31 މާޗް 2018 - 17:55

ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ އަށް ވަނަ ދުވަހު ބާއްވަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފި އެވެ.
ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑީޖޭއޭއިން ކުރިން ވަނީ ހުޅުވާލައިފަ އެވެ. އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހު ހަމަވާ ގޮތަށް ފުރަތަމަ އިއުލާން ކުރުމަށް ފަހު ޑީޖޭއޭއިން ފަހުން ވަނީ އެ މުއްދަތު އަންނަ 25 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ.
ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގެ ތައުލީމީ ޝަރުތަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ޑިގްރީއެއް ލިބިފައިވުމެވެ. ޑިގްރީ ހާސިލްކުރީ ބޭރުގެ ޔުނިވާސިޓީއަކުން ކަމަށްވާ ނަމަ، އެ ޑިގްރީއަކީ ރާއްޖޭގެ ޔުނިވާސިޓީތަކުން ދޭ ޑިގްރީތަކާ އެއް ފެންވަރުގެ ޑިގްރީއަކަށް ވާން ޖެހޭނެ އެވެ. އަދި އެ ޑިގްރީ ދޫކުރި ގައުމެއްގައި ވަކީލުކަމުގެ ހުއްދަ ދިނުމުގައި ގަބޫލުކުރާ ޑިގްރީއަކަށް ވެސް އެ ޑިގްރީއެއް ވާން ޖެހޭނެ އެވެ.
މީގެ އިތުރުން ވަކި ބާވަތުގެ ކުށްތަކެއް ސާބިތުވެފައި ނެތުމަކީ ވެސް ވަކީލުކަމުގެ ހުއްދަ ދިނުމުގައި ބަލާ ޝަރުތެކެވެ. ވަކީލުކަމުގެ ހުއްދަ ދޭނީ އެކަމަށް ސުޕްރީމް ކޯޓުގައި އޮންނަ ކޮމެޓީއަކުންނެވެ.