31 މާޗް 2018 - 16:53

ރާއްޖޭގައި މަސްވެރިކަމާއި ޓޫރިޒަމް ތަރައްގީކުރަނީ ތިމާވެށި ގުރުބާންނުކޮށް ކަމަށް ފޮރިން މިނިސްޓަރު މުހައްމަދު އާސިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްބެސެޑަރުންނާ އެކު ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އާސިމް ވިދާޅުވީ އެ ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ވެސް ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ކުރުމާއި ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ޓޫރިޒަމް ތަރައްގީކުރުމާއި ތިމާވެށި ހިމާޔަތްކުރުމުގެ ތަޖުރިބާ ހިއްސާކުރުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއިން އަންނަނީ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ކުދި ގައުމުތަކުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ވެސް މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ޗެއާމަންގެ ހައިސިއްޔަތުން ވެސް ކުދި ގައުމުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ރާއްޖެއިން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އާސިމް ވިދާޅުވި އެވެ. އޭގެ އިތުރުން އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރި ދެ ދައުރު ވެސް ކުދި ގައުމުތަކުގެ ތިމާވެށީގެ މައްސަލަތަކާއި އިންސާނީ ހައްގުތަކާ ބެހޭ މަސައްކަތްތަކެއް ކުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގައުމުގެ ސައިޒަށް ނުބަލައި ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް އދ.ގެ ނިންމުތަކާ މެދު އަޑުއުފުލުމުގެ ޖާގަ އޮންނަންވާނެ ކަމަށެވެ. އަދި ރާއްޖެއިން 2019 އާއި 2020 ވަނަ އަހަރުގެ އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ވާދަކުރަނީ ވެސް އެ ފުރުސަތު ހޯދުމަށް ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.