިއެވެ.

ޑުރައިވަރަށް ޖަވާބުދިނުމުގެ ބަދަލުގައި ފުލުހުން އައިސް ކާރުގެ ފަހަތު ދޮރުގައި ޓަކިދިނެވެ. ދެން ވެސް ދޮރެއް ނުހުޅުވިއެވެ. ދަނޑިވަޅު ބަލައިފައި ޑުރައިވަރު ދުއްވައިގަތެވެ. އެ ހިސާބުން ޒުލްފާއަށް ކަށަވަރު ވިއެވެ. ކާރުގެ އެތެރޭގައި ތިބީ ފުލުހުންނަށް ފެންނަން ބޭނުން ނުވާ ބަޔެކެވެ. ޑުރައިވަރަކަށް ނުފިލުނެވެ. ފުލުހުން ކާރަށް އެރީ ޑުރައިވަރު ސީޓާ ދިމާއިންނެވެ. ކާރުގެ ފަހަތު ސީޓުގައި ޒުވާން އަންހެންކުއްޖަކު އިނެވެ. އޭނަ ގާތުގައި ކުޑަ އަންހެންކުއްޖަކު ވެސް އިނެވެ. އެ ކުއްޖާ އިނީ ޗޮކުލެޓެއް ކާށެވެ. އެކަމަކު، ކޮންމެވެސް ވަރަކަށް ބިރުގެންފައެވެ. ދޯޕައްޓާގެބާކީ ބައި އޮތީ ސީޓުމަތީގައެވެ. އެންމެ ފުލުހެއްގެ ހުސިޔާރު ނިންމުމުގެ ސަބަބުން ހުރިހާ ދިވެހިންގެ ތުންފަތަށް ވެރިކޮށްދިނީ އުފާވެރި ހިނިތުންވުމެކެވެ. އެ ދުވަހަކީ ސަލްމާންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ.

ބަސްމާ ވަގަށްނެގީ ކީއްވެގެން ހެއްޔެވެ؟ ފުލުހުންނަށް ބަސްމާ ނުފެނުނު ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ބަސްމާއަށް ދޭން ރާވައިފައި އޮތީ ކޮން ކަހަލަ އަނިޔާއެއް ހެއްޔެވެ؟ ފުލުހުން ކުރި އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބުނެވެ. ހަނުހުރުމުގެ ޙައްޤު ކުށްވެރިން ބޭނުންކުރީތީއެވެ. ބަސްމާ ގޮވައިގެން ދަތުރުކުރި ކާރު ދުއްވީ ކާރުގެ ވެރިފަރާތަކުން ނޫނެވެ. އޭނަގެ ޑުރައިވަރެވެ. ޒުބޭރު ނަމަކަށް ކިޔާ، އުމުރުން ތިރީސް ނުވަ އަހަރުގެ ދިވެއްސެކެވެ. ފުރާވަރު އުމުރުގެ މަހާއާއި ޒުބޭރު ދިމާވީ ކިހިނެއް ހެއްޔެވެ؟ އެ ވެސް ކިޔައެއް ނުދިނެވެ. ވަކީލުންގެ ބަސްއަހައިގެން ދެ މީހުން ވެސް ހަނުހުރީއެވެ.

