މަލާލާގެ އުފަން ޓައުނަށް ޒިޔާރަތް ކޮށްފި
މަލާލާގެ އުފަން ޓައުނަށް ޒިޔާރަތް ކޮށްފި

އިސްލާމްއާބާދު (މާޗް 31) - ތާލިބާނުން ދިން މަރުގެ ހަމަލާއަކުން ސަލާމަތްވި ފަހުން މަލާލާ ޔޫސުފްޒައި ފުރަތަމަ ފަހަރަށް ޕާކިސްތާނަށް ކުރާ ދަތުރުގައި އޭނާގެ އުފަން ޓައުނަށް މިއަދު ޒިޔާރަތްކޮށްފި އެވެ.

އުމުރުން މިހާރު 20 އަހަރުގެ މަލާލާގެ ބޮލަށް ތާލިބާނުން 2012 ވަނަ އަހަރު ބަޑިޖެހީ އޭނާ އަންހެން ކުދިންނަށް ތައުލީމް ދިނުމަށް ހިތްވަރު ދޭތީ އެވެ. މަލާލާގެ އުފަން ސްވަޓް އަކީ ތާލިބާނުންގެ ބާރު ގަދަ ސަރަހައްދެކެވެ.

މަލާލާގެ އުފަން އަވަށް މިންގޯރާ އަށް ދާން އޮންނަ ހުރިހާ މަގެއް މިއަދު ބަންދުކޮށްފައިވާ ކަމަށް ރޮއިޓާސް އިން ބުންޏެވެ.

އިސްލާމްއާބާދުގައި ބޮޑު ވަޒީރުގެ އޮފީހުގައި މަލާލާ ބުރާސްފަތި ދުވަހު ވަނީ ވަރަށް ޖަޒުބާތީ ތަގްރީރެއް ދީފަ އެވެ.

"އަބަދުވެސް އަޅުގަނޑުގެ އުއްމީދެއް ޕާކިސްތާނަށް ޒިޔާރަތް ކުރުން. އަދި ޕާކިސްތާނުގައި ބިރެއް ނެތި މަގުތަކުގައި ހިނގާ، މީހުންނާ ބައްދަލުކޮށް އުޅުމަކީ އުއްމީދެއް،" މަލާލާ ބުންޏެވެ.

މަލާލާ ޕާކިސްތާނުގައި ހަތަރު ދުވަސް ހޭދަކުރާނެ އެވެ. އޭނާގެ ދަތުރުގައި މަލާލާ ފަންޑުގެ ބައެއް އޮފިޝަލުން ވެސް ބައިވެރިވެ އެވެ.

އެންމެ ހަގު އުމުރުގައި ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ މަލާލާ ވަނީ އުމުރުން 11 އަހަރުގައި ބީބީސީ އުރުދޫ އަށް ކޮލަމެއް ލިޔަން ފަށައިފަ އެވެ. އޭނާ އަށް ހަމަލާ ދިނީ ސްކޫލް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ބަހުގައި އިންދަ އެވެ. އޭރު މަލާލާގެ އުމުރަކީ 15 އަހަރެވެ. އޭނާ އަށް ފަރުވާދީފައި ވަނީ އިނގިރޭސި ވިލާތުގަ އެވެ. މަލާލާ މިހާރު ދިރިއުޅެނީ ބާމިންހަމްގަ އެވެ. ތާލިބާނުން ބުނެފައި ވަނީ މަލާލާ އަށް ހަމަލާ ދިނީ އޭނާ އަކީ ހުޅަނގުގެ އެޖެންޓަކަށް ވާތީ ކަމަށެވެ. މަލާލާ އަށް ނޯބެލް ސުލްހައިގެ އިނާމު ދީފައި ވަނީ 2014 ވަނަ އަހަރު އެވެ.