01 އެޕްރީލް 2018 - 06:44

ބޮލީވުޑްގެ މަޝްހޫރު ހަތަރު ޑައިރެކްޓަރަކުވެގެން 2013 ގައި ގެނެސްދިން އެންތޮލޮޖީ ފިލްމް "ބޮމްބޭ ޓޯކީޒް" އަށް ފަހު، އަނެއްކާ ވެސް މިއޮތީ ހަމަ އެ ޓީމްގެ ފިލްމެކެވެ. މި ފަހަރުގެ ފިލްމްގެ ނަމަކީ "ލަސްޓް ސްޓޯރީސް" އެވެ.
ހަތަރު ޑައިރެކްޓަރުންގެ ހަތަރު ވާހަކައެއް ތަފާތު ސެގްމަންޓްތަކެއްގެ ގޮތުގައި ގެނެސްދޭ ފިލްމު މި ފަހަރު ބޮޑު ސްކްރީނަކަށް ނުގެންނާނެ އެވެ. "ބޮމްބޭ ޓޯކީޒް" ސިނަމާގައި ރިލީޒް ކުރި ނަމަވެސް، "ލަސްޓް ސްޓޯރީ" ގެނެސް ދޭނީ ސްޓްރީމިން ކުންފުނި ނެޓްފްލިކްސް އިންނެވެ.
މި ފަހަރު ކަރަން ޖޯހަރްގެ ސެގްމަންޓް "ލަސް އެންޑް ލަސްޓް" ގެ ލީޑް ތަރިންނަކީ ވިޝާލް ކޯޝަލް އާއި ކިއާރާ އަދްވާނީގެ އިތުރުން ނީހާ ދޫޕިއާ އެވެ. އެ ސެގްމަންޓްގެ މަސައްކަތް ވެސް މިހާރު އޮތީ ނިންމައިފަ އެވެ.
އަނޫރާގް ކެޝަޕްގެ ސެގްމަންޓްގެ ތަރިންނަކީ ރާދިކާ އަޕްޓޭ އާއި މަރާޓީ ފިލްމް "ސައިރާތު" ގެ ބަތަލު އާކާޝް ތޯސަރް އެވެ. ދިބާކަރް ބެނަޖީގެ ސެގްމަންޓްގެ ތަރިއަކީ މަނީޝާ ކޮއިރަލާ އެވެ. ޒޯޔާ އަހްތަރުގެ ސެގްމަންޓުން ފެނިގެން ދާނީ ބޫމީ ޕެޑްނޭކަރް އެވެ.
ނެޓްފްލިކްސް އިން "ލަސްޓް ސްޓޯރީ" ގެނެސް ދޭން ނިންމުމާ ގުޅިގެން ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ނެރުނު ބަޔާނެއްގައި ބުނީ މީގެ ސަބަބުން ފުޅާ އޯޑިއަންސަކަށް ފިލްމް މާ ރަނގަޅަށް ފޯރުކޮށް ދެވޭނެ ކަމަށެވެ. އޭނާ ދާދި ފަހުން ވެސް ވަނީ ނެޓްފްލިކްސްއާ ގުޅިގެން އިތުރު އުފެއްދުމެއް ގެނެސް ދީފަ އެވެ. އެއީ ވިކީ ލީޑް ރޯލް ކުޅެފައިވާ "ލަވް ޕަ ސްކެއާ ފޫޓް" އެވެ.
މި ނިންމުމާ ބެހޭ ގޮތުން "ލަސްޓް ސްޓޯރީސް" ގެ ހަތަރު ޕްރޮޑިއުސަރުން ވެސް ތިބީ ވަރަށް ހިތްހަމަޖެހިފަ އެވެ. އެ މީހުން ބުނި ގޮތުގައި މިއީ އިންޑިއާގެ ވާހަކަތަކެއް އިންޓެނަޝަނަލް އޯޑިއަންސަށް ވިއްކަން އޮތް އެންމެ ރަނގަޅު އެއް ފުރުސަތެވެ.
ނަމަވެސް ނެޓްފްލިކްސް އިން "ލަސްޓް ސްޓޯރީ" ގެނެސް ދޭނެ ފަށާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ. އަނޫރާގް، ސައިފް އަލީ ހާން ލީޑަށް ރޯލަށް ލައިގެން ހެދި "ސެކްރެޑް ގޭމްސް" އަންނަ ޖުލައި މަހުގެ 6 އިން ފެށިގެން ނެޓްފްލިކްސް އިން ގެނެސް ދޭން ފަށާނެ އެވެ.
ވަރުގަދަ ހަތަރު ޑައިރެކްޓަރެއްގެ ދެވަނަ އެންތޮލޮޖީ ފިލްމް ގެނެސް ދޭން ތައްޔާރުވަމުން އަންނަ އިރު، ކަރަން ފިޔަވައި އަނެއް ތިން ޑައިރެކްޓަރުން މިހާރު އަންނަނީ ފީޗާ ފިލްމްތަކެއް ވެސް ހަދަމުންނެވެ.
އެގޮތުން ޒޯޔާގެ ކުރިއަށް އޮތް ފިލްމަކީ ރަންވީރް ސިންގް އާއި އާލިއާ ބަޓްގެ "ގަލީ ބޯއި" އެވެ. ދިބާކަރްގެ ފިލްމަކީ އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާގެ "ސަންދީޕް އޯރް ޕިންކީ ފަރާރް" އެވެ. އަނޫރާގްގެ ފިލްމަކީ އަބިޝެކް ބައްޗަން އާއި ތާޕްސީ ޕައްނޫ އަދި ވިކީގެ "މަންމަރްޒިޔާ" އެވެ.