އެ ފަދަ ގިނަ މައްސަލަތަކުގެ ސިއްރު ހާމަވަނީ، އިންސާނާއާއި ދުނިޔެ ގުޅުވައިދޭ ކުޑަދޮރުން ބޭރު ބަލައިލީމައެވެ. މަހާއާއި ޒުބޭރުގެ ފޯނެއް ނުހުޅުވުނެވެ. ފޯނުގެ ފާސްބަހެއް މަހާ ނުބުންޏެވެ. މަހާ ގެންގުޅޭ ޓެބް ވެސް އޮތީ ފާސްބަހެއް ޖަހައިގެން ނޫނީ ނުހުޅުވޭ ގޮތް ހަދައިފައެވެ. މަހާ ގެންގުޅޭ ފޯނާއި ޓެބަކީ ކުރިން ފާސްބަހެއް ޖަހަންޖެހޭ އެއްޗެއް ނޫނެވެ. އެއީ ކުއްލިއަކަށް ކުރިމަތިވި ކަމެކެވެ. ކުރިން ކޮންމެ މީހަކަށް ވެސް ކުޅެވޭ ގޮތަށް އޮންނަ އެއްޗެއް ކުއްލިއަކަށް "ސިއްރުވުމުން" ވެސް މައިންބަފައިން ސުވާލެއް ނުކުރެއެވެ. އެ ކަން ކަމަކަށް ނުހެދީއެވެ. ނަސީބަކުން ފުލުހުންނަށް ޓެބް ހުޅުވުނެވެ. މަހާ ވަދެފައި ހުރި ވެބްސައިޓުތަކާއި، މުޢާމަލާތު ކޮށްފައި ހުރި މީހުން ވެސް އެނގުނެވެ. ޒުބޭރާއި މަހާ ދިމާވެފައިވަނީ އެފްބީންނެވެ. އެކަމަކު ކުޑަކުއްޖަކު ވަގަށްނެގުމާ ބެހޭ ގޮތުން ދައްކައިފައިވާ އެއްވެސް ވާހަކައެއް ފެންނާކަށް ނެތެވެ. ދެ ފަރާތުގެ މެދުގައި އެކި ފާޑުގެ ފޮޓޯތައް ހުރީ ބަދަލުކޮށްފައެވެ. ބޮޑެތިމީހުންނަށް ޚާއްޞަ ސައިޓުތަކަށް މަހާ ވަދެފައިވެއެވެ. ކުދިން ވަގަންނަގާނެ ގޮތް ކިޔައިދީފައިވާ ސައިޓުތަކާއި، ކުޑަކުދިންނަށް އަނިޔާކުރާނެ އެކިއެކި ގޮތްތައް ކިޔައިދޭ ސައިޓުތައް ވެސް މަހާއަށް އެނގެއެވެ. އޭގެތެރޭގައި ޖިންސީ އަނިޔާއާއި، މަރުވާނެ ކަހަލަ ބޮޑެތި އަނިޔާ ހިމެނެއެވެ. ފުލުހުން އެ ކަން ނޫސްތަކަށް ހާމަ ނުކުރި ނަމަވެސް ސަލްމާންގެ ހިތުގައި ވަރުގަދަ ސުވާލެއް ޓަކިދިނެވެ. ފުލުހުންނަށް ބަސްމާ ނުފެނު ނަމަ އެ ކުއްޖާފަކީރަށް ވާނީ ކިހިނެއްބާއެވެ؟

ކަމާބެހޭ އިދާރާއަށް މައްސަލަ ފޮނުވުމަށް ޓަކައި ހުރިހައި ހެކިތަކެއް ދަނީ އެއްކުރެވެމުންނެވެ. ބަސްމާގެ ފުރާނަ ސަލާމަތްކުރެވުނު ނަމަވެސް، އެ ފަދަ ދެވަނަ ފުރުޞަތެއް ކުށްވެރިންނަށް ލިބުނަނުދޭން ކުރެވެން ހުރި ހުރިހައި މަސައްކަތެއް ކުރުމަކީ ސަލްމާންގެ ޢަޒުމެކެވެ. އެހެންނަމަވެސް ސަލްމާނަށް އެނގެއެވެ. ބާރު އޮތީ ފުލުހުންގެ އަތަކު ނޫނެވެ. ޤާނޫނުގެ ދިގު އަތަކު ވެސް ނޫނެވެ. ހައްދުފަހަނައަޅާ ވަރަށް ދަރިންނަށް މިނިވަންކަން ދޭ މައިންބަފައިންގެ އަތުގައެވެ.

ނިމުނީ