31 މާޗް 2018 - 20:19

އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައި ހުންނަ ބޭފުޅަކަށް އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމު ވެސް ލިބޭ ގޮތަށް، ކުންފުނީގެ ހިންގާ ގަވާއިދަށް ބަދަލު ގެނައުމަށް ހިންސާދާރުންނާ މިއަދު މަޝްވަރާ ކޮށްފި އެވެ.

މީޑިއާ ނުވައްދައި، ހިއްސާދާރުންނާ މަޝްވަރާކުރަން މިއަދު ހޮޓަލް ޖެންގައި ބޭއްވި ޖަލްސާގައި އެސްޓީއޯ އިން ބުނީ، ސީއީއޯގެ މަގާމު ތައާރަފުކުރަން ޖެހެނީ ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަނަންސް ކޯޑާ އެއްގޮތަށް ހިންގާ ގަވާއިދު ބަދަލު ކުރުމަށް ކަމަށެވެ. މި ބަދަލާ އެކު، އެސްޓީއޯގެ ހިންގާ ގަވާއިދުގައި، ސީއީއޯ އައްޔަން ކުރާނެ ގޮތާއި، މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ އިތުރުން އެ މަގާމުން ވަކިކުރާނެ ގޮތް ހިމަނާނެ އެވެ.
މިހާރު އެސްޓީއޯގައި ސީއީއޯ އެއް ނުހުންނަ އިރު، އެންމެ އިސްކޮށް ހުންނާނީ އެމްޑީ އެވެ. މި ބަދަލު ފާސްވެއްޖެ ނަމަ އެމްޑީ އަކަށް ހުންނަ ބޭފުޅެއްގެ މަގާމުގެ ނަމަކީ "އެމްޑީ އެންޑް ސީއީއޯ" އެވެ.
ހިންގާ ގަވައިދަށް އިތުރުކުރަން މަޝްވަރާކުރި މާއްދާގައި ބުނަނީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެވޭ ޑިރެކްޓަރު، ކުންފުނީގެ ސީއީއޯގެ މަގާމަށް ބޯޑުން އައްޔަން ކުރަން ޖެހޭނެ ކަމަށެވެ. އަދި މެނޭޖިން ޑިރެކްޓަރު މަގާމުން ވަކިކޮށްފިނަމަ ނުވަތަ އެއްވެސް ސަބަބަކާ ހުރެ ޑިރެކްޓަރުންގެ ބޯޑުން ވަކިވެއްޖެ ނަމަ އެ މީހަކަށް ސީއީއޯގެ މަގާމު ވެސް ގެއްލޭނެ ކަމަށެވެ.
ސީއީއޯގެ މަސްއޫލިއްޔަތުތަކަކީ މެނޭޖިން ޑިރެކްޓަރުގެ މައްސޫލިއްޔަތުތައް ކަމަށާއި އެކަމަށް އިތުރު މުސާރައެއް ނުވަތަ އިނާޔަތެއް ވެސް ނުލިބޭނެ ކަމަށް ވެސް އޭގައި ބުނެ އެވެ.
މީގެ އިތުރުން ވެސް ހިންގާ ގަވާއިދަށް ބައެއް އެހެން ބަދަލުތައް ގެނައުމަށް ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ. އެގޮތުން މަޝްވަރާކުރީ ބޯޑު ޖަލްސާގެ ގާނޫނީ އަދަދަކީ ޖަލްސާގެ ކޯރަމް އެގްޒެކެޓިވް ޑިރެކްޓަރުންގެ ހަތަރު ޑިރެކްޓަރުންނަށް ބަދަލު ކުރުމަށެވެ.
އެސްޓީއޯ އިން ބުނީ މި ބަދަލު ގެންނަނީ "ޖަލްސާގެ ކޯރަމް އެންމެ މީހަކަށް ބިނާވެފައި އޮތުމުން ޖަލްސާ ބޭއްވުމުގައި ދިމާވެދާނެ ދަތިތަކާއި ވަކި ފަރާތަކަށް އެކަނި ޖަލްސާ ބޭއްވުމަށް އޮންނަ ކޮންޓްރޯލް ހުއްޓުވުމުގެ ގޮތުން" ކަމަށެވެ.
މިހާރު އޮންނަަ ގޮތުންނަމަ ކޯރަމް ހަމަވާނީ، އެގްޒެކެޓިވް ޑިރެކްޓަރުންގެ ތެރެއިން ޑިރެކްޓަރަކާއި އާންމު ހިއްސާދާރުން އިންތިހާބުކޮށްފައިވާ ޑިރެކްޓަރަކާއި އެކު ބޯޑުގައި ހިމެނޭ ޑިރެކްޓަރުންގެ އަޣުލަބިއްޔަތު އެ ޖަލްސާއަކަށް ހާޒިރު ވުމުންނެވެ.
މީގެ އިތުރުން ބޯޑުގެ ގާނޫނީ އަދަދު ހަމަނުވެއްޖެ ނަމަ ހަތް ދުވަހުގެ މުއްދަތަކަށް ޖަލްސާ ފަސްކުރުމަށް ފަހު، ދެން ބާއްވާ ޖަލްސާ އަށް ވެސް ގާނޫނީ އަދަދު ހަމަނުވެއްޖެ ނަމަ ރެޖިސްޓަރާ އޮފް ކޮންޕެނީސްގެ ހުއްދައާ އެކު ޖަލްސާ ބޭއްވިދާނެ ކަމަށް ބުނާ މާއްދާ އުވާލަން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
އެ މާއްދާ އުނިކުރަން ހުށަހެޅީ، ބޯޑުގެ ކޯރަމް ބަދަލު ކުރަން ހުށަހެޅި އިސްލާހު ފާސްވެއްޖެނަމަ، "އެ ހާލަތު މުސްތަގުބަލުގައި މެދުވެރި ނުވާނެތީ، މި މާއްދާ އޮތުމުގެ މާނަ އެއް ނުފެންނާތީ" ކަމަށް އެސްޓީއޯ އިން ބުންޏެވެ.
މިއަދު ބޭއްވި ޖަލްސާގައި މި ބަދަލުތަކުގެ އިތުރުން ވެސް، އެސްޓީއޯގެ ހިންގާ ގަވާއިދަށް ބައެއް އެހެނިހެން ބަދަލުތައް ގެނައުމަށް ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ. މިއަދު މަޝްވަރާކުރި ބަދަލުތައް ހިންގާާ ގަވާއިދަށް ގެނެވޭނީ ދެން ބާއްވާ އަހަރީ އާންމު ޖަލްސާ އިން އެ ކަންކަން ފާސް ކުރުމުންނެވެ.
ހިއްސާ ދާރުންނާ މަޝްވަރާކުރަން މިއަދު ބައްދަލުވުމެއް ބޭއްވި އިރު، ހިންގާ ގަވާއިދަށް ގެންނަ ބަދަލުތައް އާންމުކޮށް، އެ ބަދަލުތަކަށް ކޮމެންޓް ކުރުމަށް ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެސްޓީއޯ އިން އޮތީ ފުރުސަތު ހުޅުވާލާފަ އެވެ. އަދި މިއަދުގެ ޖަލްސާގައި ބައިވެރިވީ އެކަމަށް އިއުލާނު ކުރުމުން، ޖަލްސާގައި ބައިވެރިވާން އެދުނު ހިއްސާދާރުންނެވެ.