02 އެޕްރީލް 2018 - 06:58

ހުކުރު ދުވަހު ރިލީޒް ކުރި ފިލްމް "ބާގީ 2" ގައި ޓައިގާ ޝްރޮފް ދައްކުވައި ދީފައިވާ އެކްޓިން އަށް ވަރަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. އޭނާ ކުޅެފައިވާ ވަރުގަދަ އެކްޝަން މަންޒަރުތަކާ އެކު، ގިނަ ބަޔަކު މިހާރު އިއްތިފާގު ވަނީ ޒުވާން އެކްޓަރު ޓައިގާ، 28، އަކީ މި ވަގުތު ބޮލީވުޑްގައި ހުރި އެންމެ ވަރުގަދަ އެކްޝަން ހީރޯގެ ގޮތުގަ އެވެ.
އެކަމަށް 90 ގެ އަހަރުތަކުގައި އެކްޝަން ހީރޯއެއްގެ ގޮތުގައި ލޭބަލްވި އަކްޝޭ ކުމާރް ވެސް އެއްބަސްވެ އެވެ. "ބާގީ 2" ބަލައިފައި އޭނާ ކުރި ޓްވީޓެއްގައި ބުނީ ޓައިގާއަކީ މިހާރު ބޮލީވުޑްގެ ޓޯނީ ޖާގެ ގޮތުގައި ފަހަރުވެރިކަމާ އެކު އިއުލާން ކުރެވި ދާނެ ކަމަށެވެ. އަދި ޓައިގާގެ އެކްޝަންތަކަށް އަކްޝޭ ވަނީ ތައުރީފުކޮށްފަ އެވެ.
ތައިލެންޑަށް އުފަން ޓޯނީ ޖާ، 42، އަކީ މަޝްހޫރު މާޝަލްއާޓްސް އާޓިސްޓެއް ވެސް މެ އެވެ. އޭނާ ކުޅެފައިވާ ފިލްމްތަކުގައި ބެލުންތެރިން އަންތަރީސްކޮށްލާ ވަރުގެ ވަރުގަދަ އެކްޝަންތައް އެވެ.
އަކްޝޭގެ ޓްވީޓާ ގުޅިގެން ޓައިގާ ވެސް ވަނީ ޓްވީޓަކުން އަކްޝޭ އަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ޓޯނީ ޖާގެ ގޮތުގައި އަކްޝޭ، އޭނާ ސިފަކުރުމަކީ ވަރަށް ބޮޑު ކަމެއް ކަމަށް ބުންޏެވެ.
އަހުމަދު ހާން ޑައިރެކްޓްކޮށްފައިވާ "ބާގީ 2" އަށް ކްރިޓިކުން ވެސް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ހާއްސަކޮށް ފިލްމްގައި އިންޑިއާގެ ސިނަމާ އިން މިހާތަނަށް ނުފެންނަ ކަހަލަ އެކްޝަންތައް ހިމެނޭކަން ފާގަކޮށްފައިވެ އެވެ. އަދި "ބާގީ 2" ގައި ޓައިގާ ޕްރެޒެންޓްކޮށް ދީފައިވާ ގޮތް ވަރަށް ފުރިހަމަ ކަމަށާއި މިއީ ޓައިގާގެ އެންމެ މޮޅު ފިލްމްގެ ގޮތުގައި ކްރިޓިކުން ސިފަކޮށްފައި އެވެ. މި ފިލްމަށް ޓައިގާ ވަނޯީ ހަށިގަނޑު ވެސް ވަރަށް ގަދަ އަށް ބިލްޑްއަޕްކޮށް، ބޯ ވެސް ތުނިކޮށް ކޮށައިފަ އެވެ.
"ބާގީ 2" އަކީ މި އަހަރުގެ މިހާތަނަށް ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމް ވެސް މެ އެވެ. އެގޮތުން ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" ގެ ފުރަތަމަ ދުވަހުގެ އާމްދަނީ ކަމަށްވާ 24 ކްރޯޑް ފަހަތަށް ޖައްސާލައި، "ބާގީ 2" ވަނީ 25.10 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހުކުރު ދުވަހު ހޯދައިފަ އެވެ. ފިލްމްހެ ޖުމްލަ އާމްދަނީ މިހާރު ވަނީ 40 ކްރޯޑާ ގާތްކޮށްފަ އެވެ.
ހަމަމިއާ އެކު ޓައިގާވެގެން ގޮސްފައި ވަނީ ޒުވާން އެކްޓަރުންގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދި އެކްޓަރުގެ މަގާމު ވެސް ޖަހައިގެންފަ އެވެ.
"ބާގީ 2" ބްލޮކްބަސްޓާއަކަށް ވާނެކަން މިހާރު ކަށަވަރުވެފައިވާ އިރު، ސާޖިދު ނަދިއަދްވާލާ ގެނެސްދޭ މި ފްރެންޗައިޒްގެ ތިން ވަނަ ބައެއް ވެސް ގެނެސް ދޭނެކަން ވަނީ އިއުލާންކޮށްފަ އެވެ.