މަހުލޫފް ވެސް މާފުށީ ޖަލަށް ބަދަލުކޮށްފި
މަހުލޫފް ވެސް މާފުށީ ޖަލަށް ބަދަލުކޮށްފި

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިއަދު މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

މަހުފޫލްގެ އަނބިކަނބަލުން އަމިނަތު ނަޒްރާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަހުލޫފު މާފުށީ ޖަލަށް ބަދަލުކުރިކަން މީގެ އިރުކޮޅެއްކުރިން ދޫނިދޫ ކަސްޓޯޑިއަލްއިން ގުޅާފައި އެންގި ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއަކުން މިދިޔަ މަހުގެ 22 ގައި ހައްޔަރުކުރި މަހްލޫފްގެ ބަންދަށް މިމަހު 17 ވަނަ ދުވަހު 13 ދުވަސް ދިނުމާ ހަމައަށް އޭނާ ބަންދުގައި ހުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. ނަމަވެސް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު ފަސް ދުވަހު ބަންދުގައި ބަހައްޓަން ވަނީ އަމުރު ދީފަ އެވެ.

ފުލުހުންނަށް ހުރަސް އެޅުމުގެ ދެ ދައުވާއެއް ސާބިތުވެ، 2016 ވަނަ އަހަރު ވަނީ މަހުލޫފް 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފަ އެވެ.

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ނެރެ، ވެރިކަން ވައްޓާލަން މަސައްކަތްކުރުމުގެ ތުހުމަތަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން އެތައް ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން މިހާރު ބަންދުގައި ތިބި ގިނަ ބޭފުޅުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށް މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ.