ޖުމްހޫރީ ޕާޓީގެ ރިިޔާސީ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށައިފި
ޖުމްހޫރީ ޕާޓީގެ ރިިޔާސީ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށައިފި

މިއަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޖުމްހޫރީ ޕާޓީގެ ރިޔާސީ މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތް ފަށައިފި އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ވަނީ އެ ޕާޓީގެ ކައުންސިލް މެމްބަރުންނާއި ލީޑަޝިޕްގެ ބޭފުޅުން ހިމެނޭ ގޮތަށް، ރިޔާސީ މެނިފެސްޓޯއާ ގުޅޭ މަސައްކަތުގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ މެނިފެސްޓޯގެ މަސައްކަތް އެ ޕާޓީން ކުރިން ވެސް އައީ ކުރަމުން ކަމަށާއި މިދިޔަ މަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު މިހާރު އަނެއްކާވެސް ކުރިއަށްދާ ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނާ އެކު ރިޔާސީ އިންތިޚާބަށް ނިކުތަސް، ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯއެއް ވެސް އޮތުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރިއަށް ގެންދާކަން ގުޅިފައިވާ އެހެން ޕާޓީތަކާ ވެސް ހިއްސާ ކުރެވިގެން މިކަން ކުރިއަށް މިދަނީ. އެހެންވީމަ މިކަމުގައި ހުރަހެއް އޮތް ކަމަކަށް އަޅުގަނޑުމެން ނުދެކެން،" އަލީ ސޯލިހް ވިދާޅުވި އެވެ.

މެނިފެސްޓޯ އެކުލަވާލުމުގެ އިތުރުން އެ ޕާޓީގެ ކޮންގްރެސް ވެސް ބޭއްވުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށާއި އެކަމާ ބެހޭ ކޮމެޓީއެއް ވެސް މިހާރު އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދަށް ބައެއް އިސްލާހުތައް ގެނައުމަށްޓަކައި، އެ އިސްލާހުތަކަށް އާންމުގެ ޚިޔާލު ހޯދުމަށް އެ ޕާޓީގެ ވެބްސައިޓްގައި އެ އިސްލާހުތައް އާންމު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން މިހާރު މަސައްކަތް ކުރަނީ އެމްޑީޕީ އަދި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ގޮތަށް އެކުލަވާލާފައިވާ އިދިކޮޅު ކޯލިޝަންގަ އެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުުގައި އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށްޓަކައި އެކަމުގެ މަޝްވަރާތައް ކޯލިޝަން ޕާޓީތަކުގެ މެދުގައި ގެންދަނީ ކުރަމުންނެވެ.