02 އެޕްރީލް 2018 - 06:59

"ވޮންޑަ ވުމަން 2" ގެ ވިލަންގެ ރޯލަށް ބަތަލާ ކްރިސްޓެން ވިގް ހަމަޖެއްސުމަށް ފަހު، ފިލްމްގެ މުހިއްމު ރޯލަކަށް އަނެއްކާ ވެސް ވަރުގަދަ ތަރިއަކު ހަމަޖައްސައިފި އެވެ.
ޕެޓީ ޖެންކިންސް ޑައިރެކްޓްކޮށް، ގަލް ގެޑޯ ޓައިޓްލް ރޯލް ކުޅޭ ފިލްމްގެ ކާސްޓަށް މި ފަހަރު އިތުރު ކުރީ އެކްޓަރު ޕެޑްރޯ ޕާސްކަލް އެވެ. ނަމަވެސް 42 އަހަރުގެ އެކްޓަރު ފެނިގެން ދާނީ ކޮން ކަހަލަ ކެރެކްޓާއަކުން ކަމެއް އަދި ނޭނގެ އެވެ.
މަޝްހޫރު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގައި ވެސް މަސައްކަތް ކުރާ ޕެޑްރޯ މީގެ ކުރިން ވެސް ވަނީ ޕެޓީއާ އެކު މަސައްކަތްކޮށްފަ އެވެ. އެއީ 2011 ގެ ޓީވީ ފިލްމް "އެކްސްޕޯޒްޑް" ގަ އެވެ.
މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ވޮންޑަ ވުމަން" ގެ ދެވަނަ ބައި ސިނަމާތަކަށް އަންނާނީ ނޮވެމްވަރު، 1، 2019 ގަ އެވެ.
މިދިޔަ އަހަރު "ކިންގްސްމަން: ދަ ގޯލްޑެން ސާކަލް" އިން ވެސް ފެނިގެން ދިޔަ ޕެޑްރޯގެ ދެ ފިލްމެއް މި އަހަރު ރިލީޒް ވާން އެބަ އޮތެވެ. އެއީ "ދި އީކްއެލައިޒާ 2" އާއި "އިފް ބީލް ސްޓްރީޓް ކުޑް ޓޯކް" އެވެ. މިހާރު ޝޫޓް ކުރަމުން އަންނަ އަދި އަންނަ އަހަރު ރިލީޒް ކުރާ "ޓްރިޕްލް ފްރޮންޓިއާ" ގެ ކާސްޓުންގެ ތެރޭގައި ވެސް ޕެޑްރޯ ހިމެނެ އެވެ.
އެ ފިލްމްގެ ތަރިންގެ ތެރޭގައި ބެން އެފްލެކާއި އޮސްކާ އިސާކް ވެސް ހިމެނެ އެވެ.