31 މާޗް 2018 - 12:16

މޮސްކޯ (މާޗް 31) - އިނގިރޭސި ވިލާތުގައި ރަޝިޔާގެ ކުރީގެ ޖާސޫސަކަށް ވިހަ ދިން މައްސަލާގައި ރަޝިޔާ އަށް ކުރާ ތުހުމަތުގައި ބައެއް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން 23 ގައުމެއްގެ ޑިޕްލޮމެޓުން ރަޝިޔާ އިން ފޮނުވާލަން ނިންމައިފި އެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީ އަށް ވަނީ 23 ގައުމެއްގެ ހެޑްސް އޮފް މިޝަން ހާޒިރުކޮށްފަ އެވެ. އަދި އެ ގައުމުތަކުގެ ބައެއް ސްޓާފުން ފުރަން ޖެހޭކަން ވަނީ އަންގައިފަ އެވެ.
ފްރާންސް، ޖަރުމަން، ކެނެޑާ އަދި ޕޮލެންޑުން ބުނެފައި ވަނީ ކޮންމެ ގައުމަކުން ހަތަރު ޑިޕްލޮމެޓުން ރަޝިޔާ އިން ފޮނުވާލާނެކަން އަންގާފައިވާ ކަމަށެވެ. ޔޫކްރޭން، ނެދަލޭންޑްސް، ސްވިޑަން، ޗެކް ރިޕަބްލިކް، ފިންލެންޑް، ލިތުއޭނިއާ އަދި ނޯވޭގެ މަންދޫބުން މޮސްކޯ އިން ފުރަން ވަނީ އަންގައިފަ އެވެ.
ރަޝިޔާގެ ކުރީގެ ޖާސޫސް އާއި އޭނާގެ އަންހެން ދަރިފުޅަށް ވިހަ ދިނުމުގެ ފަހަތުގައި ވަނީ ރަޝިޔާ ކަމަށް އިނގިރޭސި ވިލާތާއި ޔޫރަޕުގެ ވަރަށް ގިނަ ގައުމުތަކުން ވަނީ ބުނެފަ އެވެ. ރަޝިޔާއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ދަށުން އިނގިރޭސި ވިލާތުން މިހާރު ވަނީ ރަޝިޔާގެ 23 ޑިޕްލޮމެޓުން ފޮނުވާލައިފަ އެވެ. ރަޝިޔާ އިން ވެސް ވަނީ އިނގިރޭސި ވިލާތުގެ 23 ޑިޕްލޮމެޓުން ފޮނުވާލައިފަ އެވެ. އަދި އެމެރިކާ އިން ވެސް ރަޝިޔާގެ 60 ޑިޕްލޮމެޓުން ފޮނުވާލުމުމާ އެކު ރަޝިޔާ އިން ވެސް ވަނީ އެމެރިކާގެ 60 ޑިޕްލޮމެޓުން ފޮނުވާލައިފަ އެވެ.
ރަޝިޔާގެ ކުރީގެ ޖާސޫސް ސާގީ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔޫލިއާ އެޑްމިޓްކުރީ ސަލިސްބަރީގައި މި މަހު 4 ވަނަ ދުވަހު ނާވް އެޖެންޓެއްގެ އަސަރުކޮށްގެންނެވެ. އެ މީހުންނަށް ފަރުވާ ދެމުން ދަނީ ސަލިސްބަރީ ޑިސްޓްރިކްޓް ހޮސްޕިޓަލުގަ އެވެ.